މިއީ މީހަކަށް ބުނާ ދެރަ ބަހެއް ނޫނެވެ! އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން އަޅުގަނޑަވުރެ މާގިނައިން އާމްދަނީ ލިބޭ ބައެއް މީހުން ދިރިއުޅެނީ އަޅުގަނޑަށްވުރެ މާދަތިޙާލުގައެވެ. އަތަށް ލިބޭ ފައިސާއަށްވާ ގޮތެއް ނުއެނގެއެވެ. އެންމެ ކުޑަމިނުން އަނބިދަރިން ގޮވައިގެން ކައިރީ ރަށަކަށް ގޮސްލެވޭ ކަމަކަށްވެސް ނުވެއެވެ. މިހެން މިދިމާވަނީ ކީއްވެގެންތޯ؟
ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ މައްސަލައަށް ސީދާ ޖަވާބެއް ދެވޭނީ އެމީހުންގެ ޢަމަލުތައް ހުންނަ ގޮތް އެނގުމުންނެވެ. ތިރީގައިވާ ލިޔުމުންވެސް ވަރަށް ގިނަ ފިލާވަޅުތައް ލިބިލައްވާނެއެވެ. އިން ޝާ ﷲ
ދިރިއުޅުން ކުރިއަރުވަން ކުރާ މަސައްކަތުގައި ތަފާތު ހުރަސްތައް ކުރިމަތިވުމާއި އަދި މާލީ ގޮތުން ދަތިތައް ކުރިމަތިވުމަކީ ވަރަށް ގިނަ ބައަކަށް މެދުވެރިވަމުން އަންނަ ކަމެކެވެ. އެންމެ ގިނައިން މީހުން ކުރާ އެއް ޝަކުވާއަކީ އެކަންކަމުގެ ޝަކުވާއެވެ. އެންމެ ގިނަ ބައަކު ރަނގަޅު ދުޢާއަކަށް އެދެނީވެސް އެކަންކަމަށެވެ.
ކޮންމެ ކަމަކަށްވެސް އޮތީ ދުޢާކުރުމެވެ. އެއީ ޝައްކެއް އޮތ ކަމެއް ނޫނެވެ. ނަމަވެސް ދުޢާކުރާ މީހާއަކީ ދުޢާކުރެވޭ ޙާލަތުގައި ހުރި މީހަކަށްވާން އެބަޖެހެއެވެ.
އަހަރެމެން ފުރަތަމަވެސް ބަލައިލަންވީ މިފަދަ ދަތިތައް ކުރިމަތިވާ ސަބަބަށެވެ. އެގޮތުން ބަލައިލާއިރު ފުރަތަމަވެސް ފެންނަން މިއޮތީ ރަސޫލް ﷺ ގެ ޙަދީޘްފުޅެވެ. "މީހަކު ފާފަކުރާނަމަ އޭނާއަށް ދެއްވަވާ ރިޒްޤްގައި ބަރަކާތް ނުލައްވަވާނެ" ކަމަށް އޮތް ޙަދީޘްފުޅެވެ.
މިޙަދީޘްފުޅުގައިވާ ބަސްފުޅަކީ ހަމައެކަނި ކާބޯތަކެތިކަމަށް މާނަކޮށްގެން ނުވާނެއެވެ. އޭނާއަށް ހިތްހަމަނުޖެހުމާއި ކަންބޮޑުވުމާއި ހުރިހާ ގޮތަކުންވެސް ނުތަނަވަސްކަން ލިބުން ހިމެނޭކަމަށް އަހަރެން ޤަބޫލުކުރަމެވެ. އަދި ކުރަން ނުޖެހޭ ޚަރަދުތައް ކުރަންޖެހި ލިބޭ ފައިސާ ހުސްވުންވެސް ހިމެނެއެވެ.
ފާފަކުރުމުގައި ދެބާވަތެއް ހިމެނެއެވެ. ފުރަތަމަ ބާވަތަކީ އެކަމަކީ ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަމެއްކަން އެނގިހުރެ، އެފާފައެއް ކުރަން ބިރުނުގަނެ ކުރާފާފައެވެ. އެފަދަ މީހުން ބުނާފަދައެވެ. "އަހަރެން މިފާފަ ކުރާނަމެވެ! ﷲ ތަޢާލާ ހައްދަވާ ގޮތެއް ބަލާނަމެވެ!"
މީސްތަކުންނޭވެ! އެފަދަ ގޮތަކަށް ފާފައެއް ކުރުމަކީ އެންމެ ބޮޑު ފާފައެވެ. މުއުމިނަކު އެގޮތަކަށް ފާފައެއް ނުކުރާނެއެވެ. ދެވަނަ ގޮތަކީ އިންސާނާގެ ބަލިކަށިކަމުން ކުރެވޭ ފާފަތަކެވެ. މިއީ ފާފަކުރެވުމުގައި މުޅިން ތަފާތު ދެބާވަތެކެވެ.
މީސްތަކުންނޭވެ! ދިރިއުޅުމުގެ ކަންކަމަށް ހުރަސް އެޅި އުފާވެރިކަން ނުލިބޭނަމަވެސް ކުރިއަށް ނުދެވޭނަމަވެސް އަދި އަތްމަތި ދަތިވާނަމަވެސް ތައުބާވުން ގިނަކުރާށެވެ! ފާފަކުރުން މުޅިން ހުއްޓައިލާށެވެ. ފާފަވެރިވެދާނެ އެއްވެސް ކަމަކާއި ގާތްވެސް ނުވާށެވެ! އިމްތިޙާނުން ފާސްވާނީ އެއިރުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން