އުރީދޫ މޯލްޑިވްސް އިން ބާއްވަމުން އަންނަ ކަލަރ ރަން މާދަމާ އޮންނާނެއެވެ.
ފައިބެއަހަރާއި ޚިލާފަށް މިއަހަރުގެ ކަލަރ ރަންގައި ވަނީ ވަރަށް ގިނަ ހަރަކާތްތަކެއް ރާވާފައެވެ. މުޅި ދުވަހަށް ބަހާލައިގެންނެވެ.
އެކި ކުލަތަކާއި އެކު އުފާވެރި މާޙައުލެއްގައި ބާއްވާ އުރީދޫގެ މަޤްބޫލު ދުވުން މި އަހަރު އިތުރަށް ތަފާތު ކުރުމަށް ކައިޓް ފެސްޓިވަލް އަކާއި ފޯރިގަދަ މިއުޒިކް ޝޯވއެއްވެސް ބޭއްވުމަށް ވަނީ އިންތިޒާމް ކޮށްފައެވެ.
ކަލަރ ރަން ބާއްވާ ދުވަސް ކަމަށްވާ މާދަމާގެ ހަރަކާތްތަކަށް އަލަށް އިތުރު ކުރެވިފައިވާ ގުޑި މަހާސަމާ މާދަމާ ހެނދުނު 08:00ގައި ބާއްވަނީ އިހުޒަމާނުއްސުރެ ދިވެހި ޢާއިލާތަކުގެ މެދުގައި އޮންނަ ގުޑި އެރުވުމުގެ އާދަކާދަ އައުކޮށް، މި ސަގާފަތް ދިރުވާ އާލާކުރުމުގެ މަޤްޞަދުގައެވެ.
މި މަހާސަމާގައި ތަފާތު ގުޑިތަށް ދައްކާލުމާއި ގުޑި ހެދުމަށް ދަސްކޮށްދިނުމާއި ގުޑި އެރުވުމުގެ މުބާރާތަކާއި ބޮލްސް ރޭހެއް ބޭއްވުމަށް ނިންމާފައިވާ އިރު، މި ހަރަކާތުގައި ކުދިބޮޑު އެންމެހާ ފަރާތްތަކަށް ޕްރީ-ރެޖިސްޓްރޭޝަނަކާއި ނުލާ ބައިވެރި ވެވޭނެއެވެ.

އުރީދޫ ކަލަރ ރަން 2018 އޮންނާނީ މާދަމާ ހަވީރު 15:30ގައި ސެންޓްރަލް ޕާކުގައެވެ. މިއީ ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ ދުވުމެކެވެ.
އަލަށް ދުވާ ފަރާތްތަކާއި ޢާންމުކޮށް ދުވާ ފަރާތްތަކަށް ޢައިލާއާއެކު އަދި ރައްޓެހި ރަޙުމަތްތެރިންނާއެކުވެސް ބައިވެރިވުމަށް މިއީ ވަރަށް މަޖާވާނެ އިވެންޓެކެވެ. މިދުވުމުގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ކުލަ ސްޓޭޝަންތަކުން ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. އަދި ދުވުންތެރިންގަޔަށް ކުލަ ޖަހާނެއެވެ.
މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
މި ދުވުމުގައި މިފަހަރު ފޯރި އިތުރު ކުރުމުގެ ގޮތުން އެންމެ ފޯރިގަދަ ދުވުންތެރިންނާއި އެންމެ ސަޅި ކޮސްޓިއުމްތައް ފާހަގަކޮށް، ވަރަށް ތަފާތު ހަދިޔާ ތަކެއް ދޭން ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި ސްމާޓް ފޯން، ހިލޭ ޖިމަށް ދިއުމުގެ ފުރުޞަތުތަކާއި ކަލަރ ރަން ޕާޓްނަރުންގެ ފަރާތުން ވަރަށް ހިތްގައިމު ވައުޗަރސް ހިމެނެއެވެ.
މާދަމާ ރޭ 20:30ން ފެށިގެން ހުނަރުވެރި ދިވެހި މިއުޒިކީ ފަންނާނުންނާއެކު މިއުޒިކް ޝޯވއެއްވެސް ބާއްވާ އިރު، މި ޝޯވގައި ޓްރެފިކް ޖޭމް، ލެވިޓޭޝަން ބައި ހަބޭސް، ސަމާ، ޒިޕޯ އާއި ސޮއްޕެ، އަދި ހަބޭސް ބޮޑުބެރު ބައިވެރިވާނެއެވެ.