އަޅުގަނޑާއިއެކު މަސައްކަތްކުރާ ބައެއް ކުދިން ތިބެނީ އަބަދުވެސް ކޮންމެވެސް ގޯސްކަމެއް ކުރިމަތިވެދާނެ ކަމަށް ބިރުންނެވެ. އެހެންވެ އެކުދިންނަށް ރަނގަޅަށް މަސައްކަތެއްވެސް ނުކުރެވެއެވެ. މިފަދަ ކުދިންނަށް ވިސްނައިދެވޭނެ ލިޔުމަކަށް އެދެމެވެ.
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައި އެވަނީ އެފަދަ ލިޔުމެކެވެ. އިން ޝާ ﷲ
ބައެއް މީހުންނަށް ހެދޭ އެންމެ ބޮޑު އެއް ގޯހަކީ ހިތްހަމަނުޖެހުމެއް ނުވަތަ ދެރައެއް ލިބެން އުޅޭކަން ނުވަތަ ބިރުގަންނަންޖެހޭ ކަމެއް ކުރިމަތިވާން އުޅޭކަމުގެ އިޙްޞާޞް ކުރެވިއްޖެނަމަ އެކަމަކަށް ކާންދީ ބޮޑުކުރުމެވެ. މިއީ މީހަކަށް ކުރެވޭނެ އެންމެ ދެރަ އެއްކަންތަކެވެ.
ކާންދީ ބޮޑުކުރުމެވެ ބުނުމުން އެއީ ކިހިނަކުން ކުރެވޭނެ ކަމެއްކަމާއިމެދު ސުވާލުއުފެދިދާނެއެވެ. އެމީހުންނަށް ދޭން އޮތް ޖަވާބަކީ އެއީ އެކަމަކަށް ވިސްނައި ކަންބޮޑުވުން ކަމެވެ.
އެފަދަ ވިސްނުމެއް އަތުވެއްޖެނަމަ އޮތީ އެކަމަށް ވިސްނުމެއް ނޫނެވެ. ކަންބޮޑުވުމެއްވެސް ނޫނެވެ. އެފަދަ ކަމެއް ވިސްނުމެއް އަތުވެއްޖެނަމަ އޮތީ ދުޢާކުރަން އަވަސްވެގަތުމެވެ. އެވަޤުތު އެމީހަކު ހުރިތަނެއްގައި ހުރެގެން އަވަހަށް ދުޢާކުރާށެވެ.
އެއަށްފަހު ވަޤުތުވުމުން އަވަހަށް 2 ރަކްއަތް ނަމާދެއް ކޮށްލާށެވެ! ނަމާދުގެ ސަޖިދައިގައާއި ނަމާދަށްފަހުގައިވެސް ދުޢާކުރާށެވެ. އެކަމަކުން ރައްކައުތެރިކަން ދެއްވެވުން އެދިއެވެ. އަދި އެކަމަކުން ރައްކައުތެރިވާން ތިބާއަށް ކުރެވެންހުރި ހުރިހާ ކަމެއްވެސް ކުރާށެވެ. އެއަށްފަހު ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! އަދި އެކަމަކުން ސަލާމަތް ކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައި ހުންނާށެވެ. ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
- ޔާސްމީން މުޤާހިދުގެ ދަރުސަކުން