އަހުރެމެންނަށް އޮތީ ކޮންމެ ކަމަކަށް އެދިގެންވެސް ދުޢާކުރުމެވެ. ކޮންމެ ކަމަކަށް ބޭނުންވެގެން ނަމަވެސް ދުޢާކުރުމަށް އަވަސްވެގަނެވޭނަމަ އެކަމުން އަންގައިދެނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށްޓަކައި އޮތް ލޯބީގެ ބޮޑުކަމެވެ. އެހެންކަމާއިއެކުވެސް ދުޢާކުރުމަށްފަހު އަމިއްލައަށް ޝިރުކުގެ ތެރެއަށް ވެއްޓިގަންނަ ބައަކުވެސް އުޅެއެވެ. އަހުރެންގެ ވާހަކަކޮޅު ޚާއްޞަ މިކުރަނީ އެފަދަ މީހުންނަށެވެ. ޢާންމުކޮށް އެންމެންނަށްވެސް އެނގެންޖެހޭނެ ބައެއް ކަންކަމަށެވެ.
ކަންކަމަށް އެދުމުގައި ހަމަތަކަކާއި އުޞޫލްތަކެއްވެއެވެ. އަދި ޢަމަލުކުރަންޖެހޭ ގޮތްތަކެއް އެބަހުއްޓެވެ. މިޘާލަކަށް:
- މައިންބަފައިން ދަރިންގެ ގާތުގައި ކަމަކު އެދިއްޖެނަމަ، އެކަމެއް ކޮށްދިނުމުގެ ޤާބިލުކަން ހުރިނަމަ އެކަމެއް ކޮށްދިނުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ.
- ގާތް އެކުވެރިއެއްގެ ގާތުގައި ކަމަކު އެދިއްޖެނަމަ އެކަމެއް ކޮށްދިނުމާއި ކޮށްނުދިނުމުގެ އިޚްތިޔާރު އެމީހަކަށް ލިބިގެންވެއެވެ. އެކަމުގައި އެއްވެސް މަޖުބޫރުކަމެއް ނެތެވެ.
- ދެން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކަންކަމަށް އެދުމެވެ. އެބޭނުމެއް ވަޤުތުން ފުއްދަވައި ދެއްވެވުމާއި ލަހުން ފުއްދަވައިދެއްވެވުމާއި އަދި ފުއްދަވައި ނުދެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. މި 3 ގޮތުން ކުރެ ކޮންމެ ގޮތެއް އިރާދަކުރެއްވެވިނަމަވެސް އެއްވެސް މީހަކަށް އެއްވެސް ޝަކުވާއެއް ނުކުރެވޭނެއެވެ. އެހެނީ އެއްވެސް މަޚްލޫޤަކަށް ﷲ ތަޢާލާގެ ޙަޟްރަތަށް އެއްވެސް މަޖުބޫރެއް ނުކުރެވޭނެއެވެ. އޮތީ ދުޢާކުރުންމަތީގައި ތިބުމެވެ.
ނަމަވެސް ބައެއް މީހުން ދެކެނީ ދުޢާއެއް ކޮށްފިނަމަ ވަޤުތުން ޢިޖާބަކުރައްވަވަން ޖެހިވޮޑިގެންވާނެކަމަށެވެ. ޢިޖާބަކުރެއްވެވުން ލަސްވުމުން ޝަކުވާ ކުރެވެނީ އެވިސްނުމުގެ މީހުންނަށެވެ. ބުނަން ހެއްޔެވެ؟ އެފަދަ ޝަކުވާއެއް ކުރުން ހިމެނިގެންދާނީ ކުފުރުގެ ޢަމަލުތަކުގެ ތެރެއިންނެވެ. އެއީ އެންމެ ނުރައްކަތެރި ގޮތެވެ.
އަހުރެމެން ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ އަޅެކެވެ. އޮތީ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމެވެ. ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތަށް ބެލިނަމަވެސް އަޅުންނަށް ޞާޙިބްމީހާއަށް ޝަކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ބުއްދީގެ ހަމަތަކުން ވިސްނައިފިނަމަ މިދެއްކި ވާހަކަ ފަހުމްވާނެ އެވެ. އިން ޝާ ﷲ
- ބިލާލް އައްސަދުގެ ދަރުސަކުން