ދުޢާ އިޖާބަވާ ވަގުތުތަކާ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތް-: ޝެއިޚް އާސިމް

ކިޔުމަށް ހޭދަވާނީ 4މ 15ސ
ދުޢާ އިޖާބަވާ ވަގުތުތަކާ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތް-: ޝެއިޚް އާސިމް

ޢާއިޝަތު ރަފާޙް ޢަލީ

 

ސުބުޙާނަހޫ ވަތަޢާލާ އަޅުތަކުންނާ ވަރަށް ގާތުގައި ވޮޑިގެންވެއެވެ. އަދި އެކަލާނގެއަށް ދުޢާ ދަންންނަވާ ކޮންމެ މީހަކަށްވެސް އިޖާބަ ދެއްވަވައެވެ. މިކަން ތިބާއަށް ޤަބޫލުކުރެވޭތޯއެވެ؟ 

ދުޢާ ދެންނެވުމަށް އެތައް ވަގުތުތަކެއް ވެއެވެ. އެ ހުރިހާ ވަގުތުތަކެއް ބަޔާންކުރުމަކީ މިވަޤުތުކޮޅުން ފުއްދޭނެ ކަމެއް ނޫނެވެ. ނަމަވެސް އަހަރެން ކުޑަ އިޝާރާތެއް ކޮށްލާނަމެވެ. 

ރަމަޟާން މަހުގެ ލައިލަތުލް ޤަދުރުގައި ކުރެވޭ ދުޢާ އިޖާބަވެއެވެ. 

ނަމަވެސް އަހަރެން ކުރިއަށް ދިއުމުގެ ކުރިން، ދުޢާ އިޖާބަކުރެވޭ ތިން ގޮތެއް ވާކަން ފާހަގަކޮށްލަން ޖެހެއެވެ. އަހަރެމެން މިކަން އެތައް ފަހަރަކު ކުރިންވެސް ބަޔާންކޮށްފައިވާނެއެވެ. އެހެންކަމުން، އަހަރެން "އޭ ﷲ އެވެ، އަހަރެންގެ ބަލި ފަސޭހަކޮށްދެއްވާނދޭވެ" މިފަދައިން ދަންނަވައިފިނަމަ، ﷲ އަށް އަހަރެންގެ ބަލި ފަސޭހަކޮށްދެވިދާނެއެވެ. ނުވަތަ ﷲ އަށް އަހަރެންގެ ބަލި ފަސޭހަވުމާ އެއްފަދަ އެހެން ކަމެއް ދުރުކޮށްދެދެއްވެވިދާނެއެވެ. މިސާލަކަށް، އަހަރެންގެ ބަލި ފަސޭހަކުރުމަމަށް 1000 ޔޫރޯ ޚަރަދުވާނެ ކަމުގައިވާނަމަ، އަހަރެންގެ މައްޗަށް ކަނޑައެޅިފައިވާ އެހެން މުޞީބާތެއް އެ 1000 ޔޫރޯގެ އަގުގައި ﷲ ދުރުކޮށްދެއްވަވައިފާނެއެވެ. 

ނަމަވެސް އަހަރެން އަދިވެސް ދުޢާ ދަންނަވަމުން ދާނީ ﷲ އަހަރެންގެ ދުޢާއަށް އިޖާބަ ނުދެއްވާ ކަމަށް ހީކުރަމުންނެވެ. އެހެނެއްނޫނެވެ. ﷲ އިޖާބަ ދެއްވައިފިއެވެ. ނަމަވެސް ތިބާއަކަށް އެކަން ނޭނގެއެވެ. 

ތިންވަނަ ގޮތަކީ، ﷲ އެކަން ޤިޔާމަތް ދުވަހަށް ރައްކާކޮށްދެއްވުމެވެ. އެހެންކަމުން، "އޭ ﷲ އެވެ، އަހަރެންގެ ބަލި ފަސޭހަކޮށްދެއްވާނދޭވެ" މިހެން ދަންނަވައިފިނަމަ، ތިބާގެ ބަލި ފަސޭހަނުވެ އަދި އެހެން އެއްވެސް ކަމެއް ތިބާގެ ކިބައިން ދުރުނުވެ ހުރެދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ތިބާ އަންނައިރު، ގިނަ ހެޔޮ ޢަމަލުތަކެއް ތިބާއަށް ފެނިގެންދާނެއެވެ. އަދި ތިބާ ބުނާނެއެވެ، "އަހަރެން މި ޢަމަލުތަކެއް ނުކުރަމެވެ." އަދި ތިބާއަށް ބުނެވޭނެއެވެ، މިއީ ތިބާގެ ދުޢާއަށް އިޖާބަ ދިނުމުގެ ގޮތުން ދެވިފައިވާ އެއްޗެކެވެ. 

އެހެންކަމުން، ތިބާއަށް ރަމަޟާން މަހުގެ ލައިލަތުލް ޤަދުރުގައި ދުޢާ ދެންނެވިދާނެއެވެ. އެ ދުޢާ އިޖާބަވާނެއެވެ. އަދި ބަންގި ގޮވުމާއި ނަމާދު ފެށުމާ ދެމެދުގައިވެސް ދުޢާ އިޖާބަވެއެވެ. އެހެންކަމުން، އަހަރެން ގޭގައި ހުރެ، ނަމާދު ވަގުތު 1:00 ގައި ވަނިކޮށް، 2:00 އާ ހަމައަށް އެއް ގަޑިއިރު ވަންދެން ދުޢާ ދަންނަވައި، އޭގެ ފަހުން ޡުހުރު ނަމާދު ފަށައިފިނަމަ، މިއީ ﷲ ދުޢާއަށް އިޖާބަ ދެއްވާ ވަގުތެކެވެ. މިސްކިތުގައިނަމަ، ގާތްގަނޑަކަށް 15 އިން 20 މިނެޓުގެ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. 

އަދި ހަމައެހެންމެ، ﷲ ތަޢާލާ ހުކުރު ދުވަހުގެ އެންމެ ފަހު ގަޑިއިރުގައި ކުރެވޭ ދުޢާއަށްވެސް އިޖާބަ ދެއްވައެވެ. އެހެންކަމުން، ހުކުރު ދުވަހު އިރުއޮއްސުމުގެ ކުރިން އެއް ގަޑިއިރު ކުރިން، މިސްކިތުގައި ﷲ އަށް ޙަމްދު ކުރަމުން، ރަސޫލާއަށް ޞަލަވާތް ކިޔަމުން، ދުޢާ ދަންނަވަމުން ގެންދާނަމަ، ﷲ ތަޢާލާ މި ދުޢާތަކަށް އިޖާބަ ދެއްވައެވެ. 

ޞައްޙަ ޙަދީޘްގައި އައިސްފައިވާ ފަދައިން، ރޭގަނޑުގެ އެންމެ ފަހު ތިންބައިކުޅަ އެއްބައިގައިވެސް ﷲ ދުޢާއަށް އިޖާބަ ދެއްވައެވެ. ﷲ ވަޙީކުރައްވައެވެ: "އަހުރެންގެ ކިބައިން އެދޭނެ މީހަކު ނެތްބާވައެވެ؟ ތިމަންރަސްކަލާނގެ އޭނާއަށް ދެއްވާނަމެވެ. އަހުރެންގެ ފާފަފުއްސެވުން އެދޭނެ މީހަކު ނެތްބާވައެވެ؟ ތިމަންރަސްކަލާނގެ އޭނާގެ ފާފަ ފުއްސަވާދެއްވާނަމެވެ." އެހެންކަމުން، ފަޖުރު ވަގުތު ޖެހުމުގެ ކުރިން މި އެންމެ ފަހު ތިންބައިކުޅަ އެއްބައިގައި ދުޢާ އިޖާބަވުމުގެމުގެ ފުރުޞަތު ވަރަށް ބޮޑެވެ. މިއީ ދުޢާ އިޖާބަވުމުގެ އެންމެ މަތީ ވަގުތެވެ. 

ވާރޭވެހޭ ވަގުތުގައިވެސް ﷲ ދުޢާއަށް އިޖާބަ ދެއްވައެވެ. ފަޖުރު ވަގުތު ޖެހުމުގެ ކުރިން ކުކުޅު ގޮވާ އަޑު އިވޭ ހިނދު، ރަސޫލާ ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންނަށް ކުކުޅު ގޮވާ އަޑު އިވޭ ހިނދު، ﷲ ގެ ފަޟްލަވަންތަކަމުން އެދޭށެވެ. އެހެނީ ހަމަކަށަވަރުން އެ ކުކުޅަށް މަލާއިކަތަކު ފެނިފައިވެއެވެ." އެހެންކަމުން މިއީވެސް ދުޢާ ދެންނެވުމުގެ ވަގުތެކެވެ. 

އަދި ހަމައެހެންމެ، ފަރުޟު ނަމާދުތަކާއި ނަފުލު ނަމާދުތަކުގެ ފަހުކޮޅުގައިވެސް ދުޢާ އިޖާބަވެއެވެ. ނަމަވެސް ޙަދީޘްގައި ސާފުކޮށް ބަޔާންވެގެންވަނީ ފަރުޟު ނަމާދުތަކުގެ ފަހުކޮޅުގައި ކަމަށެވެ. މިކަމުގެ ސަބަބުން ބައެއް މީހުން ހީކުރަނީ މި ޙަދީޘް އިޝާރާތްކުރަނީ ނަމާދު ނިމުމަށްފަހުގައި ކަމަށެވެ. އަހަރެމެން އެތައް ފަހަރަކު މިވާހަކަ ދައްކާފައިވާނެއެވެ. މި ޙަދީޘް ދޭހަވާންވާނީ އެހެނިހެން ޙަދީޘްތަކުގެ އަލީގައެވެ. އެ ޙަދީޘްތަކުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންނަށް އަންގަވާފައިވަނީ ނަމާދުގައި ޞަލަވާތް ކިޔުމަށްފަހު، ސަލާމްދިނުމުގެ ކުރިން ދުޢާ ދެންނެވުމަށެވެ. މިއީ ﷲ ދުޢާއަށް އިޖާބަ ދެއްވާ ވަގުތެކެވެ. ސަލާމްދިނުމަށްފަހު ނޫނެވެ. އެހެނީ ނަމާދު ނިންމައި ނިމުމުން، އެއީ ތަސްބީޙަ ކިޔުމުގެ ވަގުތެވެ. 

އަދި ހަމައެހެންމެ، ދުޢާ ދެންނެވުމަށް އެންމެ މާތް ތަންތަނުގެ ތެރޭގައި ސަޖިދައިގައި ވަނިކޮށްވެސް ހިމެނެއެވެ. ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ: "އަޅާ އޭނާގެ ވެރި ރަސްކަލާނގެއާ އެންމެ ގާތްވަނީ އޭނާ ސަޖިދައިގައި ވަނިކޮށެވެ. އެހެންކަމުން ތިޔަބައިމީހުން އެދޭ އެއްޗަކަށް އެދޭށެވެ. އެއީ ﷲ އިޖާބަ ދެއްވުމަށް އެކަށީގެންވާ ކަމެކެވެ." މިއީ އަހަރެމެން ކުރިންވެސް ބަޔާންކޮށްފައިވާ ފަދައިން، ނަމާދުގެ ތެރޭގައި ކަމަށް ހަނދާންކުރަންޖެހެއެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމް ގެ ދަރުސަކުން

މިއަދު އޮންލައިން