ބައިވެރިޔާ ކޮށްދޭ ކަންކަމަށް ޝުކުރުވެރިނުވާ މީހަކަށް ﷲ އަށްވެސް ޝުކުރުވެރި ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ބައިވެރިޔާ ކޮށްދޭ ކަންކަމަށް ޝުކުރުވެރިނުވާ މީހަކަށް ﷲ އަށްވެސް ޝުކުރުވެރި ނުވެވޭނެ!

އިންސާނުންނަށް އެންމެ ބޮޑަށް އަދި އެންމެ ފަސޭހައިން ފާހަގަކުރެވޭނީ ލޮލަށް ފެންނަ ކަންކަމެވެ. އެއީ އެކަންވާނެ ގޮތެވެ. މިސާލަކަށް ބުނާނަމަ ގިނަ ބައަކަށް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކަށް ޝުކުރުވެރިވެވޭވަރަށްވުރެ ބޮޑަށް އެމީހަކަށް އެހީތެރިވެދޭ މީހުންނަށް ޝުކުރުވެރިވެއެވެ.  

އެހެންކަމާއިއެކުވެސް ގިނަ ބައަކަށް އޮންނަ މައްސަލައެއް ފާހަގަކޮށްލާނަމެވެ. އެއީ ޙަޔާތުގެ ބައިވެރިޔާ ކޮށްދޭ ކަންކަމަށް ޝުކުރުވެރިނުވެވުމެވެ. ބައިވެރިޔާ ކޮށްދޭ ކަންކަން ފާހަގަނުކުރެވުމެވެ. ބައިވެރިޔާ ކޮށްދޭ ކަންކަން ފާހަގަނުކުރެވުމެވެ.  

ބައިވެރިޔާއަށް ކުރެވޭ ކުދިކުދިކުށްތައް ފާހަގަކުރެވެނީވެސް ބޭވަފާތަެރިވެވެނީވެސް ތިމާއަށް ބައިވެރިޔާ ކޮށްދޭ ކަންކަން ފާހަގަނުކުރެވޭތީއެވެ. ފާހަގަކުރެވޭނަމަ މާފުކުރުން ގިނަކުރެވޭނެއެވެ. ބޭވަފާތެރިވެވުމުގެ މައްސަލަތައް ބޮޑުތަނުން މަދުވާނެއެވެ.  

ޒަވާޖީ ޙަޔާތުގެ ކާމިޔާބީ އެންމެ ބޮޑަށް ގުޅިފައިވާ އެއްކަމަކީ ބައިވެރިޔާ ކޮށްދޭ ކަންކަން ފާހަގަކުރެވުމެވެ. އެކަންކަމުގެ އަގު ވަޒަންކޮށް ޝުކުރުވެރިވުމެވެ. އެކަން ކުރެވޭނަމަ ކުރިން މިބުނި ފަދައިން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން މަދުވާނެއެވެ.  

ވީމާ ޒަވާޖީ ހަޔާތަކަށް ފެށުމަށްފަހު ފުރަތަމަ ކަމކަށްވެސް ބައިވެރިޔާއަށް ޝުކުރުވެރިވުން ގިނަކުރަން އެބަޖެހެއެވެ. ރަނގަޅު ބައިވެރިޔާއަކީ ﷲ ތަޢާލާ ތިބާއަށް ދެއްވަވާ އެންމެ ބޮޑު ރަޙްމަތެވެ. އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ. ޝުކުރުވެރިވުމުގެ އާދަ މިބުނި މަގުން ދަމަހައްޓާ މީހުންނަށް ﷲ ތަޢާލާއަށް ޝުކުރުވެރިވެވުން ގިނަވާނެއެވެ. ނޫންނަމަ ބޮޑުތަނުން މަދުވެގެންދާނެއެވެ.  

ނިންމާލަމުން އެއްކަމެއް ފާހަގަކޮށްލާނަމެވެ. ޝުކުރުވެރިވުމުގައި ދެކަމެއް ކުރަންޖެހެއެވެ. އެއީ ޝުކުރުވެރިވާކަމަށް ދުލުން ބުނުމާއި ޢަމަލުން އެކަން ދެއްކުމެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވެވޭނީވެސް މިދެކަންތައް ފުރިހަމަކޮށްގެންނެވެ. ޛިކުރުކުރުން ގިނަކުރާށެވެ! ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން