ތިމާކުރާ ހުރިހާކަމަކަށް މައިން ދޫދޭ ގޮތަށް އަނބިންވެސް ދޫދޭނެކަމަށް ވިސްނާ މީހަކަށް ގާތީ އެކުގަ އުޅޭނެ އަންތބަކު ނުލިބުން! އަބަދު މައްސަލަތަކުގަ އުޅެންޖެހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ތިމާކުރާ ހުރިހާކަމަކަށް މައިން ދޫދޭ ގޮތަށް އަނބިންވެސް ދޫދޭނެކަމަށް ވިސްނާ މީހަކަށް ގާތީ އެކުގަ އުޅޭނެ އަންތބަކު ނުލިބުން! އަބަދު މައްސަލަތަކުގަ އުޅެންޖެހުން!

ފުރަތަމަވެސް ފާހަގަކޮށްލަން ބޭނުންވަނީ މައިންގެ މަތިވެރިކަމެވެ. އެއްވެސް މީހަކަށް އެމީހާގެ މައިމީހާއަށްވުރެ މަތިވެރި މީހަކު ހުރެގެން ނުވާނެއެވެ. އެއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މައިމީހާގެ ހިތުގައި ދަރިންނަށް އޮންނަ ލޯބި ބޮޑުކަމުންނެވެ. އެވަރުގެ ލޯތްބެއް އެހެން އެއްވެސް މީހެއްގެ ހިތުގައި އުފެދުމަކީ ނުވާނެ ކަމެކެވެ.  

ވީމާ ހެޔޮލަފާ މައިންގެ މަޤާމަކީ ވަރަށް ތަފާތު މަޤާމެކެވެ. ދަރިއަކު ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ކުރި ނަމަވެސް އަދި ހިތްހަމަނުޖެހިގެން އެއްޗެއް ބުންޏަސް އަޅައެއް ނުލާނެއެވެ. ފަހަރެއްގައި އެވަޤުތު ދަރިފުޅަށް ބަހެއް ބުނެވުނަސް އެކަން ހިތަކު ނުބާއްވާނެއެވެ. އަބަދުވެސް ބަލާނީ ކޮންމެ ގޮތަކުން ނަމަވެސް ދަރިފުޅަށް ޚިދުމަތްކުރެވޭތޯއެވެ؟  

އެއީ ކީއްވެގެން ހެއްޔެވެ؟ އެއް ސަބަބަކީ މައިވަންތަކަމުގެ ލޯތްބަކީ ކެނޑިގެންދާނެ ލޯތްބެއްކަމަށް ނުވުމެވެ. ދަރިންނަށްޓަކައި ދަރިން ކުޑައިރު އަމިއްލަ އުފާތައް ޤުރްބާންކުރި ފަދައިން އަބަދުވެސް އަމިއްލަ އުފާތައް ޤުރްބާންކުރަން ތައްޔާރަށް ތިބޭތީއެވެ. ދަރިފުޅު ހިތްހަމަޖެހިގެން އުފަލުގައި ހުރިނަމަ ހުރިހާ އުފަލެއް ލިބުނީ ކަމަށް ޤަބޫލުކުރެވޭތީއެވެ.  

ބައެއް ދަރިންނަށް މިވާގޮތަކީ ކައިވެނިކޮށްގެން ފިރިއަކަށްވެ އަމިއްލަ ދިރިއުޅުމެއް އުޅެން ފެށުމަށްފަހުގައި އަނބިމީހާއަށް މައިމީހާގެ މަޤާމް ދެވެނީއެވެ. ތިމާ ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް ކޮންމެ ފަދަ ބަސްތަކެއް ބުނި ނަމަވެސް މައިމީހާ ފަދައިން އަބަދު ރުހިގެން ތިމާގެ ޚިދުމަތުގައި ހުންނާނެ ކަމަށް ޤަބޫލުކުރެވެނީއެވެ. އެހެންވެ މައިމީހާ އާއިމެދު ކަންކަން ކުރެވުނު ގޮތަށް ކަންކަން ކުރެވެނީއެވެ.  

މިއީ އެމީހުންނަށް ކުރެވޭ ވަރަށް ބޮޑު ކުށްހީއެކެވެ. އަނބިމީހާގެ މަޤާމަކީ މުޅިން ތަފާތު މަޤާމެކެވެ. ވީމާ ކުރާނެހައި ގޮތަކަށް ކަންކަން ކުރާނަމަ، އަދި ބުނަން ހިތަށް އަރާ ކޮންމެ އެއްޗެއް އަނބިންނަށް ބުނާނަމަ ރުހިގެނެއް ނުތިބޭނެއެވެ. އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެއެވެ. ޙައްލަކީ ކައިވެނި ރޫޅާލައި އެނބުރި ގެއަސް ދިއުންކަމުގައިވާނަމަ އެކަންވެސް ކުރާނެއެވެ.  

މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ މަންމައަކަށް ދަރިފުޅު ގެއްލިއްޖެނަމަ އެމަޤާމަށް ގެނެވޭނެ އެހެންދަރިއަކު ނުލިބޭނެއެވެ. ވީމާ ދަރިފުޅު ކޮންމެ ގޮތަކަށް ކަންކަންކުރިނަމަވެސް ކޮންމެ ޙާލެއްގައިވެސް ދަރިފުޅާއިއެކުގައި ވުމަށް މައިންނަށް އެދެވޭނެއެވެ. އެއިގެ ބަދަލުގައި އަނބިންނަށް ފިރިން ބަދަލުކުރެވޭނެއެވެ. ދެވަނަ ކައިވެނިކޮށް އައު ފިރިއަކު ޙަޔާތަށް ގެނެވޭނެއެވެ. ވީމާ ތިމާ ނިކަމެތިކުރާ ފިރިއަކާއިއެކު ދިރިއުޅުން އަނބިންނަށް މަޖުބޫރެއް ނޫނެވެ.  

މިކަމަކީ ފިރިން ވިސްނަން ޖެހޭނެ ކަންކަމެވެ. ޒަވާޖީ ޙަޔާތުގެ އުފާވެރިކަން ދެމިއޮންނާނީ އަދި ތިމާއަށް ލިބޭނީވެސް އަނބިންނަށް އެމީހުންނަށް ޙައްޤު މަޤާމް ދީގެންނެވެ. އިޙްތިރާމްކޮށްގެންނެވެ. ލޯތްބާއި އަޅައިލުންވެސް ދީގެންނެވެ. ނުބައިބަސްތައް ނުބުނެ ރިވެތިބަހުން މުޢާމަލާތުވެސް ކޮށްގެންނެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން