ބައެއް މީހުން މިސްކިތަށްދަނީ ޖީބަށް ހުވަނދުފުޅިއެއް ލައިގެންނެވެ. އެއީ ގެއިން ހުވަނދުލައިގެން ދިއަ ނަމަވެސް ނަމާދަށް ފެށުމުގެ ކުރިން ހުވަނދުލުމުގެ ބޭނުމުގައެވެ. އެއީވެސް ހަމަ ކުރަން ރަނގަޅުވެސް ކަމެކެވެ. ނަމަވެސް މިކަމުގައިވެސް ނިޔަތް ބަދަލުވެ ނުބައި މަގުން އެބަ ޢަމަލުކުރެއެވެ.
ތިމާ ގެންދިއައީ އެންމެ އަގުބޮޑު ހުވަނދުކަމަށް ހަދަން އެބަ ވާދަކުރެއެވެ. އެއިރުން އެބަދަލުވަނީ ދެއްކުންތެރިކަމަށެވެ. އެފަދަ ނިޔަތެއްގައި އެކަން ނުކުރާށެވެ. ތިމާ ޢާންމުކޮށް ލައި އުޅޭ ހުވަނދު ގެންދާށެވެ. ގާތުގައި ތިބޭ މީހުން ހުވަނދުދީ ހުވަނދު ލައްވައި ހެދުމަކީވެސް ކުރަން ރަނގަޅު ކަމެކެވެ. އެންމެން ތިބޭނީ ހުވަނދުލައިގެންކަމަށްނުވާތީއެވެ. އެކަން ކުރުމުގައިވެސް ކުރިން މިބުނިފަދައިން ދެއްކުންތެރިކަމުގެ ނިޔަތުގައި ނުކުރާށެވެ.
ނަމާދަށްދާންވުމުން އަހަރެމެން ފެންވަރައި ރީތި ފޭރާންލައި މީރުވަސް ދުވާ ސެންޓު ޖަހަމުއެވެ. ނުވަތަ ހުވަނދުލަމުއެވެ. އެއިރުން އެހެން މީހުންނަށް އެމީހެއްގެގައިން މީރުވަސް ދުވާނެއެވެ. މިއީ ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް މިކަން ކުރުމުގައި ވަރަށް ބޮޑު ނުރައްކަލެއްވެސް އެބަ އޮވެއެވެ. އެއީ ދެއްކުންތެރިކަމުގެ ނިޔަތުގައި އެކަން ކުރެވިއްޖެނަމައެވެ.
ދެއްކުންތެރިކަމުގެ ނިޔަތުގައި ޒީނަތްތެރިވެ ރީތި، އަގުބޮޑު ފޭރާންލައި އަދި އަގުބޮޑު ސެންޓް ނުވަތަ ހުވަނދު ލައިގެން މިސްކިތަށް އެރުމުން މީހުންނަށް އެމީހެއްގެ ގައިން މީރުވަސް ދުވިނަމަވެސް އެމީހެއްގެ އެތެރެ ހަށިން ޙަޤީޤަތުގައި ދުވާނީ ކުނިވަހެވެ. މިކަންކަމަށް ބިރުވެތިވުމަށް ވަޞިއްޔަތް ކުރަމެވެ. ދެއްކުންތެރިކަމުގެ ޛައްރެއްގެ މިންވަރުވެސް ހިތުގައި ބާއްވައިގެން މިސްކިތަށް ނުއަރާށެވެ!
ޢިޝާ ނަމާދާއި ފަތިސް ނަމާދަކީ މުނާފިޤުންނަށް ކުރަން އެންމެ އުނދަގޫ ދެ ނަމާދުކަމަށް ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟
އެއީ އެއިރު މަގުތަކުގައި އަލިކަމެއް ނުހުންނާތީ އެވެ. އަދި މިސްކިތުގައި އަލިކަމެއް ނުހުންނާތީއެވެ. ނަމާދަށް ދަނީ ކޮން ބައެއްކަން މީސްތަކުންނަށް ނުއެނގޭނެތީއެވެ. ތިމާއަކީ ނަމާދުކުރާ މީހެއް ކަމަށް މީހުންނަށް ދެއްކިގެން އެކަމުގެ ފައިދާ ހޯދަން އުޅޭ މީހުންނަށް އެ ދެ ނަމާދުން އެއްވެސް ފައިދާއެއް ނުކުރާނެތީއެވެ.
މީސްތަކުންނޭވެ! ހިތާމައަކީ މިއަދުވެސް އެދުވަހު އުޅުނު ފަދަ މުނާފިޤުން އުޅޭ ކަމެވެ. މިސްކިތައް ދާކަން ދައްކައި އެކަމުގެ ފައިދާ މިދުނިޔެއިން ހޯދަން މަސައްކަތްކުރާ ބައަކު އުޅޭ ކަމެވެ. މިއީ ވަރަށް ނުރައްކައުތެރިކަމެކެވެ. އެކަމުން އެނގެނީ އެއީ މުނާފިޤުންގެ ބައަކު ކަމެވެ. މުނާފިޤުންނަކީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުތަކުގައި އެންމެ ގަދަފަދަ ޢަޛާބުގައި ތިބޭނެ މީހުންނެވެ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން