ސުވަރުގެއަށް ކުރާ ދަތުރަކީ ޢުމުރުން ދުވަސްވުމުން ފަށާ ދަތުރަކަށް ހަދައިގެން މަންޒިލަށް ފޯރުން ވާނީ ދުރު ކަމަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ސުވަރުގެއަށް ކުރާ ދަތުރަކީ ޢުމުރުން ދުވަސްވުމުން ފަށާ ދަތުރަކަށް ހަދައިގެން މަންޒިލަށް ފޯރުން ވާނީ ދުރު ކަމަކަށް!

އަހުރެމެންގެ މައްޗަށް އޮތް ﷲ ތަޢާލާގެ ޙައްޤުފުޅުތަކަކީ ކޮބައިކަމާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟ އަހުރެމެން ދުނިޔޭގައި ލައްވަވާފައި މިވަނީ ކީއްކުރަންކަން ވިސްނާލަމުހެއްޔެވެ؟  

އެއްވެސް ޝައްކެއް ނެތް ގޮތުގައި އަހުރެމެން ދުނިޔޭގައި ލައްވަވާފައިވާ ހަމައެކަނި ބޭނުމަކީ ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. އެއިގެ މާނައަކީ އަހުރެމެން ކުރާ ކޮންމެ ޢަމަލަކީވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ޢަމަލަކަށް ހެދުމެވެ. ދިރިއުޅެން ކުރާ މަސައްކަތްވެސް ކުރަން އޮތީ ހަމަ އެގޮތުގައެވެ. ޢާއިލާގެ ޒިންމާ އަދާކުރަންވީވެސް ހަމައެގޮތުގައެވެ.  

މިއަދު މައްސަލައަކަށްވެގެން މިއުޅެނީ އަތަށް ފައިސާ އަރާނަމަ ނުވަތަ ތިމާއަށް ފައިސާ ލިބޭނަމަ ކޮންމެ ކަމެއް ކުރަންވެސް ޖެހިލުން ނުވުމެވެ. އެއީ ކިތަންމެ ބޮޑު ޙަރާމްކަމެއް ކުރުން ކަމުގައިވީނަމަވެސްމެއެވެ.  

މީސްތަކުންނޭވެ! މިނުބައި ގޮތް ދޫކޮށްލާށެވެ! ބަލަންވީ އަތަށް ގިނަ ފައިސާ ލިބި ތަނަވަސްކަން ލިބުމަކަށް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވަނުމަށެވެ. ވީމާ އެންމެ ޒުވާން އިރުން ފެށިގެން ޢަމަލުތައް ސީދާކުރާށެވެ! ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކުރާށެވެ!  

ތިމާ ކައިބޮއި ހަދަނީ ޙަލާލް ތަކެތި ކަމުގައި ހެދޭނީ ޙަރާމް ކުރައްވަވާފައިވާ މަގުތަކުން ފައިސާ ނުހޯދާނަމައެވެ. ޙަރާމް ގޮތުގައި ހޯދާ ފައިސާއަށް ގަންނަ ތަކެތި ވާނީ ޙަރާމަތްކެތި ކަމަށްވާނެއިރު ޙަރާމްތަކެތި ކައިގެން ޖަހާމަސް ދިއުން ގާތީ ނަރަކައަށް ކަމަށް އޮތް ޙަދީޘްފުޅަށް ބިރުވެތިވާށެވެ! 

މިކަންކަމަށް ސަމާލުކަން ނުދޭ މީހާ ސުވަރުގެ ލިބުމަށް އެދޭނީ ކިހިނަކުންހެއްޔެވެ؟ އެފަދަ މީހަކަށް ސުވަރުގެ ލިބުން ޙައްޤުވާނެ ގޮތެއް އަހުރެންނަކަށް ނުފެނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން