މިރޭވެސް ބަހެއް ބުނަން މިއުޅެނީ ގިނަ ބައަކު އަހުރެންނަށް ފާޑުކިޔާނެ ކަމަކާއިމެދުގައެވެ. ވާހަކަ މިދައްކަނީ އެކަން އެނގިހުރެއެވެ. ނުދައްކައި ހުރެވެން ނެތުމުން ދައްކަން މަޖުބޫރުވަނީއެވެ. އަހުރެން މިކުރަނީ ސުވާލެކެވެ. އެސުވާލަކީ ކައިވެންޏަށްފަހު އެންމެ ބޮޑަށް ބޭނުންވާ އުފަލަކީ އެކުގަ ރޭކުރުން ކަމަށް ހަދައިގެން ދިރިއުޅުން ކާމިޔާބުކުރެވިދާނެހެއްޔެވެ؟
މިސުވާލުކުރަން މިޖެހެނީ އެއީ ލިބެން އެންމެ ބޮޑަށް ބޭނުންވާ އުފާކަމަށް ހަދައި އެއުފާ ތިމާ ބޭނުންވާ ވަރަށް ނުލިބިގެން ވަކިވާ ދެމަފިރިންގެ ޢަދަދު ގިނަވަމުން އަންނާތީއެވެ. ފުރަތަމަވެސް ބުނެލާނަމެވެ. މިދައްކަނީ ބައިވެރިޔާއާއިއެކުގައި ރޭނުކޮށް އިހްމާލުވާ މީހުންގެ ވާހަކައެއް ނޫނެވެ. ޞިއްޙީ މައްސަލަތަކާއި އެނޫންވެސް ބުރަދަންހުރި ސަބަބުތައް މެދުވެރިވުމުން މައްސަލަޖެހޭ މީހުންގެ ވާހަކައެވެ.
އެންމެ ގިނަ ބައަކަށް މިމައްސަލަ ބޮޑު މައްސަލައަކަށްވަނީ ބެލުން ޙަރާމް ވީޑިއޯތައް ބަލާތީއެވެ. ދެވަނަ ސަބަބަކަށްވަނީ ބައިވެރިޔާގެ ކަންކަން ހުންނަގޮތުގެ ވާހަކަ އެކުވެރިންނަށް ކިޔައިދެވޭކަމެވެ. މިފަދަ ވާހަކަ ދެއްކުންވެސް ހުއްދައެއް ނޫނެވެ.
ރަނގަޅަށް ވިސްނާށެވެ! މިދެއްކެނީ ދާދިކުޑަކުޑަ ވަޤުތު ކޮޅަކަށް ލިބެން ބޭނުންވާ އުފަލެއްގެ ވާހަކައެވެ. މުޅި ދުވަސް ކޮބައިހެއްޔެވެ؟ ޒަވާޖީޙަޔާތުގެ ދުވަސްތައް ކޮބައިހެއްޔެވެ؟ ދެމަފިރިން އެކުގައި ހޭދަކުރަންޖެހޭ ވަޤުތުތައް ކޮބައި ހެއްޔެވެ؟ މުޅި ދުވަހު އަނެކާއަށް ދޭންޖެހޭ ސަމާލުކަމާއި ލޯތްބާއި އަޅައިލުން ކޮބައިހެއްޔެވެ؟ ބަހައްޓަންޖެހޭ ފަރުވާތެރިކަން ކޮބައިހެއްޔެވެ؟ އެކަކުއަނެކަކަށް ވާންޖެހޭ ވަފާތެރިކަން ކޮބައިހެއްޔެވެ؟
ދެން ނިކަން ބުނެބަލާށެވެ! މިފަދަ ހުރިހާ ކަމެއް ދޫކޮށްލާފައި ނުވަތަ މިފަދަ ހުރިހާ ަކމެއްގެ ކުރިއަށް އެންމެ ކަމެއް ނެރެގެން ދިރިއުޅުން ކާމިޔާބުކުރެވިދާނެ ހެއްޔެވެ؟ އެއީ އެންމެ މުހިންމު ނުވަތަ އެންމެ ބޮޑަށް ބޭނުންވާ ކަންތައް ކަމަށް ހަދައިގެން ދިރިއުޅުން ބާއްޖަވެރިކުރުވޭނެ ހެއްޔެވެ؟
ކޮންމެ ދެމަފިރިއަކުވެސް މިކަންމަށް ވިސްނައިލާށެވެ! އަދި ދެމަފިރިންގެ މެދުގައި ކުރިމަތިވާ މައްސަލަތަކުގެ ތެރެއިން ކެތްތެރިވާންޖެހޭ ކަންކަމަށް ކެތްތެރިވާން މަސައްކަތްކުރާށެވެ. ބައިވެރިޔާ އާއި ވަކިވުމަށް ނިންމާނަމަ މިބުނި ހުރިހާ ކަންކަމަށް ރަނގަޅަށް ވިސްނާށެވެ. ލިބޭބައާއި އެބައި ލިބުމުން ކުރާ ފައިދާ އާއި ނުލިބޭބައާއި އެބައި ނުލިބުމުން ލިބޭ ގެއްލުން ރަނގަޅަށް ކިރާށެވެ. ގޮތް ނިންމަންވާނީ ބުއްދިވެރިކަމާއިއެކުގައެވެ.
މިފަދަ ވާހަކަތައް ދައްކަން މިޖެހެނީ ވިސްނާނުލައި ކައިވެނި ރޫޅުމުން ކުރިމަތިވާ މައްސަލަތައް ގިނަވާތީއެވެ. އެކަމުގެ ސަބަބުން ދީނަށް ޢަމަލުކުރަންވެސް ގިނަ ބައަކަށް ހުރަސްތައް ކުރިމަތިވާތީއެވެ. ދިރިއުޅުމަށް ޙަޤީޤީ ކުރިއެރުން ލިބޭނީ ދެމަފިރިން އެކުގައި ތިބެ ދީނަށް ޢަމަލުކުރިކުރިވަރަކުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން