ޢާއިޝަތު ރަފާޙް ޢަލީ
"އަޅުގަނޑުމެންގެ ޢިއްޒަތްތެރި ޝައިޚް، މައިންބަފައިންނަށް ހެޔޮކޮށްހިތުމާއި އިޙްސާންތެރިވުމުގެ މުހިންމުކަމާ ބެހޭގޮތުން ތިޔަ ބޭފުޅާ އަބަދުވެސް ވާހަކަފުޅު ދައްކަވައެވެ. އެހެންނަމަވެސް، އަޅުގަނޑުގެ ޙާލަތަކީ ތަފާތު ޙާލަތެކެވެ. އަޅުގަނޑުގެ މައިންބަފައިންގެ ފަރާތުން ލިބިފައިވަނީ ހިތްދަތިކަމެވެ. މިފަދަ ޙާލަތެއްގައި، އިސްލާމްދީނުގައި މައިންބަފައިންނާމެދު ޢަމަލުކުރަން އަންގަވާފައިވާ ގޮތާ އެއްގޮތަށް ޢަމަލުކުރުމަށް އަޅުގަނޑަށް އެހީތެރިވެދެއްވާނެ ނަޞޭޙަތްތަކަކީ ކޮބައިތޯ؟ އަދި މިފަދަ ދަތި ޙާލަތެއްގައިވެސް މައިންބަފައިންނަށް އިޙްސާންތެރިވުމުގެ މުހިންމުކަން އަޅުގަނޑަށް ވިސްނައިދެއްވުން އެދެމެވެ."
ޖަވާބު:
މައިންބަފައިންގެ ރުހުން ހޯދުމަކީ އިސްލާމްދީނުގައި އެހާމެ މަތިވެރި ޢަމަލެކެވެ. އެއީ މާތްﷲގެ ރުހިވޮޑިގަތުން ހޯދުމުގެ މަގެވެ. އަޅުގަނޑުމެން ކުޑައިރު މައިންބަފައިން އަޅުގަނޑުމެންނަށްޓަކައި ކޮށްދެއްވި އެތައް ޤުރުބާނީތަކެއް އަޅުގަނޑުމެންނަށް ނޭނގި ދިޔައީ އޭރު އަޅުގަނޑުމެންނަކީ ކުޑަކުދިންކަމުންނެވެ. އެހެންނަމަވެސް މިހާރު ތަމްޔީޒު ލިބި، ބޮޑުވެ، ބާލިޣުވުމާއެކު އެ ދަރަނި އަދާކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.
މައިންބަފައިންގެ ކިބައިން އިންސާނީ ޠަބީޢަތުގެ ސަބަބުން މަދުން ނަމަވެސް ކުށްތައް ފެނިދާނެއެވެ. އެހެންނަމަވެސް އެކަމަކީ އަޅުގަނޑުމެން ޙުކުމް ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ މާތްﷲ އެބޭފުޅުންނާ ހިސާބު ބައްލަވާނެ ކަމެކެވެ. އަޅުގަނޑުމެންގެ ޒިންމާއަކީ އެބޭފުޅުންނަށް އިޙްތިރާމްކޮށް، ހެޔޮކޮށް ހިތުމެވެ.
މައިންބަފައިންނާމެދު މުޢާމަލާތު ކުރުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. އެބޭފުޅުންނަށް އިޙްތިރާމާއެކު މުޢާމަލާތުކޮށް، އެބޭފުޅުންގެ އެދުންތައް ކުޅަދާނަވީ މިންވަރަކުން ފުއްދައިދޭން މަސައްކަތް ކުރަންވާނެއެވެ. އެބޭފުޅުންނާ ވާހަކަދައްކާއިރު އަޑުގަދަނުކޮށް، އަދަބުވެރިކަމާއެކު މުޢާމަލާތުކުރުމަކީ އިސްލާމްދީނުގައި އަންގަވާފައިވާ ކަމެކެވެ.
ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ 14 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
أَنِ اشْكُرْ لِي وَلِوَالِدَيْكَ
މާނައީ: (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ!
އަދިވެސް އަޙްޤާފް ސޫރަތުގެ 15 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا ۖ حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا ۚ حَتَّىٰ إِذَا بَلَغَ أَشُدَّهُ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ ﴿١٥﴾
މާނައީ: إنسان އާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ. އޭނާ ފުރާފުރިހަމަވެ، ސާޅީސްއަހަރު ފުރިއްޖެހިނދު، އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި إصلاح ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް توبة ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ مسلم ންގެ ތެރެއިންނެވެ. (15)
ޤުރްއާނުން އަހަރެންނަށް އުނގަންނައިދެއްވާފައިވަނީ މައިންބަފައިންނަށް އިޙްތިރާމާއެކު ހެޔޮކޮށް ހިތުމަށެވެ. އެބޭފުޅުންގެ ޙާލަތު ކޮންމެ ގޮތަކަށް ހުއްޓަސް، އަދި އެބޭފުޅުން އިސްލާމްދީނުގައި ނުވިކަމުގައި ވިޔަސް، މިގޮތަށް ޢަމަލުކުރުމެވެ.
އެބޭފުޅުން ތިބާއަށް އަނިޔާވެރިނުވެއެވެ. ތިބާގެ ޚަރަދުތަކުގައި އިހުމާލުނުވެއެވެ. އަދި ތިބާ ތަރުބިއްޔަތުކުރުމުގައިވެސް ފަރުވާކުޑަ ނުކުރެއެވެ. އަދި އިސްލާމްދީނުގައި ނުވިކަމުގައި ވިޔަސް، ޤުރްއާނުން އަހަރެންނަށް އަންގަވާފައިވަނީ އެބޭފުޅުންނަށް އޯގާތެރިކަމާއެކު މުޢާމަލާތްކުރުމަށެވެ.
ނަމަވެސް، ﷲ ސުބުޙާނަހޫ ވަތަޢާލާ ކޯފާވެވޮޑިގަންނަވާ ކަމެއްގައި އެބޭފުޅުންނަށް ކިޔަމަންވުމަކީ ހުއްދަކަމެއް ނޫނެވެ. އަދި ﷲ ޢައްޒަވަޖައްލަ އަށް އުރެދުމުގެ އެއްވެސް ކަމެއްގައި އެބޭފުޅުންނަށް ކިޔަމަންވުމަކީވެސް ހުއްދަކަމެއް ނޫނެވެ.
ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ 15 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا ۖ
މާނައީ: އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް شريك ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ!"
އިބްރާހީމްގެފާނުގެ (ޢަލައިހިއްސަލާމް) ބައްޕާފުޅަކީ ކާފަރެކެވެ. އަދި އޭނާ އަމުރުކުރެއްވީ ބުދުތަކަށް އަޅުކަން ކުރުމަށެވެ. މިހެން އޮތްނަމަވެސް، އިބްރާހީމްގެފާނު އެކަލޭގެފާނުގެ ބައްޕާފުޅާ މެދު ލޯބިވެވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ރަޙުމަތްތެރިވެވަޑައިގަތެވެ.
ތިބާ މަރްޔަމްގެފާނުގެ ސޫރަތް ކިޔަވާއިރު، އިބްރާހީމްގެފާނު އެކަލޭގެފާނުގެ ކާފަރު ބައްޕާފުޅަށް ގޮވާލެއްވި ގޮތް ދެކޭނެއެވެ. މި ހެޔޮކަމުގެ މިންވަރުން ތިބާ އަޖައިބުވާނެއެވެ. އެކަލޭގެފާނު "އޭ އަހަރެންގެ ބައްޕާއެވެ" މި ބަސްފުޅު ތަކުރާރުކޮށް ވިދާޅުވިއެވެ.
ﷲ ތަޢާލާ މަރްޔަމް ސޫރަތުގެ 42 ވަނަ އާޔަތުން 45 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ.
إِذْ قَالَ لِأَبِيهِ يَا أَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِي عَنكَ شَيْئًا ﴿٤٢﴾ يَا أَبَتِ إِنِّي قَدْ جَاءَنِي مِنَ الْعِلْمِ مَا لَمْ يَأْتِكَ فَاتَّبِعْنِي أَهْدِكَ صِرَاطًا سَوِيًّا ﴿٤٣﴾ يَا أَبَتِ لَا تَعْبُدِ الشَّيْطَانَ ۖ إِنَّ الشَّيْطَانَ كَانَ لِلرَّحْمَٰنِ عَصِيًّا ﴿٤٤﴾ يَا أَبَتِ إِنِّي أَخَافُ أَن يَمَسَّكَ عَذَابٌ مِّنَ الرَّحْمَٰنِ فَتَكُونَ لِلشَّيْطَانِ وَلِيًّا ﴿٤٥﴾
މާނައީ: އެކަލޭގެފާނުގެ ބައްޕައަށް އެކަލޭގެފާނު ވިދާޅުވިހިނދެވެ. އޭ ބައްޕާއެވެ! އެއްވެސް އަޑެއް ނީވޭ، އެއްވެސް އެއްޗެއް ނުފެންނަ، އަދި ބައްޕައަށް އެއްވެސް ކަމެއް ފުއްދައިނުދޭ އެއްޗަކަށް، ބައްޕަ އަޅުކަންކުރަނީ ކީއްވެގެންހެއްޔެވެ؟ (42) އޭ ބައްޕާއެވެ! علم ގެ ތެރެއިން، ބައްޕައަށް އައިސްފައިނުވާ علم، ތިމަންނާއަށް ހަމަކަށަވަރުން، އައިސްފައިވެއެވެ. ފަހެ، ތިމަންނާއަށް ބައްޕަ تبع ވާށެވެ! އޭރުން ބައްޕައަށް ސީދާވެގެންވާ ތެދުމަގަކަށް މަގުދައްކާހުށީމެވެ. (43) އޭ ބައްޕާއެވެ! شيطان އާއަށް އަޅުކަން ނުކުރާށެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެއަށް ނުކިޔަމަންތެރިޔެއް ކަމުގައި شيطان އާ ވިއެވެ. (44) އޭ ބައްޕާއެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެ حضرة ން عذاب އެއް އައިސް، ބައްޕައަށް ޖެހިދާނެކަމަށް އަހުރެން ބިރުގަނެއެވެ. އޭރުން ބައްޕަ ވާހުށީ، شيطان އާގެ އެހީތެރިޔެއް ކަމުގައެވެ. (45)
ނަމަވެސް އިބްރާހީމްގެފާނުގެ ބައްޕާފުޅުގެ ޖަވާބަކަށްވީ:
قَالَ أَرَاغِبٌ أَنتَ عَنْ آلِهَتِي يَا إِبْرَاهِيمُ ۖ لَئِن لَّمْ تَنتَهِ لَأَرْجُمَنَّكَ ۖ وَاهْجُرْنِي مَلِيًّا ﴿٤٦﴾
މާނައީ: "އޭނާ ބުންޏެވެ. އޭ إبراهيم އެވެ! ތިމަންގެ إله ންތަކަށް ތިބާ ނުރުހެނީހެއްޔެވެ؟ ތިބާ ތިޔަކަންތައް ނުހުއްޓައިފިނަމަ، ހަމަކަށަވަރުން، އަހުރެން ގަލުން ތަޅައި، ތިބާ މަރައިފާހުށީމެވެ. އަދި ދިގުމުއްދަތަކަށް، އަހުރެންނާ ވަކިވާށެވެ! (46)"
އިބްރާހީމްގެފާނުގެ ވާހަކަތަކުން އަޅުގަނޑުމެންނަށް އަންގައިދެނީ މިއީ މުސްލިމެއްގެ ސިފައެވެ. އަޅުގަނޑުމެން އިޙްސާސްކުރަންޖެހެނީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވާ ގޮތުގައި، އަޅުގަނޑުމެން މަޑުމައިތިރިވެ، ރަޙުމަތުގެ ގޮތުން އެމީހުންނަށް ތިރިވެ ކިޔަމަންތެރިވާންޖެހޭ ކަމެވެ.