އަހުރެން މިއުޅެނީ މާދިގު ތަޤްރީރެއް ދޭކަށް ނޫނެވެ. ގިނަ ދެމަފިރިންގެ މެދުގައި މައްސަލަތައް ގިނަވެ ކައިވެނި ރޫޅެން މެދުވެރިވާކަން ފާހަގަކުރެވޭ ކަމަކާއި އެކަމަށް އޮތް ޙައްލާއިމެދު ކުޑަ ބަހެއް ބުނެލާށެވެ! މިބަސް މިބުނަނީ ދެމަފިރިންނަށެވެ.
ކޮންމެ މީހަކީވެސް ލޯތްބާއި އަޅައިލުމާއި ސަމާލުކަން ބޭނުންވާނެ މީހެކެވެ. އެހީތެރިކަންވެސް ބޭނުންވާނެ މީހެކެވެ. ކޮންމެ އިންސާނަކީވެސް މިކަންކަން ލިބުމަށް އިންތިހާއަށް ބޭނުންވާނެ މީހެކެވެ. އެހެންކަމުން ބައިވެރިޔާގެ ކިބައިން އެކަންކަން ނުލިބޭނަމަ އެކަންކަން ލިބޭނެ ގޮތެއް ހޯދައި އެކަންކަން ލިބޭ މީހާގެ ފަރާތަށް ބުރަވެވުމަކީ ޠަބީޢީ ގޮތުން ހިނގާނެ ކަމެކެވެ.
އެކަމަށް އޮތް ޙައްލަކީ ރުޅި އައުމެއް ނޫނެވެ. އެފަދަ ކަމެއް ކުރިމަތިވާނަމަ ބައިވެރިޔާ އާއިމެދު ތިމާއަށް އިހްމާލުވެވޭ ކަމާއިމެދު ވިސްނައިލާށެވެ. ތިމާގެ ކިބައިން އިޞްލާޙްކުރަން ޖެހޭ ކަންކަން އަވަހަށް އިޞްލާޙްކޮށްލާށެވެ.
އަނބިމީހާއަށް ކަމަށްވާނަމަ އޭނާއަށް މާއްދީ ގޮތުން ބޭނުންވާ ހުރިހާ ކަންކަން ފުރިހަމަކޮށްދެވުމަކީ ހުރިހާ މައްސަލަތަކެއްގެ ޙައްލެއް ނޫނެވެ. ހޯދައިދެވޭ ތަކެއްޗަށްވުރެ ބޮޑަށް ބޭނުންވާނީ ލޯތްބާއި އަޅައިލުމާއި އެހީތެރިކަމެވެ.
ހުރިހާ ކަމެއް ކިތަންމެ ރަނގަޅަކަށް ކޮށްދިން ނަމަވެސް މީހަކު ނުބައިމަގެއް އިޚްތިޔާރުކޮށްފާނެއެވެ. ނަމަވެސް އެއީ ގިނަ މީހުން ކަންކަން ކުރާނެ ގޮތެއް ނޫނެވެ. ޒަވާޖީ ހަޔާތަކަށް ފެށުމަށްފަހު ބައިވެރިޔާއަށް ތެދުވެރިވެ ވަފާތެރިވެ ލޯތްބާއި އަޅައިލުންދީ އެހީތެރިވާނަމަ ނުބައި މަގެއް އިޚްތިޔާރުކުރާނީ ވަރަށް މަދު މީހެކެވެ.
އަނބިން ފިރިންނަށް ޚިދުމަތްކުރުމުގައިވެސް މިބުނިމަގުން ސަމާލުކަންދޭންވާނެއެވެ. ބުރަކޮށް އުޅެންޖެހުނަސް ވެވުނު ވަރަކުން ފިރިމީހާގެ ކަންކަމަށް ސަމާލުކަންދޭންވާނެއެވެ. ސިއްރެއްވެސް ބުނެލާނަމެވެ. ފިރިން ބޮޑަށް ބޭނުންވާނީ ގައިގައި ބީހުމެވެ. އެކަމަށް ސަމާލުކަންދޭނަމަ ދެން ހުންނަ އުނިކަންކަމުގެ ވާހަކަ ނުވެސް ދައްކާނެއެވެ. އެއްވެސް ޙާލެއްގައި މިބުނީ އަނބިން އެކަން ބޭނުން ނުވާނެ ވާހަކައެއް ނޫނެވެ. އަނބިންނަށްވުރެ ބޮޑަށް ފިރިންނަށް ބޭނުންވާނެ ވާހަކައެވެ. ކުދިންބެލުމާއި ގޭގެ މަސައްކަތުގައި ބުރަކޮށް އުޅޭ އަނބިން ވަރުބަލިވެފައި ތިބޭވަރުން ވަރަށް ފަސޭހައިން ނިދާނެއެވެ. ނަމަވެސް އެފަދަ އަނބިންވެސް ބޭނުންވާނެ އެއް ކަމެއް ބުނާނަމެވެ. އެއީ ނިދާއިރު އެނދުގައި ފިރިމީހާ އޮތުމެވެ. ނެތްނަމަ ވަރަށް މައްސަލަ ހޫނުވާނެއެވެ.
ޒަވާޖީ ޙަޔާތުގެ ފޮނިމީރުކަން ލިބިލިބި ހުންނަން ބޭނުންވާ މީހާ މިބުނިމަގުން ޢަމަލުކޮށްބަލާށެވެ! އެއިރުން ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ބޮޑުތަނުން މަދުވެގެންދާނެއެވެ. ކައިވެނި ރޫޅައިލާން ނުވެސް ޖެހޭނެކަމަށް ބުނެވޭ ވަރަށް ވަރީގެ މައްސަލަތައް މަދުވެގެންދާނެއެވެ. އިން ޝާ ﷲ
ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން