ގިނަ ބައަކު ފޭލްވަމުން މިދަނީ ހުރިހާ ކަންކަމުގެ ކުރިއަށް ތިމާގެ އަމިއްލަ އެދުންތައް ނެރޭތީއެވެ. އަނެކުންނާއިމެދު އެގޮތަށްކުރާ މީހުންނަށް ﷲ ތަޢާލާ އާއިމެދުގައިވެސް ކަންކަން ކުރެވެނީ ހަމަ އެފަދަ ގޮތަކަށެވެ. އަހުރެން ފާހަގަމިކުރަނީ ގިނަ ބައަކު އެގޮތަށް ކުރަމުން ގެންދާ ކަމެކެވެ.
ހެނދުނުހެނދުނާ ކުރަންޖެހޭ މުހިންމު ކަމެއް އޮތްނަމަ ގިނަ މީހުން ފުރަތަމަކަމަކަށްވެސް ކުރާކަމަކީ ދަމުނަމާދަށާއި ފަތިސްނަމާދަށް ނުހޭލުމެވެ. ބުނަނީ ނިދިހަމަކުރަންވެގެންކަމަށެވެ. ނިދަން ތިބެފައި ހެނދުނު ހޭލައިގެން މިކުރަނީ ދުޢާއެވެ.
"ޔާ ﷲ! މިއަޅާ ދާންއޮތް އޮތް އިންޓަރވިޔު ފަށޭހަކޮށްދެއްވަވައި މިއަޅާއަށް އެވަޒީފާ ދެއްވަވާނދޭވެ! ޔާ ﷲ! މިއަޅާއަށް އިމްތިޙާން ފަސޭހަކުރައްވަވައި ދެއްވަވާނދޭވެ! ޔާ ﷲ! މިއަޅާ ހެނދުނު ބައްދަލުކުރާ މީހާގެ ކިބައިން މިއަޅާއަށް ފައިދާކުރާނެ ވިޔަފާރިއަކަށް މަގުފަހިކޮށް ދެއްވަވާނދޭވެ!" މިފަދަ ދުޢާތަކެވެ.
ތިމާގެ ބޭނުން ފުއްދަވައި ދެއްވެވުން އެދި ދެއަތް އުފުލައި ދުޢާކުރާއިރު ﷲ ތަޢާލާއަށްޓަކައި ތިމާ އަދާކުރަންޖެހޭ ކަންކަން ކުރުން ކޮބައިހެއްޔެވެ؟ ދަމުނަމާދާއި ފަތިސްނަމާދުކުރުން ކޮބައިހެއްޔެވެ؟
މީސްތަކުންނޭވެ! ތިމާ އެދޭ ކަންކަން ހިންމަވައިދެއްވެވުން އެދިގެން ދުޢާކުރަންވީ ދަމުނަމާދަށް ފަހުގައެވެ. ސަޖިދައިގައި އޮވެގެންނެވެ. އަދި ނަމާދު ނިމިގެންވެސްމެއެވެ. އިމާމް މީހާ ބަންގިގޮވުމުން ޤަމާތްދިނުމާއި ދެމެދުގައެވެ. ނަމާދުކޮށް އަވަދިވެގެން ޛިކުރުތައްވެސް ކިޔައި ކިޔަމަންތެރިކަން އަދާކުރުމަށްފަހުގައެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރަންޖެހޭ ކަންކަން ކުރުމަށްފަހުގައެވެ. ދަމުނަމާދާއި ފަތިސްނަމާދު ވަޤުތު ނިދާފައި އޮވެފައި ހެނދުނު ހޭލައިގެނެއް ނޫނެވެ.
ގޮތްބަލަންނަމަވެސް މިބުނި މަގުން ޢަމަލުކޮށްބަލާށެވެ! ކިތަންމެ ބޮޑު ކަމެއް ކުރަން ޖެހިފައި އޮތްނަމަވެސް، ކިތަންމެ ހެނދުނަކާ ކުރަންޖެހިފައި އޮތް ނަމަވެސް އެކަމަށްވުރެ ބޮޑަށް ދަމުނަމާދަށާއި ފަތިސް ނަމާދަށް އިސްކަންދީބަލާށެވެ! ނަމާދުން ވާޤިއެދި ދުޢާކޮށްބަލާށެވެ! ބޮޑުތަނުން ތަފާތު ފެންނާނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން