ބައިވެރިޔާ ދެކެ ލޯބިވާވަރު ޢަމަލުތަކުން ދެއްކީމަ އެކަމުގެ ނާޖާއިޒު ފައިދާ ނަގާ މީހުން މަދެއް ނޫނެވެ. އެކަމަކު ލޯބިވާކަން ޢަމަލުން ނުދައްކައި ލޯބި ދެމެހެއްޓޭނެ ގޮތެއް ނުވިސްނެއެވެ. ޙައްލަކީ ކޮބައިތޯ؟ މިފަދަ ސުވާލުތައް އުފައްދާ މީހުންނަށް ބަހެއް ބުނެމިލަނީ ގިނަ ބައަކަށް ކުރެވޭ ތަޖުރިބާއިންނެވެ.
ބައެއް އަނބިން އެމީހުންގެ ފިރިން ދެކެ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް އެކަން ޢަމަލުތަކުން ނުދައްކައި ތިބެއެވެ. އެއީ ފިރިމީހާ ދެކެ ލޯބިވާ މިންވަރު ފުރިހަމަ ގޮތުގައި ދައްކައިފިނަމަ ފިރިމީހާ އެހެން މަގުތަކުން ހިނގާތީއެވެ. ކޮންމެ ކޮތަކަށް ތިމާ އުޅުނަސް، ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް ތިމާދެކެ ލޯބިވާނެ ކަމުގެ ޔަޤީންކަން ލިބުމުން އަނބިމީހާ "އެހެލާތީ" އެވެ.
އެކަމުން އެނގެނީ އަނބިމީހާގެ ހިތުގައި ފިރިމީހާއަށް ލޯބި އޮތްނަމަވެސް ފިރިމީހާގެ މައްޗަށް އިތުބާރު ނުއޮންނަކަމެވެ. އެއިތުބާރަކީ ބުނާ ބަސްތަކަކުން ހޯދޭނެ އެއްޗެއް ނޫނެވެ. އެއިތުބާރު ހޯދޭނޭ ޢަމަލުންނެވެ.
ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ކައިވެނީގެ ފުރަތަމަ 6 މަސްދުވަސް ފާއިތުވުމުން ބައެއް ފިރިންނަށް އަނބިންނާއި ދުރުހެލިވެއެވެ. ބޭރުން އައިސް ގެއަށް ވަދެ ބައްދައިލުމާއި ބޮސްދިނުން ފަދަ ކަންކަން ކުރުން ހުއްޓައިލެވެއެވެ. މީގެ އިތުރުން އަނބިމީހާ ފެނުމުން ހިނިތުންވުމާއި ތައްރީފްކުރުމާއި ޙާލު އަހައިލުން ފަދަ ކަންކަންކުރުންވެސް ހުއްޓިގެންދެއެވެ.
މިފަދަ ބަދަލުތަކާއިއެކު އަނބިން ކަންބޮޑުވެއެވެ. ހިތުގައި ޝައްކުތައް އުފެދެން ފަށައެވެ. އަނބިމީހާގެ ކިބައިން މިފަދަ ބަދަލުތައް ފެނުމުން ފިރިންވެސް ކަންބޮޑުވެއެވެ. ވީމާ ބައިވެރިޔާގެ ކިބައިން ފުރިހަމަ ގޮތުގައި ލޯބިލިބިލިބި ހުންނަން ބޭނުންވާނަމަ ކުރިން މިބުނި ކަންތައްތަކަށް ސަމާލުކަންދޭށެވެ.
ބައިވެރިޔާގެ ލޯބިލިބުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ އޭނާ ދޫކޮށްލާފައި ނުދާނެ ކަމުގެ ޔަޤީންކަން އޭނާއަށް ލިބިފައި އޮތުމެވެ. އެޔަޤީންކަން ދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ވަރަށް ގިނައެވެ. މިބުނެލީ އެއިގެ ތެރެއިން 2،3 ކަމެކެވެ. އެންމެ ކުޑަމިނުން މިވަރު ނަމަވެސް ކުރަން މަސައްކަތްކުރާށެވެ! ބައިވެރިޔާގެ ކިބައިން ދާނީ އުފާވެރިކަން ލިބެމުންނެވެ. އިން ޝާ ﷲ
- އަލްފް / މިއަދުނޫސް