އަހުރެންގެ ޢުމުރަކީ 34 އަހަރެވެ. ކައިވެންޏަށް 4 އަހަރެވެ. އަހުރެން ވަޒީފާ އަދާކުރަމެވެ. މަޝްހޫރު ކުންފުންޏެއްގެ ސީނިއާ މާކެޓިންގ އޮފިސަރެއްގެ ވަޒީފާގައެވެ. ދިރިއުޅެނީ ބައްޕަ ގަނެދީފައިވާ ފްލެޓެއްގައެވެ.
އަހުރެންނަށް މިވަނީ ވަރަށް ބޮޑުކަމެއް ކުރިމަތިވެފައެވެ. އެކަން ބޮޑުކަމަކަށްވަނީ އެކަން ޙައްލުކުރަން އަޅަންވީ ކޮން ފިޔަވަޅެއްކަން ވިސްނުމަށް ނުގެނެވިގެންނެވެ. އެހެންވެ ކުޑަ ތަފްޞީލެއް ދޭނަމެވެ.
އަހުރެންގެ ފިރިމީހާއަށް ފޯނުކުރިޔަސް އަޅައިނުލައި ހުރެދާނެއެވެ. މެސެޖެއްކުރިޔަސް ޖަވާބުނުދީ ހިރެދާނެއެވެ. 3، 4 ދުވަސްކޮށްފައި ފޯނުކޮށްފާނެއެވެ. އެގޮތަށް ފޯނުކުރާއިރުވެސް އަހުރެންގެ ކޯލަށް އިހްމާލްވެވުނީތީ ކަންބޮޑެއް ނުވާނެއެވެ. އިހްމާލްވި ސަބަބެއްވެސް ނުބުނާނެއެވެ. އެންމެ ކުޑަމިނުން ސޮރީވެސް ބުނެނުލާނެއެވެ.
އަހުރެންގެ ފިރިމީހާ އަހުރެންގެ ގާތަށް ނިދަން އަންނަނީ އޭނާ ހިތަށް އެރިއްޔާއެވެ. ހަފްތާ، ދެހަފްތާ މަސްދުވަސްފަހުންވެސް ނިދަން އަތުވެދާނެއެވެ. ލޮލަށް ފެނުމާއިއެކު ހީވާނީ ހަނީމޫން އައިސްގެން އުޅޭހެންނެވެ. އުރާލަން ބޭނުންވާހެންވެސް ހީވާނެއެވެ. ފިރުމަމުންގޮސް ތަދުވެންދެންވެސް ފިރުމައިފާނެއެވެ.
އެގޮތަށް އުޅެލާފައި ނުކުމެގެން ދިއުމުން އަނެއްކާވެސް އެއޮތީ އަނދިރިކަން އައިސްފައެވެ. އަހުރެންނަކީ ދުނިޔޭގައި ހުންނަ މީހެއްކަން ހަނދާންވާހެނެއްވެސް ހިއެއް ނުވެއެވެ.
ފިރިމީހާގެ ކިބައިން ފެންނަ މިކަންކަން ދެކޮޅު ޖައްސާނެ ގޮތެއް ނުވިސްނުނެވެ. ފިރިމީހާ އަހުރެންދެކެ ލޯބިވާކަން ނުވަތަ ނޫންކަން ޔަޤީންކުރަން ކުރަންވީ ކަމެއް ނުވިސްނުނެވެ. މަންމަގެ ކިބައިން އެއްވެސް އެހީތެރިކަމެއް ނުލިބުނެވެ. އެއީ މަންމަމެންނާއި ދެކޮޅަށް ކުރި ކައިވެންޏަކަށްވާތީއެވެ. ބައްޕަވެސް ހުރި ހަމަ އެގޮތުގައެވެ. މިއިން ޥާހަކަދަެއްކިނަމަވެސް ޖަވާބުގައި ދައްކާނީ ނުވެސް ގުޅޭ ކަންތައްތަކެއްގެ ވާހަކައެވެ.
ކިތަންމެ ބޮޑު އަގެއްދީފައިވެސް މިކަމަށް އޮތް ޙައްލު ގަންނަންނަމަވެސް ބޭނުމެވެ.
ތަޖުރިބާކާރު ޢިލްމްވެރިޔާގެ ޖަވާބު:
ބައްދަލުވީމާ ހަނީމޫން ވަޤުތުކޮޅެއް ގެނެސްފައި ބައްދަލުވުން ނިމި ވަކިވީމާ ތިއަގޮތަށް ކަންތައްކުރާނަމަ އެގެންނަނީ ހަނީމޫނެއް ނޫނެވެ. މަކަރުވެރި ހިޔަޅުމޫނެވެ. ތިއަބުނި ގޮތަށް ޢަމަލުކުރާނަމަ ފިރިމީހާ އެބުނަނީ ތިބާއަކީ އޭނާއަށް އެއްވެސް މުހިންމު މީހެއް ނޫންކަމަށެވެ. ޢަމަލުން އެދައްކަނީ ތިބާދެކެ އެއްވެސް ވަރަކަށް ލޯބިނުވާކަމެވެ.
ތިއަގޮތަށް ކަންތައްކުރާ ފިރިއަކު އިޞްލާޙްވެ ދެމީހުންނަށް އެކުގައި އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ ކަމަށް ޤަބޫލުކުރެވޭނެ އެއްވެސް ފުރުޞަތެއް ނެތެވެ. ދޭންޖެހެނީ މައިނަސް 100 އެވެ.
މިވަރަށް ބުނެދިނީމާ ޢަމަލުކުރާނެ ގޮތް ކަނޑައަޅަން އެނގޭނެ ކަމަށް ހީކުރަމެވެ. ދެތިން ދުވަސްވަންދެން ވިސްނާލުމަށްފަހު ގޮތެއް ކަނޑައަޅަން އުނދަގޫވެއްޖެނަމަ ބައްދަލުކުރާށެވެ. ވިސްނައިދެވޭތޯ މަސައްކަތްކުރާނަމެވެ! އެއްވެސއް އަގެއް ބޭނުމެއް ނޫނެވެ. ތިއަ ޙާލަތުން ސަލާމަތްވެވިއްޖެނަމަ އެލިބުނީ އެންމެ ބޮޑު އަގެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން