ކިތަންމެ ގާތް މީހަކުގެ ކިބައިންވެސް ރުޅި އަންނަންޖެހޭ ފަދަ ކަމެއް ކުރިމަތިވާނެއެވެ. އެޙާލަތުގައި ގިނަބައަކު ކަންތައް ކުރަނީ ކަންތައް ކުރަން އޮތް ގޮތަކަށް ނޫނެވެ. ސަބަބަކީ ބުނެވެނީ ރުޅި އައިސް ނުބައިބަސްތައް ކަމަށްވާތީއެވެ.
އެގޮތަށް ބަސްބުނަމުންގޮސް އެމީހަކަށް ފާފަ ނުފުއްސަވާނެކަމަށާއި ދާންޖެހޭނީ ނަރަކައަށް ކަމަށްވެސް އެބަބުނެއެވެ. މިއީ ކޮންގޮތަކުން ބުނެވޭނެ ބަސްތަކެއް ހެއްޔެވެ؟ މިފަދަ ބަސްތައް ބުނުމަކީ އެބަސްތަކުގެ ސަބަބުން ބަސްބުނިމީހާ ނަރަކައަށް ވައްދަވައިފާނެ ފަދަ ބަސްތަކެވެ. އެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
މީހަކު ނުބައި ކަމެއް ކޮށްފިނަމަ އެކަން ﷲާހަގަކޮށް އެވާހަކަ އޭނާގެ ގާތުގައި ބުނުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް އެހެން މީހުން މީހުންގެ ގާތުގައި އެވާހަކަ ނުދައްކާށެވެ. އެއިރުން މައްސަލަ ޙައްލުވުމުގެ ބަދަލުގައި ވާނީ އިތުރަށް ހޫނެވެ. އެކަންވާނީ ރޯވެފައިވާ އަލިފާންގަނޑަކަށް ތެޔޮ އުކުން ފަދަ ކަމަކަށެވެ. އިތުރަށް ހުޅުގަނޑު ބޮޑުވާނީއެވެ.
އަހުރެންގެ ނަޞީޙަތަކީ މީހަކު ތިބާ ރުޅިއަންނަ ކަމެއް ކޮށްފިނަމަ އެކަން އެމީހަކަށް ވިސްނައިދިނުމަށްފަހު އޭނާއަށް ހެޔޮދުޢާކުރުމެވެ. އޭނާ އޭނާގެ ކުށް ޤަބޫލުކޮށްފިނަމަ ތިމާއަށް ގެއްލުން ނުވާނެ މިނެއްގައި ގުޅުންބާއްވާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާ ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. ދެން އެހެން ގޮތެއް ނެތިގެން ނޫނީ އެއްވެސް މީހަކާއި އެކުގައި ދުރުހެލިވުމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއް ނޫނެވެ.
- މުފްތީ މެންކުގެ ދަރުސަކުން