މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ތިމާ ރުހޭ މީހުންގެ ކިބައިގައި ހުންނަ އުނިސިފަތަކުގެ ވާހަކަ އެމީހުންގެ ގާތުގައި ދައްކައި އެމީހާ އިޞްލާޙްކުރަން މަސައްކަތްނުކުރެވޭ ކަމެވެ. ޙަޤީޤަތުގައި އެކަން ވެގެންދަނީ އޭނާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށެވެ. އިޞްލާޙްވުމުގެ ފުރުޞަތު ގެއްލިގެންދާތީއެވެ.
"ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއެވެ." މިއީ މުސްކުޅިބަހެކެވެ. މިބަސް ބޭނުން ކުރަނީ އެމީހަކު ރުހޭ މީހެއްގެ ކިބައިން ގޯހެއް ނުވަތަ އުނިސިފައެއް ނުފެންނާނެކަމަށް ބުނުމުގެ ގޮތުންނެވެ.
ތިމާ ތާއީދުކުރާ، ރުހޭ މީހުންގެ ކިބައިން ފެންނަ ގޯސް ކަންތައްތައް ނުފެންނަ ވަރަށް ގިނަ މީހުންގެ ލޯތައްވަނީ އެމީހުންނަށްޓަކައި ކަނުވެފައެވެ. އެބައިމީހުންގެ ޢަމަލުތަކުގައި ހުންނަ އިސްލާމްދީނާ ހިލާފް އެތައްކަމެއް ފާހަގަކުރީމާ ދައްކާނީ އެމީހުންގެ ހިތްހެޔޮކަމާ އޯގާތެރިކަމުގެ ވާހަކައެވެ. އެމީހުން މީހުންނަށް މިވެނި އެވެނި އެހީއެއްވާ ވާހަކައެވެ. ފިރިހެނުން މިސްކިތަށް ނުދާ ވާހަކަ ދެއްކީމާ ބުނާނީ ގޭގަ ނުކުރާކަން އެނެގެނީ ކިހިނަކުން ހެއްޔެވެ؟
ގިނަ ފަހަރު މިހެން މިދިމާވަނީ އެބައިމީހުންގެ ފަރާތުން ލިބޭ ފައިދާތަކެއްގެ ސަބަބުންނެވެ. ތިމާ އެކަމާ ހިތްހަމަޖެހެ ރުހެވޭތީއެވެ. ކޮންމެވެސް ހިސާބަކުން ތިމާއަށް އެބައިމީހުންގެ ފަރާތުން ލިބެމުންދާ ފައިދާތައް މެދުކެނޑި އެބައިމީހުންދެކެ ހިތްހަމަ ނުޖެހޭގޮތް ވުމުން އެބައިމީހުންދެކެ ނަފްރަތު ކުރެވޭގޮތްވެއެވެ. ދެން އެބައިމީހުން ކުރާ ހުރިހާކަމެއް ފެންނާނީ ގޯސް ކަންތައްތަކެއްގެ ސިފައިގައެވެ.
ބައެއް ފަހަރު މީހަކުދެކެ ރުހެވުމަކީ އޭނާ ކުރާ ގޯސް ކަންތައްތައް މަނާނުކުރެވޭ ކަމެއްކަމުގައި ވަނީ ވެފައެވެ. މީހަކުދެކެ ރުހެވެއްޖެނަމަ އޭނާ ކުރާ ކޮންމެ ކުށެއްވެގެންދަނީ ހެޔޮ އަމަލަކަށެވެ. އޭނަ ދައްކާ ކޮންމެ ވާހަކައެއް ވެގެންދަނީ މާމުތައް ވުރެން ފޮނި އެއްޗަކަށެވެ. މީހެއްދެކެ ރުހޭ އިރުގައިވެސް ވަކި މިންތަކެއްގައި ހިފަހައްޓާށެވެ. މީހަކު ކުރާ ކުށެއް ނުފެންނަ ވަރަށް ތިމާގެ ލޯ މަރާނުލާށެވެ.
ރުހުމުގެ އިދިކޮޅު ސިފައަކީ ނަފްރަތެވެ. މީހަކާމެދު ތިމާގެ ހިތުގައި ނަފްރަތުގެ ހުޅުކޮޅު ދިއްލެއްޖެނަމަ، ހައްޤުން އެއްކިބާވެ ނުހައްޤު އެމީހަކާ ދޭތެރޭ ކަންތައް ކުރެވޭ ގޮތްވެއެވެ. އެމީހަކު ތިމާއަށް ކޮށްދޭ ހޮޔޮކަންތައްތައް ނުފެންނަ ވަރަށް ދެލޯ ކަނުވެގެންދެއެވެ.
މަތީގައި ބަޔާންކުރެވުނު ކަންތައްތަކުގެ ހައްލަކީ އަބަދުވެސް މެދުމިނުގައި ހިފުމެވެ. ތިމާ މީހަކާ މެދު ރުހޭ ރުހުމަކީ އެއީ ތިމާގެ ލޮލުގައި ބަންނަ ފަރުދާއަކަށް ނުހަދާށެވެ. އަދި އެއީ ތިމާ ހޮޔޮކަންތައްތަކަށް އަމުރު ކުރުމާއި ނުބައި ކަންތައްތަ ނަހީ ނުކުރެވޭ ކަމެއް ކަމުގައި ނުހަދާށެވެ. ހަމަ އެފަދައިން މީހަކުދެކެ ތިމާއަށް ކުރެވޭ ނަފްރަތަކީ ތިމާ ހައްޤުން އެއްކިބާވެ އަމަލު ކުރެވޭ ކަމެއްކަމުގައި ނުހަދާށެވެ. އިސްލާމް ދީނުގެ ރިވެތި އާދަތަކުގައި ގަދަޔަށް ހިފަހައްޓާށެވެ.