ކައިވެނި ރޫޅުމަކީ ﷲ ގެ ކޯފާއަކަށް ހަދަނީ އަމިއްލައަށް! މިބުނެދެނީ ރަޙްމަތަކަށްވާނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކައިވެނި ރޫޅުމަކީ ﷲ ގެ ކޯފާއަކަށް ހަދަނީ އަމިއްލައަށް! މިބުނެދެނީ ރަޙްމަތަކަށްވާނެ ގޮތް!

"ޝައިޚް އެވެ. ވަރަށް ލޯބިން ދިރިއުޅެނިކޮށް އަޅުގަނޑު ވަރިކުރި ފަހުން އަޅުގަނޑަށް އުޅެވެނީ ރަނގަޅަކަށް ނޫނެވެ. އަޅުކަމާއިވެސް ދުރުހެލިވެވިއްޖެއެވެ. ބައެއް ކުދިފާފަތައްވެސް އެބަ ކުރެވެއެވެ. ކައިވެނި ރޫޅުން އެއީ އަޅުގަނޑަށް ލެއްވެވި ކޯފާއެއްތޯއެވެ؟"  

މިބާވަތުގެ ސުވާލުތައް ވަރަށް ގިނައިން ކުރެއެވެ. ޖަވާބުގައި ބުނަންޖެހެނީ ކައިވެނި ރޫޅުމަކީ ކޯފާއެއް ނޫނެވެ. ރަޙްމަތަކަށްޓަކައިވެސް ކައިވެނި ރޫޅެއެވެ. އެކަން ކޯފާއަކަށް ބަދަލުކުރަނީ އެމީހެކެވެ. އެކަން މެދުވެރިވާ ގޮތް މިބުނެދެނީއެވެ.  

ލިސްޓް ދިގުކުރަން ކިޔާކަށް ނެތީމެވެ. ކުރިމަތިވެފައިވަނީ ކޮންމެ ފަދަ މުޞީބާތެއް ނަމަވެސް އެކަމުގެ ސަބަބުން ތިބާގެ ތަޤްވާވެރިކަން އިތުރުވެ ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން މަސައްކަތްކުރެވޭނަމަ ތިބާއަށް ކުރިމަތިވެފައިވަނީ ﷲ ތަޢާލާގެ ކޯފާއެއް ނޫނެވެ. ރަޙްމަތެކެވެ. އިމްތިޙާނެކެވެ.  

އެއިގެ ބަދަލުގައި ކޮންމެ ކަމެއް ކުރރިމަތިވެގެން ނަމަވެސް ތިބާއަށް ﷲ ތަޢާލާ ރިހިވޮޑިނުގަންނަވާ މަގުން ޢަމަލުކުރެވޭނަމަ ތިބާއަށް ކުރިމަތިވެފައި އެވަނީ ﷲ ތަޢާލާގެ ކޯފާއެވެ.  

ވީމާ ތިބާއަށް ކުރިމަތިވެފައިވާ ކަންތަކަށް ނުބަލާށެވެ! ކައިވެނި ރޫޅުން، ވަޒީފާ ގެއްލުން، ބޮޑު ބައްޔެއްގައި އުޅެން ޖެހުން، މާލީ ދަތިކަމެއް ކުރިމަތިވުން މިހެން ގޮސް ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް މި ބުނި ދެކަންތަކަށް ވިސްނައިލާށެވެ. އެއީ ﷲ ތަޢާލާގެ ކޯފާއެއްކަން ނުވަތަ ނޫންކަން އެނގިގެންދާނީ ތިބާއަށް ޢަމަލުކުރެވޭ ގޮތުންނެވެ.  

ވީމާ ކައިވެނި ރޫޅުނަސް އަދި އެހެންކަމެއް ކުރިމަތިވިޔަސް އެއީ ލެއްވެވި ރަޙްމަތަކަށް ހެދުމުގެ ފުރުޞަތު ނަގައިލަނީ އަމިއްލައަށެވެ. ވީމާ އަހުރެން އާދޭސްކޮށްފައި މިބުނަނީ އެގޮތަށް އެކަން ނުކުރުމަށެވެ. އިމްތިޙާނުން ފާސްވުމުން ﷲ ތަޢާލާ ލައްވަވާ ބޮޑު ރަޙްމަތް ލިބިގަންނަން މަސައްކަތްކުރުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން