ﷲ ތަޢާލާއަށް ބިރުވެތިވި މީހެއް، އެކަމަކު އެއްވެސް ހެޔޮކަމެއް ނުކުރާ މީހެއްގެ ފާފަފުއްސަވައިދެއްވެވިކަން ޙަދީޘުން

ކިޔުމަށް ހޭދަވާނީ 1މ 29ސ
ﷲ ތަޢާލާއަށް ބިރުވެތިވި މީހެއް، އެކަމަކު އެއްވެސް ހެޔޮކަމެއް ނުކުރާ މީހެއްގެ ފާފަފުއްސަވައިދެއްވެވިކަން ޙަދީޘުން

ޢަލީ އިޙްޞާން ފިރާޤް

 

އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމުލް ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރައްވައިފައިވެއެވެ.  

ތިޔަބައިމީހުންގެ ކުރީން އުޅުނު މީހުންގެ ތެރޭގައި ﷲ އެމީހަށް ވަރަށް ގިނަ މުދާ ދެއްވައިފައިވާ މީހަކު އުޅުނެވެ. އޭނާ މަރުބަލީގައި އޮވެގެން އޭނާގެ ދަރީން އެއްކޮށްފައި ބުންޏެވެ. [ތިމަންނާއަކީ ކޮންކަހަލަ ބައްޕައެއް ހެއްޔެވެ؟] އެކުދީން ޖަވާބު ދިނެވެ. [ބައްޕާއަކީ ވަރަށް ރަނގަޅު ބައްޕައެކެވެ.] އެމީހާ ބުންޏެވެ. [ތިމަންނާ ދުވަހަކުވެސް ހެޔޮ ޢަމަލެއް ނުކުރަމެވެ. ތިމަންނާ މަރުވުމުން އަންދާލައި، ފުނޑުފުނޑުކޮށްލައިފައި އަޅިތައް ވަޔަށް ބުރުވައިލާށެވެ.] ދެން އޭނާގެ ދަރިން އޭނާ އެދުނުގޮތަށް ކަންތައްކުރިއެވެ. ނަމަވެސް ﷲ އޭނާގެ ހަށިގަނޑުގެ ބައިތައް އެއްކުރައްވައި ފުރާނަ އެޅުއްވުމަށްފަހު ވަޙީ ކުރެއްވިއެވެ. [އެގޮތަށް ކަންތައް ކުރުމަށް އެންގީ ކީއްވެގެން ހެއްޔެވެ؟] އޭނާ ޖަވާބުގައި ބުންޏެވެ. [އިބަރަސްކަލާނގެ ރަސްކަންފުޅުދެކެ ބިރުންނެވެ.] ދެން ﷲ އެނާގެ މައްޗަށް ރަޙްމަތްލައްވައި އޭނާގެ ފާފަތައް ފުއްސެވިއެވެ.

{ البخاري (ت ٢٥٦صحيح البخاري ٣٤٧٨} 

މިޙަދީޘްފުޅަށް ބަލައި ވިސްނަންވީ އެއްވެސް ެޔޮ ޢަމަލެއް ނުކުރިޔަސް ތިމާގެ ފާފަތައް ފުއްސަވައިދެއްވަވައި ސުވަރުގެ ވައްދަވާނެ ކަމަކަށް ނޫނެވެ. ވިސްނަންވީ ﷲ ތަޢާލާއަށް ބިރުވެތިވުމުގެ މުހިންމު ކަމެވެ. ފުރިހަމަ ގޮތުގައި ބިރުވެތިވެވޭ މީހަކުނަމަ ފާފަކުރަން ބިރުގަންނާނެއެވެ. އަދި ވީހާގިނައިން ހެޔޮ ޢަމަލުތައް ކުރާނެއެވެ.

 

މިއަދު އޮންލައިން