ތިމާގެ ބުއްދިއާ ވިސްނުމުގެ މައްޗަށް އަމިއްލަ ބާރު ހިންގުން ސަމާލުކަންދޭންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 54ސ
ތިމާގެ ބުއްދިއާ ވިސްނުމުގެ މައްޗަށް އަމިއްލަ ބާރު ހިންގުން ސަމާލުކަންދޭންޖެހޭ ކަމެއް!

ބައެއް މީހުންނަށް ކަމެއް ދިމާވާއިރަށް ތިމާގެ އަމިއްލަ ވިސްނުމުން އެކަމެއް ޙައްލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި ކޮންމެވެސް މީހަކާއި ވާހަކަ ދައްކައި އެމީހާގެ ޚިޔާލު ހޯދައި އެމީހާ ބުނާ ގޮތަކަށް ކަންކަން ކުރެއެވެ. ތިމާ އުޅޭނެ ގޮތް ކަނޑައަޅަން އެހެން މީހުން އުޅޭ ގޮތް ބަލައެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫނެވެ.  

އެހެން މީހުންގެ ޚިޔާލު ހޯދަންވާނީ ތިމާ އަމިއްލައަށް އެކަމަކަށް ވިސްނުމަށްފަހު އިތުރަށް ކަންކަން އޮޅުންފިލުވަން ބޭނުންވާނަމައެވެ. ކަންކަން އިތުރަށް ފުރިހަމަ ކުރުމަށެވެ. އަދި އެހެން މީހުންގެ ދިރިއުޅުމާއި ކަންކަމުން ނަކަލުކުރަންވާނީ އެކަމަކުން ތިމާގެ ދިރިއުޅުމަށް އިތުރަށް ފައިދާކުރާނެ ކަންކަމުގައެވެ. 

އެހެން މީހުންގެ ޚިޔާލާ އެހެން މީހުން ކުރާ ކަންކަމަށް އިސްކަންދޭނަމަ ތިމާއަށް ދެއްވެވި ބުއްދީގެ ހުރި ކުޅަދާނަކަން ތަޖުރިބާވެސް ނުކުރެވޭނެއެވެ. ތިބާއަށް ޚިޔާލުދޭ މީހާގެ ވިސްނުމަށްވުރެ ތިބާގެ ވިސްނުން މާފުރިހަމަވުމަކީ ހަމަ ފުރުޞަތު އޮތްކަމެކެވެ. ﷲ ތަޢާލާ އަންގަވާފައިވެސް ބުއްދީގެ ބޭނުންކޮށްގެން ކަންކަން ކުރުމަށެވެ. ވީމާ އަހުރެމެން އަބަދުވެސް މަސައްކަތްކުރަންވީ ތިމާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ބުއްދީގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށެވެ. ބޮޑަށް ފައިދާކުރާނީ އެއިރުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ގުޅުންހުރި ލިޔުމެއް:  

ބުއްދި އަޅުވެތިވިޔަ ނުދޭށެވެ! 

ޝައިޚް ޝަފީޢު ޢަބްދުﷲ  

އެހެން މީހަކު ތިބާ ޖިސްމާނީ ގޮތުން އަޅުވެތިކޮށްފިއްޔާ ތިބާއަށް އެ ކަން އެނގޭނެއެވެ. އެހަނަސް، އެހެން މީހަކު ތިބާ ބުއްދީގެ ގޮތުން އަޅުވެތިކޮށްފިއްޔާ ތިބާއަށް ރޭކާ ވެސް ނުލާނެއެވެ. ތިބާއަކީ ކިތަންމެ މޮޅު ބުއްދިވެރިޔަކަށް ވިޔަސްވެހެވެ. 

މީގެ އަލިގަދަ މިސާލެއް ޢުމަރުގެފާނުންގެ ސިޔަރަތުން ފެންނާން އެބަ އޮތެވެ. އެއީ، ޢުމަރުގެފާނު އިސްލާމްވެވަޑައިގެން އެބޭކަލުން ޖާހިލިއްޔަ ޒަމާނުގައި ކުރެއްވި ބުއްދި ހަމަނުޖެހޭ ކަންކަމުގެ ވާހަކަ ބަޔާންކުރައްވާ އިރު އޭގެ ތެރެއިން ބަޔާންކުރައްވާ އެއް ވާހަކައެވެ. އެއީ ޢަޖުވާ ކަދުރުން ބުދު ހަދާ ވާހަކައެވެ. އަދި އެއަށް އަޅުކަން ކުރާ ވާހަކައެވެ. އެއަށް ފަހު، ބަނޑުހައިވީމާ، އެ ކަދުރުތައް ފަރީކުޅުއްވާ ވާހަކައެވެ. 

އެ ވާހަކަ ވިދާޅުވެދެއްވަމުން އެކަލޭގެފާނު ހިނިފުޅުވަޑުވާ ކަމަށްވެއެވެ. އޭރު އެބޭކަލުންގެ ބުއްދިފުޅު އަޅުވެތިވެފައިވާ މިންވަރާ މެދު ޖޯކުޖައްސަވާފައެވެ. ކާބަފައިން އަޅުކަން ކުރަމުން އައި ދީނަކީ ޙައްޤު ކަމަށް ޤަބޫލުފުޅުކުރެވިފައި އޮތީއެވެ. އެހަނަސް، އެއީ ބުއްދިއަށް ކުރިމަތިވި އަޅުވެތިކަމެއްކަން އެކަލޭގެފާނަށް އެނގިވަޑައިގެންނެވީ އިސްލާމްވެވަޑައިގެންނެވުމަށް ފަހުއެވެ. އެހެންޏާ، އެބޭކަލުންނަކީ ސިކުނޑިއާއި ބުއްދީގެ ގޮތުން އެންމެ ތޫނުފިލި ބޭފުޅުންނެވެ. އެ ކަމުގައި އެންމެ އަރައި ތިއްބެވި ބޭފުޅުންނެވެ. އެހަނަސް، ބުއްދި އަޅުވެތިވުމަކީ އެހައި ނުރައްކައުތެރިކަމެކެވެ. 

ވުމާއެކު، އަމިއްލަ ސިކުނޑިން، އަމިއްލަ ބުއްދިން ކަންކަމާ މެދު އިންތިޤާދީ ނަޒަރަކުން (ކްރިޓިކަލް ވިސްނުމަކުން) ވިސްނައި ފިކުރުކުރުމާއި، އެއްވެސް މީހަކަށް ތިބާގެ ބުއްދި އަޅުވެތިވިޔަ ނުދީ، އެ ބުއްދިއަށް ރައްކައުތެރިވުމަކީ ކޮންމެހެން ލާޒިމުކަމެކެވެ. އެހެން ނޫނީ، ފާޅުވެގެންވާ ބާޠިލެއްގައި، ފާޅުވެގެންވާ ފަސާދައެއްގައި ތިބާ ހުއްޓަސް ތިބާއަކަށް ރޭކާއެއް ވެސް ނުލާނެއެވެ. ތިބާއަށް ހީވެފައި އޮންނަނީ ތިބާއަށް ހުރެވެނީ ޙައްޤުގައި ކަމެވެ. ތިބާ ނަޞްރު ދެނީ ޙައްޤަށް ކަމަށެވެ. އެހަނަސް، ޙައްޤާ ކައިރިން ވެސް އަދި ދުރުން ވެސް އެ ކަމާ އެއްވެސް ގުޅުމެއް، އެއްވެސް މަޞްލަޙަތެއް ނޯންނާނެއެވެ.

މިއަދު އޮންލައިން