ޢަލީ އިޙްޞާން ފިރާޤް
ކޮވިޑް ބަލީގެ ދުވަސްވަރު އެންމެން ﷲ ތަޢާލާގެ މަތިން ހަނދުމަކުރިއެވެ. ކާފިރުންވެސް ހަނދުމަކުރިއެވެ. މިސްކިތްތައް ބަންދުކުރުމުން މުސްލިމުން ތެޅިފޮޅުނެވެ. ކުޑަ ދުވަސްކޮޅަކަށްފަހު މިސްކިތައް ހުޅުވުނެވެ. އެކަމަކު އެބަ ނަމާދުކުރެވޭ ހެއްޔެވެ؟ ވީމާ ވިސްނައިލުމަށް މިގެނެސްދެނީ ފައިދާކުރާނެ ލިޔުމެކެވެ. ކޮންމެވެސް އެހެން ނަމެއްގައި ނަމަވެސް ދުނިޔެ އެކުގައި ރޯނާކޮށްލައްވަވަން ﷲ ތަޢާލާ ކުޅަދުންވަންތައެވެ.
ޠާޢޫނުވަބާގެ ޙަދީޘް
އުސާމާ ބިން ޒައިދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ. [ޠާޢޫނަކީ ބަނީއިސްރާއީލުބާގައިގެ މީހުންގެ މައްޗަށް ނުވަތަ ކުރީގެ އުއްމަތްތަކުގެ މީސްތަކުންގެ މައްޗަށް ފޮނުއްވި ޢަޛާބެކެވެ. ފަހެ ރަށެއްގައި ޠާޢޫން ފެތުރިއްޖެ ޚަބަރު ލިބިއްޖެނަމަ އެރަށަކަށް ތިޔަބައިމީހުން ނުވަންނާށެވެ. އަދި ތިޔަބައިމީހުން އެރަށެއްގައި ވަނިކޮށް އަރަށުގައި ޠާޢޫން ފެތުރިއްޖެނަމަ އެރަށަކުން ނުފައިބާށެވެ.]
{ البخاري (ت ٢٥٦)، صحيح البخاري ٣٤٧٣ • [صحيح] • أخرجه البخاري (٣٤٧٣)}
ކުރީގެ އުންމަތްތައް ހަލާކުވާން މެދުވެރިވި ސަބަބު
ޢާއިޝަތުގެފާނުގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. މަޚްޒޫމުވަންހައިގެ އަންހެނަކު ވައްކަން ކުރުމުން އޭނާއަށް ޝަފާޢަތްތެރިވެވަޑައިގެންނެވުމަށް އުސާމާ ބިން ޒައިދު އެދިވަޑައިގެންނެވިއެވެ. އެހިނދު މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ ﷲ ޙައްދު ކަނޑައަޅުއްވައިފައިވާ ކަމަކާމެދު ކަލޭގެފާނު ޝަފާޢަތްތެރިވަނީތޯއެވެ.] އެއަށްފަހު މީސްތަކުންނާ މުޚާޠަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ. އޭ މީސްތަކުންނޭވެ. ތިބައިމީހުންގެ ކުރީގެ މީސްތަކުން ހަލާކުވެގެން ދިޔައީ އެބައިމީހުންގެ ބޮޑަކު ވައްކަމެއްކޮށްފިނަމަ އޭނާ ދޫކޮށްލައެވެ. ނަމަވެސް އެބައިމީހުންގެ ތެރެއިން ދެރަނިކަމެތި މީހަކު ވައްކަމެއް ކޮށްފިނަމަ އެމީހެއްގެ ގައިގައި ޙައްދު ޤާއިމުކުރެއެވެ. މާތް ﷲ ގަންދީ ބުނަމެވެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަން ކުރިނަމަވެސް އެކަމަނާގެ އަތްޕުޅުވެސް ކަނޑުއްވާހުށީމެވެ.]
{ أخرجه البخاري (٣٤٧٥)، ومسلم (١٦٨٨)، وأبو داود (٤٣٧٣) واللفظ له، والترمذي (١٤٣٠)، والنسائي (٤٨٩٩)، وابن ماجه (٢٥٤٧) }
މިޙަދީޘްފުޅަކީ ކުރިން ވަރަށް ގިނައިން ހުކުރު ޚުޠުބާތަކުގައި ކިޔައި އުޅުނު ޙަދީޘްފުޅެކެވެ. ނަމަވެސް ސަރުކާރުގެ ބޮޑުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ގިނަވުމުން މިހާރަކަށް އައިސް މިޙަދީޘްފުޅުގެ އަޑުވަނީ ކެނޑިފައެވެ.