ދަރިން މައިންބަފައިންނަށްވުރެ އެހެން މީހުންގެ ބަސް ޤަބޫލުކުރަނީ ކީއްވެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ދަރިން މައިންބަފައިންނަށްވުރެ އެހެން މީހުންގެ ބަސް ޤަބޫލުކުރަނީ ކީއްވެތަ؟

ގިނަ ބައަކަށް މިވާގޮތަކީ ކަމެއް ދިމާވާއިރަށް ފުރަތަމަވެސް އިނގިލި ދިއްކުރެވެނީ އެހެން މީހުންނަށެވެ. ކުށްވެރިކުރެވެނީ އެހެން މީހުންނެވެ. ތިމާގެ ކުށް ޤަބޫލެއް ނުކުރެވެއެވެ. މިކިޔައިދޭ ކަންތަކުގައިވެސް ގިނަ ފަހަރު މެދުވެރިވަނީ އެފަދަ ގޮތެކެވެ.  

ތިމާގެ އަމިއްލަ ދަރިން ތިމާގެ ބަހަށްވުރެ ޢާއިލާގެ އެހެން މީހުންގެ އަދި އެނޫން މީހުންގެވެސް ބަސް ޤަބޫލުކުރާ މައްސަލައަކީ ކުރިމަތިވާ ކަމެކެވެ. މިފަދަ ކަންކަމާއި ގުޅިގެން ބައެއް ފަހަރު ޢާއިލާގެ އެމީހަކަށް ނުބައި ތުހުމަތުތައްވެސް ކުރެވެއެވެ. ތިމާގެ ދަރިންނަށް ނުބައި ނަޞޭޙަތް ދެނީކަމަށްވެސް ބުނެވެއެވެ. މައިންބަފައިންގެ ނުބައިވާހަކަ ދައްކަނީކަމަށްވެސް ބުނެވެއެވެ. މައިންބަފައިން ކޮށްނުދޭ ކަންކަން ކޮށްދެނީކަމަށްވެސް ބުނެވެއެވެ.  

މިމައްސަލައިގައި މިހައިތަނަށް ކުރެވުނު ދިރާސާތަކުން އެނގުނު ގޮތުގައި މިމައްސަލަ ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބަކީ ކުރިން މިބަޔާންކުރި ފަދަ ތުހުމަތުތަކެއް ނޫނެވެ. ތުހުމަތު ކުރެވުނު މައްސަލަތަކެއް ނޫނެވެ. މައްސަލައަކަށްވަނީ މައިންބަފައިންގެ ކިބައިން ދަރިންނަށް ލިބެންޖެހޭ އަޅައިލުމާއި ލޯބި ނުލިބުމެވެ. އެކުދިންނަށް މައިންބަފައިން ދޭންޖެހޭ ސަމާލުކަން ނުދެވުމެވެ.  

މައިންބަފައިންގެ ކިބައިން ލިބެންޖެހޭ ސަމާލުކަމާއި ލޯތްބާއި އަޅައިލުން ދަރިންނަށް ދެވޭނަމަ މިފަދަ މައްސަލަތައް ވަރަށް ބޮޑުތަނުން މަދުވެގެންދެއެވެ. ވީމާ މިއީ މައިންބަފައިން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ ކަމެކެވެ.  

ދަރިންނަށް ކުޅޭ ސާމާނާއި އެނޫންވެސް ތަކެތި ހޯދައިދިނުމަކުން އަދި ނުފުދެއެވެ. އެއްޗެއްސަށްވުރެ ބޮޑަށް ދަރިންނަށް ބޭނުންވަނީ މައިންބަފައިންގެ ކިބައިން ލިބެންޖެހޭ ސަމާލުކަމާއި ލޯތްބާއި އަޅައިލުމެވެ. މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.  

މިކަން ޔަޤީންކުރަންވެސް ވަރަށް ފަސޭހައެވެ. މާލީ ޙާލަތު ހުންނަ ގޮތުން ދަރިންނަށް މާގިނަ އެއްޗެތި ހޯދައި ނުދެވުނަސް ދަރިންނަށް މައިންބަފައިންގެ ކިބައިން ލިބެންޖެހޭ ސަމާލުކަމާއި ލޯތްބާއި އަޅައިލުން ދީގެން ގެންގުޅޭނަމަ މައިންބަފައިން ދެކެ ދަރިން ލޯބިވުމާއި ބަސް ޤަބޫލުކުރުން އިތުރުވެގެންދާތީއެވެ. އަދި އެފަދަ ކުދިން މާއުފަލުގައި އުޅޭތީއެވެ.  

ވީމާ ޙައްލަކީ އެހެން މީހުންދެކެ ރުޅިއައިސް ނަފްރަތުކޮށް ނުބައި ތުހުމަތުތައް ކުރުމެއް ނޫނެވެ. ދަރިންނަށް ދޭންޖެހޭ މައިންބަފައިންގެ ކިބައިން ލިބެންޖެހޭ ސަމާލުކަމާއި ލޯތްބާއި އަޅައިލުން ދިނުމެވެ.

 

- އިސްލާމީ ތލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން