ފަށްކުރުމެއް!: ވައްހާބީންނަކީ ކޮންބައެއްކަން އެނގޭތަ؟

ކިޔުމަށް ހޭދަވާނީ 18މ 3ސ
ފަށްކުރުމެއް!: ވައްހާބީންނަކީ ކޮންބައެއްކަން އެނގޭތަ؟

ޝައިޚް މުޙައްމަދު ލަޠީފް

 

މިލިޔުން މިގެނެސްދެނީ ތިމާއަށް ބުނެވެނީ ކޮން އެއްޗެއްކަން ނުވިސްނި ތިބެ އަނެކާ ދެރަކޮށްލަން "ތިއައީ ވައްހާބީއެއް" ކަމަށް ބުނެއުޅޭ މީހުންނަށް މިކަންކަން އެނގުމުން ފައިދާކުރާނެތީއެވެ.

الحمد لله رب العالمين، والصلاة والسلام على من لا نبي بعده، وعلى آله وأصحابه أجمعين

އިސްލާމީ އުއްމަތަކީ އުއްމަތްތަކުގެ ތެރެއިން އެންމެ ފަހު އުންމަތެވެ. އަދި އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ مُحَمَّدُ صَلَّى اللَّهُ عَلَيْهِ وَسَلَّمَއަކީ ނަބިއްޔުންނާއި ރަސޫލުން ޚަތިމުކުރެއްވި މާތް ސާހިބާއެވެ. ޢާލަމްތަކަށް ރަޙުމަތެއްކަމުގައި اَللَّهُ سُبْحَانَهُ وَتَعَالَى ފޮނުއްވި ސާޙިބާއެވެ. އަދި އެކަލާނގެވަނީ އެކަލޭގެފާނަށް ދެއްވި ޝަރީޢަތް ރައްކާތެރިކުރައްވާފައެވެ. ތަފާތު އެކިއެކި ދުވަސްވަރުގައި އިސްލާމް ދީނުގެ ކަންތައްތަކުގެ ތެރެއިން އުވިދާ ކަންކަން ދިރުވައި އާލާކުރެއްވުމަށްޓަކައި ޢިލްމުވެރިން ލެއްވެވިއެވެ. އެއީ، އެކަލާނގެ ބާވައިލައްވާފައިވާ ދީނުގައި މީސްތަކުން ބައިތިއްބުމަށްޓަކައެވެ. ޢިލްމުވެރިންގެ ތެރެއިން ބަޔަކުވަނީ އެކިއެކި ޒަމާނުގައި އުޅުއްވި އެފަދަ ޢިލްމުވެރިންގެ ޢަދަދުކުރުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން 12 ވަނަ ޤަރުނުގައި ދީން އޭގެ ޞައްޙަ ގޮތުގައި ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތާ އެއްގޮތަށް ދިރުވައި އާލާކުރެއްވި މުޖައްދިދެއް ކަމުގައި اَلشَّيْخُ الْإِمَامُ مُحَمَّدُ بْنُ عَبْدِ الْوَهَّابِ - رَحِمَهُ اللهُ ކަނޑައެޅުނެވެ.  

اَلشَّيْخُ الْإِمَامُ مُحَمَّدُ بْنُ عَبْدِ الْوَهَّابِ - رَحِمَهُ اللهُ ބޮޑުފުޅުވެގެން އައީ ނަޖިދު ކަރައިގައެވެ. އޭރު އެތާނގައި އޮތީ ދީނުގެ ކަންކަމާމެދު ދީނުގެ ކަންކަންައި އާލާކުރިތަންދޮރު ނޭނގުމާއި، ޝިރުކާއި، ބިދުޢަތާއި ޚުރާފާތުގެ ގޮތްތައް ފެތުރި، ދީނެއްގެ ގޮތުގައި އެކަންކަން ބަލައިގަނެފައެވެ. ޝައިޚުގެ ރަށްކަމުގައިވާ "އަލް ޢުޔައިނާ" އޭ ކިޔުނު ރަށުގައިވާ ޤަދަރު މަތިވެރި ޞަޙާބީ ބޭކަލެއްކަމުގައިވާ "زَيْدُ بْنُ الْخَطَّاب رَضِيَ اللهُ عَنْهُ" ގެ މަހާނައަށާއި އަދި އެނޫން ހިސާބުތަކުގައިވާ ޞަޙާބީންނާއި އެނޫން ބޭބޭފުޅުންގެ މަހާނަތަކަށް ގޮސް، اَللَّهُ سُبْحَانَهُ وَتَعَالَى ފިޔަވައި އެފަރާތްތަކުން ކަންކަމަށް އެދި ދުޢާ ކުރުން ފަދަ ބޮޑެތި ޝިރުކުގެ ޢަމަލުތައް ކުރަމުން ދިޔައެވެ. ޚުދު ކީރިތި މާތް ނަބިއްޔާގެ ޤަބުރުފުޅަށް ނަދުރުތައް ބުނެގެންގޮސް އެތަނަށް އެބައިމީހުންގެ އަގު ބޮޑު މުދާތައް އެނަދުރުތައް ފުއްދުމުގެ ނަމުގައި ހަދިޔާކުރަމުން ދިޔައެވެ. އެތަނަށް ޒިޔާރަތްކުރާ އަންހެންވެރިން އެކަބލުންގެ ގަހަނާތަކަށް ދާންދެން އެ ޤަބުރުފުޅަށް ވެދުންކުރަމުންދިޔައެވެ. އަދި އެނޫންވެސް މީހުންނާއި އަދި ބައެއް ގަސްގަހާއި ގެއްސަށާއި ބައެއް ހިލަ ތަކަށްވެސް އަޅުކަން ކުރެވުމުން ދިޔައެވެ. ބާޠިލު ގޮތްތައް ފެތުރިފައިވާލެއް ބޮޑުކަމުންނާއި، ޙައްޤުގެ އަހުލުވެރިންގެ ބާރެއް ނެތުމުގެ ސަބަބުން، އޭރު ފާޅުގައި އެކަންކަމަށް އިންކާރުކުރާކަށް މީހަކަށް ނުކެރެއެވެ.  

ޝައްކެތްނެތެވެ. ޝިރުކުގެ ގޮތްތައް ޢަރަބި ޖަޒީރާގައި ފެތުރޭނެކަމަށް ކީރިތި ރަސޫލާ ވަނީ ޙަދީޘް ކުރައްވާފައެވެ. އެކަން އެވަނީ ތެދުވެފައެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވެވިއެވެ. (وَلَا تَقُوْمُ السَّاعَةُ حَتَّى يَلْحَقَ حَيٌّ مِنْ أُمَّتِي بِالْمُشْرِكِيْنَ، وَحَتَّى يَعْبُدُ فِئَامٌ مِنْ أُمَّتِي الْأَوْثَانَ.) މާނައީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ ޤަބީލާއެއް މުޝްރުކުންނާއި ގުޅި އަދި ތިމަންކަލޭގެފާނުގެ އުއްމަތުގެ ބަޔަކު ބުދަށް އަޅުކަންކޮށްފުމަށް ދާންދެން ޤިޔާމަތްނުވާ ހުއްޓެވެ."  

މިހާ ހިސާބަށް ދީނީ ކަންކަން ގޮސްފައިވަނިކޮށް اَلشَّيْخُ الْإِمَامُ مُحَمَّدُ بْنُ عَبْدِ الْوَهَّابِ - رَحِمَهُ اللهُ ފާޅުގައި ނުކުމެވަޑައިގެން اَللَّهُ سُبْحَانَهُ وَتَعَالَىގެ އެކައުވަންތަކުރުމަށާއި ކީރިތި ޤުރްއާނާއި ޠާހިރު ސުންނަތައް ޢަމަލުކޮށް، އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރުމަށް މީސްތަކުންނަށް ގޮވާލެއްވިއެވެ. އަދި ނަބިއްޔުންނާއި ޞާލިޙު އަޅުންނަށް މާތްކޮށް ހިތުމުގައި ހައްދު ފަހަނާ އަޅާ ދިއުމާމެދު ކީރިތި ޤުރްއާނާއި ސުންނަތުން އެބައިމީހުންނަށް ބިރުދެއްކެވިއެވެ. އަދި ޤަބުރަށް އަޅުކަން ކުރުމާއި ގަސްގަހާ ގެއްސަށާއި ހިލަހިލައަށް އަޅުކަން ކުރުމާމެދު އެކަމުގެ ނުބައިކަން ހާމަކޮށް ބަޔާންކޮށްދެއްވިއެވެ. އަދި އެޒަމާނުގެ ވެރިންނާއި ރައްޔިތުންނަށްވެސް اَللَّهُ سُبْحَانَهُ وَتَعَالَى އެއްކައުވަންތަކޮށް އެކަލާނގެއަށް އިޚްލާޞްތެރިވެ އިސްލާމީ ޝަރީޢަތަށް ތަބާވެ، އެއަށް މާތްކޮށް ހިތުމަށް ގޮވާލެއްވިއެވެ. އަދި މިސްކިތްތަކުގައި ނަމާދުތައް ޤާއިމްކުރުމާއި، اَللَّهُ سُبْحَانَهُ وَتَعَالَىގެ ޝަޢާއިރުތަކަށް ރައްކާތެރިވުމަށް ގޮވާލެއްވިއެވެ. އެބަރަކާތްތެރި ގޮވާލެއްވުމާއި ދަޢުވަތަށް އެހީތެރިވެ މަދަދު ދޭނެ ބަޔަކުކަމުގައި އާލު ސުޢޫދުގެ ހިތްވަރުގަދަ ދަރިކޮޅު اَللَّهُ سُبْحَانَهُ وَتَعَالَى މިންވަރުކުރެއްވިއެވެ.

އަދި އެދަޢުވަތުގެ ބަރަކާތުން ޢަރަބި ކަރައިގައި ޙައްޤު ފާޅުވެ، ޙައްޤަށް ނަޞްރު ލިބި اَللَّهُ سُبْحَانَهُ وَتَعَالَىގެ ދީން ޤާއިމުވިއެވެ. އަދި ކީރިތި ޤުރްއާނާއި ޠާހިރު ސުންނަތަށް އަލުން ޢަމަލުކުރަން ފެށި، ޢަރަބި ޖަޒީރާގައި އިސްލާމީ ޝަރީޢަތް ތަންފީޒު ކުރެވެން ފެށުނެވެ. މިއަދާ ހަމައަށްވެސް އެކަމުގެ އަސަރުތައް އެހުރީ ފެންނާށެވެ. އާލު ސުޢޫދުގެ ޢަޒުމް ވަރުގަދަ ވެރިން އެބައިމީހުންގެ ދަސްތޫރު ކަމުގައި އޭރުއްސުރެވެސް ހަދައިފާވަނީ ޤުރްއާނާއި ސުންނަތެވެ. ސަލަފުޞާލިޙުންގެ ފަހުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ނަތީޖާއެއްގެ ގޮތުން އިސްލާމީ ދުނިޔޭގެ ރަށްތަކުން ޝިރުކާއި ބިދުޢަތާއި ޚުރާފީ ގޮތްތައް ފެންނާން ހުރިހެން، އެތަނުން ފެންނާކަށް ނެތެވެ. ދަންނާށެވެ! އެ ބަރަކާތްތެރި ދަޢުވަތުގެ ހެޔޮ އަސަރުތައް މިއަދުވަނީ މުޅި ދުނިޔެއަށް ކޮށްފައެވެ. ވަރަށް ގިނަ ބަޔަކުވަނީ އެދަޢުވަތަށް އީޖާބަ ދީފައެވެ. ނަމަވެސް ޝިރުކާއި ބިދުޢަތާއި ޚުރާފާތުގެ އަހުލުވެރިންނާއި، ޔަހޫދީ ޞަހުޔޫނީންނާއި، ޝީޢީންނާއި، ޞޫފީންނާއި، ސިޔާސީ ގޮތުން ދެކޮޅުވެރި މީހުންނާއި، އެދައުވަތުގެ ޙަޤީޤަތް އެނގެން ބޭނުންނުވާ ޖާހިލުންނާއި، އެކަންކަމުގެ ފަހަތުގައި މާއްދީ ފައިދާ ހޯދުމަށްޓަކައި މަސައްކަތްކުރާ މީހުން ދަނީ އެދަޢުވަތާ ދެކޮޅު ހަދައި ޢަދާވާތްތެރިކަން ފާޅުކޮށް މަކަރުވެރި ރޭވުންތައް ރާވައި، ކޮންމެ ގޮތަކުންވެސް އެދަޢުވަތުން މީސްތަކުން އެއްކިބާކުރުމަށްޓަކައި ދޮގު ބުހުތާނުތައް ހަދަމުންނެވެ. އެގޮތުން، އެބައިމީހުންވަނީ اَلشَّيْخُ الْإِمَامُ مُحَمَّدُ بْنُ عَبْدِ الْوَهَّابِ - رَحِمَهُ اللهُ ގެ ބަރަރަކާތްތެރި ދަޢުވަތަކީ ހަރުކަށި ދީނީ ފިކުރެއްކަމަށް ސިފަކޮށް، އެ އުޞޫލުތަކުގެ މޭސްތިރިއެއްކަމުގައި اَلشَّيْخُ مُحَمَّدُ بْنُ عَبْدِ الْوَهَّابِ - رَحِمَهُ اللهُ ކަނޑައަޅާފައެވެ. އެބައިމީހުން ބުނާގޮތން ޝައިޚުއަކީ މީސްތަކުންނަށް ނޭނގި ކުރެވޭ ކަންކަމުންވެސް އެބައިމީހުން ކާފިރުކުރާ މީހެއްކަމުގައެވެ. ނަމަވެސް، ޝައިޚުވަނީ އެބައިމީހުން ހަދާފައިވާ ދޮގު ބުހުތާންތަކަށް ޖަވާބު ދެއްވާފައެވެ.

އަދި ޝައިޚުއަށްފަހު އެ ދަޢުވަތަށް އިޖާބަ ދިން މީހުންވެސް ދަނީ އެދަޢުވަތުގެ ޢަދާވާތްތެރިން ފަތުރާ ވިހަ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ސަލަފު ޞާލިޙުންގެ މަންހަޖު މުޅި ދުނިޔޭގައިވަނީ ފެތުރިފައެވެ. އެހުރިހާ ކަމަކީވެސް اَللَّهُ سُبْحَانَهُ وَتَعَالَىގެ ފަޟުލުވަންތަކަމުންނާއި އެކަލާނގެ ތައުފީޤު ދެއްވީތީ ލިބުނު ފޮނި ނަތީޖާއެވެ. ދަންނާށެވެ! ތާރީޚު ދައްކާ ގޮތުންނަމަ އެއްވެސް ރަސޫލަކު އަދި ނަބީއަކު އަދި އިސްލާޙަށް މަސައްކަތްކުރާ މީހަކު اَللَّهُ سُبْحَانَهُ وَتَعَالَى އެއްކައުވަންތަކުރުމަށާއި ޙައްޤު ދީނަށް ގޮވާލައިފިތަ، މީސްތަކުންގެ ތެރެއިން އެބޭކަލަކާ ދެކޮޅުވެރިނުވާ އެއްވެސް ބޭކަލަކު ނުވެއެވެ. އަދި އެބޭކަލަކަށް ތަފާތު ލަޤަބުތައްދީ އެބޭކަލަކާމެދު މީސްތަކުންނަށް ބިރު ނުދައްކާ ހަމަ އެކަކުވެސް ނުވެއެވެ.

އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ مُحَمَّدُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާމެދު ޤުރައިޝު ވަންހައިގެ ކާފިރުން ކަންތައް ކުޅައީވެސް ހަމަ އެފަދައިންނެވެ. އެބައިމީހުން އެކަލޭގެފާނަކީ ސިޙުވެރިއެކޭ، ޖާދޫގަރަރެކޭ، މީސްތަކުން ބައިބައިކޮށް ފަސާދަކުރާ މީހެކޭ، ދުނިޔެއަށްޓަކައިއުޅޭ މީހެކޭ ބުންޏެވެ. އަދި އެބައިމީހުން އެކަލޭގެފާނު މައްކާއިން ނެރެ ބޭރުކޮށް، އެކަލޭގެފާނާ ހަނގުރާމަވެސް ކުރިއެވެ. އިސްވެ ދެންނެވި ބާޠިލުގެ އަހުލުވެރިން މިއަދުވެސް ދަނީ ޙައްޤުގެ އަހުލުވެރިންނާމެދު އެފަދައިން ކަންތައްތައް ކުރަމުންނެވެ. ދޭތެރެ ދޭތެރެއިން ޝައިޚުގެ ބަރަކާތްތެރި ދަޢުވަތުގެ ސޫރަ ހުތުރުކޮށް މީސްތަކުން އެއިން އެއްކިބާކުރުމަށްޓަކައި އެއީ، ވައްޙާބިއްޔަތޭ އެދަޢުވަތާ ތަބާވާނީ ވައްހާބީންނޭ އެއީ އާދީނެއް ހަދައިގެން އުޅޭ ބަޔެކޭ، އެއީ، ހަރުކަށި ފިކުރުގެ މީހުންނޭ، މީސްތަކުން ޤަތުލުކޮށް ކާފިރުކުރާ މީހުންނޭ. އައި، އެސް، އެސް މީހުންނަކީ ވެސް އެމީހުންގެ ތެރެއިން އުފެދުނު ބަޔެކޭ ކިޔައި ދޮގުތައް ހަދައި، ބަދު އިލްޒާމުތައް އެ އިޞްލާޙީ މަސައްކަތަށް ތަބާވާ މީހުންގެ ބޮލުގައި އަޅުވައެވެ.

އެހެންނަމަވެސް اَلشَّيْخُ مُحَمَّدُ بْنُ عَبْدِ الْوَهَّابِ - رَحِمَهُ اللهُ އެހުރިހާ ކަމަކުން ބަރީޢަވެގެންވެއެވެ. ޝައިޚުގެ ފޮތްތަކުން އެކަންކަން ވަރަށް ސާފުވާނެއެވެ. އަދި ޝައިޚުގެ ޒަމާނުގައި އުޅުއްވި ބައެއް ދީނީ ޢިލްމުވެރިންނާ މުފައްކިރުންވެސްވަނީ އެފަދަ ދޮގުވާހަކަތަކުން اَلشَّيْخُ مُحَمَّدُ بْنُ عَبْدِ الْوَهَّابِ - رَحِمَهُ اللهُ ބަރީއަވެގެންވާކަން ބަޔާންކޮދެއްވާފައެވެ.

އެގޮތުން އުންމަތުގެ ބޮޑެތި ޢިލްމުވެރިން ކަމުގައިވާ اَلْإِمَامُ الصَّنَعَانِي އާއި اَلْإِمَامُ الشَّوْكَانِي ފަދަ ބޭފުޅުންވަނީ ޝައިޚުގެ މަސައްކަތް ޕުޅަށް ތަޢުރީފުކުރައްވާފައެވެ. އަދި جَامِعَةُ الْأَزْهَر ގެ اَلْأُسْتَاذُ مُحَمَّدُ عَبْدُهُ / اَلمجلة الزهراء ގެ 84 ވަނަ ޞަފުޙާ (1354ހ.) ގައި ލިޔުއްވާފައިވެއެވެ. "اَلشَّيْخُ مُحَمَّدُ بْنُ عَبْدِ الْوَهَّابِ - رَحِمَهُ اللهُ ގޮވާލެއްވި އިސްލާޙީ މަސައްކަތަށް މިޞްރާއި ޝާމްކަރައާއި ޢިރާޤުކަރައިގައި "اَلْوَهَّابِيَّةُ"ގެ ނަމުން ނަންދިން ބަޔަކު އެނަން ދިނީ ސިޔާސީ މުޑުދާރު ކަމެއްގެ ތެރެއިން، މީސްތަކުންނަށް ޙަޤީޤަތްތައް އޮޅުވާލައި، އެބައެއްގެ ޝަޚުޞީ މަންފާތަކެއް ހޯދުމަށްޓަކައެވެ." އަދި تَفْسِيْرُ الْمَنَار ލިޔުއްވި اَلشَّيْخُ مُحَمَّدُ رِضَا - رَحِمَهُ اللهُ ވިދާޅުވިއެވެ. " اَلشَّيْخُ مُحَمَّدُ بْنُ عَبْدِ الْوَهَّابِ - رَحِمَهُ اللهُގެ ދަޢުވަތަކީ ދީނުގައި އަލަށް އުފައްދައިގެން އުޅޭ ކަމެއްކަމާއި، އެއީ، ކުފުރުގެ ޢަމަލެއްކަމަށް ސިފަކުރާ މީހުން އެސިފަކުރަނީ ހަމައެކަނި ސިޔާސީ ގޮތުންނެވެ.

އެއީ، އާލު ސުޢޫދުގެ ވެރިކަމުން ޝައިޚުގެ ދަޢުވަތަށް އިޖާބަދީ އެއަށް ވާގިވެރިވެ، ޙަޤީޤީ މާނައިގައި މީސްތަކުންނަށް اَللَّهُ سُبْحَانَهُ وَتَعَالَى މަޢުރިފާކޮށްދީ، ޝިރުކުގެ ނުބައިކަން ބަޔާންކޮށްދިނުމުން މީސްތަކުން އެދަޢުވަތު ޤަބޫލުކުރަމުން ދިޔަ ވަރަކަށް އާލު ސުޢޫދުގެ ވެރިކަމުގެ ބާރުގަދަވެ، އެވެރިކަމުގެ ދަށަށް ޢަރަބި ޖަޒީރާގެ ރަށްތައް ވަންނަމުންގޮސް ޙިޖާޒުކަރަވެސް އެބައިމީހުންގެ އަތް ދަށަށް ގޮސްދާނެތީ މުސްލިމްތަކުންގެ ރުޅިވެރިކަމާއި، ނަފުރަތު އުފެއްދުމަށްޓަކައި އޭރު އޮތް ތުރުކީ ވެރިކަމުން ކުރި ކަމެކެވެ. ޙިޖާޒުކަރައިގައި ޢަރަބި ދައުލަތެއް އުފެދުމަކީ އެމީހުން ނުހަނު ކަންބޮޑުވާ އަދި ބޭނުންވާ ކަމެއްނޫނެވެ." އަނެއްބަޔަކު އެދަޢުވަތާ ދެކޮޅުވެރިވެ، ޢަދާވާތްތެރިވީ اَلشَّيْخُ مُحَمَّدُ بْنُ عَبْدِ الْوَهَّابِ - رَحِمَهُ اللهُ ގެ ދަޢުވަތުގެ ޙަޤީޤަތް ނޭނގުމާއި، ޝައިޚުއާއި އެދަޢުވަތުގެ ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތައް ކިޔައި އޭގެ ޙަޤީޤަތް ނުބަލާ ތިބުމުންނެވެ. އަދި އިންސާފުގެ ނަޒަރަކުން ބަލާ ކޮންމެ މީހަކަށް ފެނިގެންދާނީ އެދަޢުވަތުގެ މަންހަޖުގެ ޞައްޙަކަމާއި، އަހުލުއްސުންނަތު ވަލްޖަމާޢަތުގެ މަންހަޖާއި ޝައިޚުގެ މަންހަޖާ އެއްވެސް ތަފާތެއް ނެތްތަނެވެ.

ދަންނާށެވެ! މިދަޢުވަތުގެ ދިފާޢުގައި އެއްޗެއް ބުނުމަކީ ހަމައެކަނި އިމާމުވެރި ބައެއް ބޭކަލުންނާއި ބައެއް ޝަޚުޞިއްޔަތު ދިފާޢު ކުރުމެއް ނޫނެވެ. އަދި ކިއެއްތަ! އެކަމަކީ اَللَّهُ سُبْحَانَهُ وَتَعَالَىގެ ދީނާއި، އަހުލުއްސުންނަތު ވަލްޖަމާޢަތުގެ މަންހަޖު ދިފާޢުކުރުމެވެ. އަދި اَلشَّيْخُ مُحَمَّدُ بْنُ عَبْدِ الْوَهَّابِ - رَحِمَهُ اللهُ ގެ ދަޢުވަތަށް ފުރައްސާރަކުރާ މީހުންނަށް ދަންނަވާލަމެވެ. ތިޔަބައިމީހުންނަށް ވާކަމަށްވަނީނަމަ، ޝައިޚުގެ ދަޢުވަތު، އަހުލުއްސުންނަތު ވަލްޖަމާޢަތުގެ މަންހަޖުން އެއްކިބާވެފައިވާ އެންމެ ކަމެއްވެސް ދަލީލާއެކު ދައްކަބަލާށެވެ! ދަލީލެއްނެތި ދައްކާ ވާހަކައިގެ ފާފަ އުފުލާނީ އެވާހަކައެއް ދައްކާ މީހެކެވެ. މިލިޔުން ނިންމާލަމުން މުސްލިމްތަކުންގެ އަރިހުން އަޅުގަނޑު އެދެނީ އެދަޢުމަތުގެ ބަރަކާތްތެރި ޢިލްމީ މަސައްކަތްތަކާއި އަގުހުރި ތަރިކައިން ފައިދާ ލިބިގަތުމަށެވެ. ޤުރްއާނާއި ސުންނަތުގެ ދިފާޢުކޮށް، އެދެމަޞްދަރުގެ ދިފާޢުގައި މަސައްކަތްކުރާ ތައުޙީދުގެ ދައުލަތްކަމުގައިވާ ސަޢޫދީ ޢަރަބިއްޔާއާމެދު ދުޝްމަނުންނާއި، ބާޠިލް ޢަޤީދާގެ އަހުލުވެރިން ދައްކާ ދޮގުވާހަކަތަކާމެދު ހެއްލުންތެރިނުވެ އެ ތަން ދިފާޢުކުރުމެވެ. އަދި اَللَّهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުން މިއަޅާ އެދި ދަންނަވަނީ بِلَادُ الْحَرَمِيْنِ الشَّرِيْفَيْنِގެ ވެރިންނަށް ޤުރްއާނާއި ސުންނަތަށް ޢަމަލުކުރުމުގެ ހެޔޮ ތައުފީޤު މިންވަރުކުރައްވައި، ދުޝްމަނުންގެ ނުބައި ރޭވުންތަކުން އެތަން ރައްކާތެރިކޮށް ދެއްވުމަށެވެ.

وآخر دعوانا أن الحمد لله رب العالمين.

 

- ޝައިޚް މުޙައްމަދު ލަޠީފް / އިސްލާމީ މަރުކަޒުގެ އިސް އިމާމް

 

 

 

 

މިއަދު އޮންލައިން