ފާފަކުރެވޭތީ ކަންބޮޑުވާ މީހާއަށް އެނގެންޖެހޭ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ފާފަކުރެވޭތީ ކަންބޮޑުވާ މީހާއަށް އެނގެންޖެހޭ ކަންކަން-

ފާފައެއް ކުރެވުމުން އެކަމާއި ކަންބޮޑުވާކަމަށް ހެދުމަކުން ނުފުދޭނެއެވެ. މިބުނާ ބަހުގެ މާނައަކީ ފާފަކުރަމުން ކަންބޮޑުވާކަން މީސްތަކުންނަށް ދައްކަމުން އެކަމަކުވެސް ތަކުރާރުކޮށް ފާފަކުރަމުން ގެންދިއުމަކީ މުސްލިމުން އެއްވެސް ޙާލެއްގައި ޢަމަލުކުރަން އޮތްގޮތެއް ނޫނެވެ. 

ފާފައެއް ކުރެވުމަކީ އެހައިބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. ކޮންމެ މީހަކީވެސް ފާފަކުރެވޭނެ މީހަކުކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެހެންވެ ﷲ ތަޢާލާވަނީ ފާފަކުރެވުމުން އެކަމުން ސަލާމަތްވެވޭނެ މަގުތައް ވަރަށް ލުއިފަސޭހަކޮށްދެއްވަވައިފައެވެ. 

ފުރަތަމަކަމަކީ އަސްތަޣްފިރުﷲ ކިޔުމެވެ. އަސްތަޣްފާރުކުރުމަކީ ކުރެވުނު ފާފަ ފުއްސަވައިދެއްވެވުން އެދި ދެންނެވުމެވެ. ފާފައެއް ކުރެވުމުން އެކަން ޤަބޫލުކޮށް ވަޤުތުން އަސްތަޣްފާރުކުރަންވާނެއެވެ. ކުރެވުނު ފާފައިގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތެވެ. 

ދެވަނަ ކަމަކީ ތައުބާވުމެވެ. ތައުބާވުމަކީ ކުރެވުނު ފާފައާއިމެދު ހިތާމަކޮށް ދެން އެފަދަ ފާފައެއް ނުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އިޚްލާޞްތެރިކަމާއިއެކު މީހަކު ތައުބާވެއްޖެނަމަ އެމީހަކީ ފާފައެއް ނުކުރާ މީހަކު ފަދަ ކަމުގައެވެ. 

ތިންވަނަ ކަމަކީ ހެޔޮ ޢަމަލެއް ކުރުމެވެ. ފާފައެއް ކުރެވުމުން އޮތީ ކުރިން މިބުނި 2 ކަންތައް (އަސްތަޣްފާރުކުރުމާއި ތައުބާވުން) ކުރުމާއިއެކު ވިއްދައިގެން ހެޔޮ ޢަމަލެއް ކުރުމެވެ. ހެޔޮ ޢަމަލުކުރުމަކީ ކުރެވޭ ފާފަތައް ފުއްސަވައި ދެއްވަވާ ކަމެކެވެ. 

އެހެނަސް ތައުބާވުމުން ފުދުނީކަމަށް ބަލައި ފާފަކުރުންމަތީގައި ދެމިހުރުމެއް ނެތެވެ. އެއީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ. ސަބަބަކީ ފާފަކުރުމާއި ފާފައެއް ކުރެވުމާއި އެއީ މުޅިން ތަފާތު 2 ކަމަކަށްވާތީއެވެ. ކޮންމެ މުސްލިމަކީވެސް ފާފައެއް ކުރެވިދާނެ މީހެކެވެ. ނަމަވެސް މުސްލިމުންނަކީ ފާފަކުރުންމަތީގައި ދެމިތިބެގެންވާނެ ބައެއް ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން