ދުނިޔޭގަ މޫނު ކިތަންމެ ކަޅުނަމަވެސް ޤިޔާމަތްދުވަހު މޫނު އުޖާލާވެ އަލިވެގެންވާނެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
ދުނިޔޭގަ މޫނު ކިތަންމެ ކަޅުނަމަވެސް ޤިޔާމަތްދުވަހު މޫނު އުޖާލާވެ އަލިވެގެންވާނެ މީހުން-

ޤިޔާމަތް ދުވަހުގައި އެއްބައެއްގެ މޫނު ކަޅުވެ އަނދިރިވެގެންވުމާއި އަނެއްބައި މީހުންގެ މޫނު އަލިވެ އުޖާލާވެގެންވާނެ ކަމަށާއި މޫނު ކަޅުވެ އަނދިރިވެގެންވާ މީހުންނަކީ ނަރަކައަށް ވަންނަން ޖެހޭނެ މީހުން ކަމަށާއި މޫނު އަލިވެ އުޖާލާވެގެންވާ މީހުންނަކީ ސުވަރުގެވަންތަވެރިން ކަމަށް އޮންނަ ބަސްފުޅުގެ މާނަ ބައެއް މީހުންނަށް އެބަ އޮޅެއެވެ.  

ބައެއް މީހުންނަށް ހީކުރެވެނީ އެއީ ދުނިޔޭގައި އެމީހުން ތިބޭ ކުލަ ކަމަށެވެ. ނަމަވެސް އެއީ ނުބައި ވިސްނުމެކެވެ. ދުނިޔޭގައި ކިތަންމެ ކަޅު މީހަކަށްވުމަކީ ނަރަކައަށް ވަންނަން ޖެހޭނެ ސަބަބެއް ނޫނެވެ. އަދި ކިތަންމެ ދޮން މީހަކަސްވުމަކީ ސުވަރުގެ ވައްދަވާނެ ސަބަބެއް ނޫނެވެ.  

އެކަން މިއާޔަތުން އެކަނިވެސް ޔަޤީންކުރެވޭނެއެވެ.  

106﴾ يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ ۚ فَأَمَّا الَّذِينَ اسْوَدَّتْ وُجُوهُهُمْ أَكَفَرْتُم بَعْدَ إِيمَانِكُمْ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْفُرُونَ 

"(އެއީ) މޫނުތަކެއް އަލިވެ، އަދި މޫނުތަކެއް އަނދިރިވެގެންދާ ދުވަހެވެ. ފަހެ، އެއުރެންގެ މޫނުތައް އަނދިރިވެގެންދިޔަ މީހުން ދަންނާށެވެ! (އެއުރެންނާ ދިމާޔަށް އެދުވަހުން ބުނެވޭހުށްޓެވެ.) ތިޔަބައިމީހުން، އީމާން ވުމަށްފަހު، ތިޔަބައިމީހުން ކާފިރު ވީހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ކާފިރުވެ އުޅުނުކަމަށްޓަކައި ޢަޛާބުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!"

(އާލް ޢިމްރާން: 106)  

ޤިޔާމަތް ދުވަހު މީސްތަކުންގެ މޫނު ކަޅުވެ އަނދިރިވެގެންދާނީ އެމީހުން ﷲ ތަޢާލާއަށް އީމާން ނުވެ ކުރި ފާފަތަކުގެ ސަބަބުންނެވެ. މޫނު އަލިވެ އުޖާލާވެގެންދާނީ އެމީހުން ﷲ ތަޢާލާއަށް އީމާންވެ ކުޅަ ހެޔޮ ޢަމަލުތަކުގެ ސަބަބުންނެވެ. ވީމާ މިއީއަކީ އެއްވެސް ޙާލެއްގައި މީހާ އުފފައްދަވާ ކުލައާއި އެއްވެސް ގުޅުމެއްހުރިކަމެއް ނޫނެވެ. އެކަން ގުޅިފައިވަނީ އެމީހާ ދުނިޔޭގައި އުޅުނު ގޮތުގެ މައްޗަށެވެ.  

ކޮންމެ އިންސާނަކުވެސް އުފަންކުރައްވަވަނީ އެމީހަކު ދުނިޔޭގައި ހުރުމަށް ﷲ ތަޢާލާ އެންމެ ބޮދަށް ލޯބިވެވޮޑިގަންނަވާ ސިފައެއްގައެވެ. ކުލައެއްގައެވެ. އެކަން ކަނޑައެޅުމުގެ އިޚްތިޔާރު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.  

ކިތަންމެ ކަޅު މީހަކު ނަމަވެސް އީމާންވެ ހެޔޮ ޢަމަލުތައް ކުރުމުން އެމީހާގެ މޫނަށް ޤިޔާމަތްދުވަހު އަލިކަމާއި އުޖާލާކަން ދެއްވަވާނެތެވެ. އިން ޝާ ﷲ. މިޘާލަކަށް ދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ބިލާލްގެފާނަކީ ދޮންބޭކަލެއް ނޫނެވެ. ހަށިކޮޅުގެ ކުލައަކީ ކަޅު މުށިކުލަ ކަމަށްވެއެވެ.

ވީމާ މީހުން ދައްކާ ވާހަކައިގެ އަޑު އަހައި މިފަދަ ދޮގު، ދެކޮޅު ނުޖެހޭ ވާހަކަތަކަށް ކަންބޮޑުނުވާށެވެ. އަހުރެމެންނަށް އޮތީ ވީހައި ގިނަ ހެޔޮ ޢަމަލުތައްކޮށް އަހުރެމެންގެ މޫނު އުޖާލާކުރަން މަސައްކަތްކުރުމެވެ. އެއީ އުނގުޅާ ކްރީމްތަކުން ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ޙާޞިލްކުރެވޭނީ އީމާންވެ ހެޔޮ ޢަމަލުތައް ކުރުމުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން