ގަދަކަމުން ކުރީސަފުން ޖާގަހޯދާނަމަ ގާތީ އެމީހާގެ ދަރަޖަ ދަށްވުން! މަތިވުމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ގަދަކަމުން ކުރީސަފުން ޖާގަހޯދާނަމަ ގާތީ އެމީހާގެ ދަރަޖަ ދަށްވުން! މަތިވުމެއް ނޫން!

އަހުރެން ކުރާ ދަތުރުތަކުގަ ފެންނަ ކަމެއް ބުނެލާނަމެވެ. ފުރަތަމަ ކަމަކީ ފަޤީރު އަވަށްތަކުގައި ދިރިއުޅޭ މީހުން ނަމާދަށް ސަމާލުކަންދޭ މިންވަރު ބޮޑުކަމެވެ. ކުރިއާލައި މިސްކިތަށް އަރައި ކުރީ ސަފުން ޖާގަހޯދަން މަސައްކަތްކުރާކަމެވެ.

ތަނަވަސް ސިޓީތަކުން މިކަން މިގޮތަކަށް ނުފެނެއެވެ. އެއީ ގިނަ ބައަކު އަވަދިނެތި މަސައްކަތުގައި އުޅޭތީކަމަށްވެދާނެއެވެ. މިއީ އެއްވެސް ޙާލެއްގައި މިކަން އޮވެގެންވާނެ ގޮތެއް ނޫނެވެ. ތަނަވަސްކަން ދެއްވެވި ވަރަކަށް އޮތީ ކިޔަމަންތެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ޚާއްޞަކޮށް ފަރުޟު ނަމާދުގެ ޖަމާޢަތަށް ރައްކައުތެރިވާން މަސައްކަތްކުރުމެވެ.

ހަމައެއާއިއެކު ހަނދާންކުރަންވާނެ ކަމެއްވެސް ބުނެލާނަމެވެ. ފަހުން މިސްކިތަށް އެރިއްޖެނަމަ ގަދަކަމުން ކުރީ ސަފަށް އަރަން މަސައްކަތް ނުކުރާށެވެ! އެއިރުން އެމީހަކަށް ނުރުހި ނަފްރަތުކުރާނެ މީހުން ތިބޭނެއެވެ. ކުރީ ސަފުން ޖާގަހޯދަން އޮތީ ކުރިއާލައި މިސްކިތަށް އަރައިގެންނެވެ. ކުރިން މިސްކިތަށް އަރައިތިބި މީހުންނަށް އުނދަގޫކުރަމަކުން ނޫނެވެ.

މިސްކިތަށް މީހާ އަރާ ވަޤުތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. މަލާއިކަތުން އެމީހެއްގެ ފަތުގައި ލިޔުއްވަވައެވެ. އަދި މިސްކިތުގައި ކުރާ ޢަމަލުތައްވެސް ލިޔުއްވަވައެވެ. ވީމާ މަތީދަރަޖަ ލިބިގަންނަން އެދޭމީހާއަށް އޮތީ ކުރިއާލައި މިސްކިތަށް އެރުމެވެ. މިސްކިތުގެ އަޚްލާޤް ހިފެހެއްޓުމެވެ. ކުރީ ސަފުން ޖާގަހޯދަން ގަދަބާރު ދެއްކުމެއް ނެތެވެ. އެފަދަ ކަންކަންކުރާނަމަ އެމީހެއްގެ ދަރަޖަ އުފުލޭނީއެއް ނޫނެވެ. ތިރިވާނީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން