ﷲ ތަޢާލާގެ ކުލަދުންވަންތަކަމުގެ ބޮޑުކަމާއިމެދު ވިސްނަނީ ހާދަ މަދުބައެކެވެ. ތިމާއަށް ކޮންމެ ފަދަ ބޮޑު މުޞީބާތެއްވެސް ކުރިމަތިކުރައްވަވަން ﷲ ތަޢާލާ ކުޅަދުންވަންތަވެވޮޑިގެންވާކަން މީސްތަކުންނަށް މިއަދު މިވަނީ ހަނދާން ނެތިފައެވެ.
ތިމާއަށް ﷲ ތަޢާލާ ބާރެއް ދެއްވަވައިފިނަމަ އެބާރުގެ ބޭނުން އެމީހަކު ހިތަށް އެރިހައި ގޮތަކަށް ހިފަމުން ގެންދާ މީހުން ދަންނާށެވެ! ޢިބްރަތް ޙާޞިލްކުރާށެވެ! ދުނިޔޭގެ އެންމެ ބާރުގަދަ ރަސްކަލަކަށް ވެގެން އުޅުނު ނަމްރޫދުގެ ފުރާނަ ހިއްޕެވިގޮތާއިމެދުގައެވެ.
ﷲ ތަޢާލާ މިންވަރުކުރައްވަވައިފިނަމަ ކިތަންމެ ކުޑަކުޑަ، ކިތަންމެ ބަލިކަށި އެއްޗަކަށްވެސް ކިތަންމެ ބޮޑު ކަމެއްވެސް ކުރެވިދާނެކަން އެނގގެންދާ އެއްކަމަކީ ދުނިޔޭގެ ބިޔަބޮޑު ބާރުގަދަ ރަސްގެފާނު ނަމްރޫދާއި އޭނާގެ ދަގނޑު ދަހަނާއެޅި ލަޝްކަރު ބަލިކޮށްލީ ކުޑަކުޑަ މަދިރިއަކަށްވުމެވެ.
ނިކަން ވިސްނައިލަބަލާށެވެ! ކުޑަކުޑަ މަދިރިއެއް ނަމްރޫދަށް ޖެއްސުވި ނިކަމެތި ޙާލާއިމެދުގައެވެ.
ﷲ ތަޢާލާ ބާރާއި ތަނަވަސްކަމާއި އިޚްތިޔާރު ދެއްވެވުމުން އެ ނިޢްމަތްތައް ދެއްވެވި ﷲ ތަޢާލާއަށް އުރެދި ކުފުރުގެ ބަސްތައް ބުނާ މީހުން ނަމްރޫދު ނެތި ދިއަ ގޮތާއިމެދު ވިސްނައިލާނެ ނަމައެވެ. އޭނާގެ ނޭފަތުންލާފައި ސިކުނޑިއަށް ވަނީ އެންމެ މަދިރިއެކެވެ. އެމަދިރީގެ ކިބައިން ސަލާމަތް ނުވެވި އޭނާއަށް ލިބެމުން ދިއަ ވޭންތަކަށް ކެތް ނުކުރެވިގެން އޭނާގެ ބޮލުގައި ތެޅުވީ އޭނާގެ ލަޝްކަރުގެ މީހުން ލައްވައެވެ. މަރުވެ ދިއައީ އެފަދަ ނިކަމެތި ޙާލުގައި ތެޅިފޮޅެމުންނެވެ.
މީސްތަކުންނޭވެ! ﷲ ތަޢާލާ ނަމްރޫދު އުފައްދަވައި އޭނާއަށް ބިޔަ ބޮޑު ރަސްކަމަކާއި ބާރުގަދަ ލަޝްކަރެއް ގެ އިތުރުން ބޮޑު ތަނަވަސްކަމެއް ދެއްވެވިއެވެ. މިނިޢްމަތްތައް ދެއްވެވުމުން އޭނާ އިއުލާނުކުރީ ﷲ ތަޢާލާ އާއި ހަނގުރާމައެވެ. ނަމްރޫދު ﷲ ތަޢާލާއަށް ބުނަމުން ގެންދިއައީ ﷲ ތަޢާލާ ވޮޑިގެންވާނަމަ އޭނާ އާއި ކުރިމަތިލައްވަވައި ހަނގުރާމަ ކުރެއްވެވުމަށެވެ.
ހަނގުރާމަކޮށް ﷲ ތަޢާލާ ބަލިކުރަން ކުރިމަތިލި ނަމްރޫދަށް ބަލިކަށި، ކުޑަކުޑަ އެންމެ މަދިރިއެއްގެ ކިބައިން ސަލާމަތް ނުވެވި ދުނިޔެ ދޫކުރަން ޖެހުނު ނިކަމެތި ގޮތުގެ ވާހަކަ މި ލިޔުމުގައިވާ ވީޑިއޯ އިން އަޑު އައްސަވައިލައްވާށެވެ! ޢިބްރަތް ޙާޞިލުކުރައްވާށެވެ!
މިފަދަ ކަންކަން މީސްތަކުންނަށް އޮޅުންފިލުވައިދެއްވާށެވެ! ދަރިންނަށާއި ގާތް މީހުންނަށް ކިޔައިދެއްވާށެވެ!
ގުޅުން ހުރި ވީޑިއޯ: