ތިބާއަށް ފުރައްސާރަކޮށް ނުވަތަ ހިތްދަތިކުރުވަން ބަސްބުނާނަމަ ތިބާގެ ދިފާޢުގަ އެތަނަށް މަލާއިކުން ވަޑައިގަންނަވާނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ތިބާއަށް ފުރައްސާރަކޮށް ނުވަތަ ހިތްދަތިކުރުވަން ބަސްބުނާނަމަ ތިބާގެ ދިފާޢުގަ އެތަނަށް މަލާއިކުން ވަޑައިގަންނަވާނެ ގޮތް!

ދިރިއުޅޭގޭގައި ނަމަވެސް، މަސައްކަތުގެ މާޙައުލުގައި ނަމަވެސް އަދި އެހެން ތަނެއްގައި ނަމަވެސް ތިބާ އާއިމެދު މީހުން ނުބައިބަސްބުނެ ރުޅިއަރުވަން، ނުވަތަ ހިތްދަތިކަން ދޭން މަސައްކަތްކުރާނަމަ ރައްދުދީ ނުވަތަ އެއްވެސް ސިފައެއްގައި ނުބައި ބަސްތައް ނުބުނާށެވެ!  

އެއިގެ ބަދަލުގައި އެމީހުންގެ ކުރިމަތީގައި ފައުޅުގައި ކިޔެން ނެތްނަމަ ހިތުން ވިޔަސް ﷲ ތަޢާލާއަށް ތަސްބީހްކިޔާށެވެ! ﷲ ތަޢާލާ މަތިވެރިކުރާށެވެ! އެއިރުން ތިބާއަށް ލިބިފައިވާ ނުވަތަ ލިބެމުންދާ ނުތަނަވަސްކަން ފިލައިގެންދާނެއެވެ. ހިތްހަމަޖެހުން ލިބޭނެއެވެ. އަދި ތިބާއަށް ކާމިޔާބު ލިބި އުފާވެރިކަންވެސް ލިބޭނެއެވެ.  

އެމީހުން އެފަދަ ކަންކަން އެކުރަނީ ޝައިޠޯނާއަށް ހެއްލި ތިބެގެންނެވެ. ޝައިޠޯނާ ދޭ ވަސްވާސްތައް ޤަބޫލުކޮށްގެންނެވެ. މިބުނި މަގުން ކަންކަން ކުރާނަމަ އެމީހަކަށް ރައްކައުތެރިކަން ދެއްވަވައި އެމީހެއްގެ ޙިމާޔަތަށް ﷲ ތަޢާލާ މަލާއިކަތުން ފޮނުއްވަވާނެތެވެ. އިން ޝާ ﷲ.   

މީހުން ކިޔާ އެއްޗެއްސަށް ރައްދު ދީފިނަމަ ތިބާ ދޫކުރައްވައި މަލާއިކަތުން އެނބުރި ވަޑައިގަންނަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ސުންނަތަށް، ޙަދީޘްފުޅުތަކަށް  ޢަމަލުކުރުމުން އަހުރެމެންނަށް ސަލާމަތާއި ރައްކައުތެރިކަން ﷲ ތަޢާލާ ދެއްވަވާނެކަން ޔަޤީންކުރަންވާނެއެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: ޑރ. ޢުމަރު ސުލައިމާންގެ ދަރުސަކުން  

މިއަދު އޮންލައިން