ކިތަންމެ ގާތް އެކުވެރިން ކަމުގައިވީނަމަވެސް ތިމާއަށްވުރެ ތަނަވަސްކަން ކުޑަ މީހުންގެ ގާތުގައި ތިމާއަށް ލިބިފައިވާ ތަނަވަސްކަމުގެ ވާހަކަ ނުދައްކާށެވެ. ކައިއުޅޭ އަގުބޮޑު ތަކެއްޗާއި ގަންނަ އަގުބޮޑުތަކެތީގެ ވާހަކަ ނުދައްކާށެވެ.
ކޮންމެ މީހަކުވެސް އަގުބޮޑުތަކެއްޗަށް ބޭނުންވާނެއެވެ. އަގުބޮޑުތަކެތި ކައިބޮއެހަދަން ބޭނުންވާނެއެވެ. އަދި އަގުބޮޑު ތަކެތި ގަންނަންވެސް ބޭނުންވާނެއެވެ. ވީމާ އެބާވަތުގެ ވާހަކަ ދެއްކުމުން އޭނާގެ ނިކަމެތިކަން އީޙްޞާޞްކުރެވި ދެރަވާނެއެވެ. ހިތުގައި ޖެހޭނެއެވެ.
ބައެއް ފަހަރު ތަނަވަސްކަން ކުޑަނަމަވެސް އެކުވެރިންގެ ތެރެއިން ތަނަވަސް މީހުންނަށްވެސް ދަޢުވަތު ދެއެވެ. އެފަދަ ދަޢުވަތަކަށް ދިއަނަމަވެސް އެންމެ އަގުބޮޑު ތަކެއްޗަށް އޯޑަރު ނުކުރާށެވެ. ދަޢުވަތުދޭ މީހާގެ ޖީބަށް ބުރަނުވާނެ ގޮތަށް އޯޑަރު ދިނުމަކީ ތަނަވަސްކަން ކުޑަމީހުންވެސް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ.
ހުރިހާ އެކުވެރިންނަކީ އެއްފެންވަރުގެ ބައަކަށް ނުވެވޭނެއެވެ. ތަނަވަސް މީހުންގެވެސް ތަނަވަސްކަން ކުޑަ އެކުވެރިންވެސް ތިބޭނެއެވެ. މިބާވަތުގެ ރަނގަޅު އިޖުތިމާޢީ އާދަތައް ދަމަހައްޓަން މަސައްކަތްކުރަންވާނެއެވެ.
މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު ހެޔޮލަފާ މީހުންގެ ތެރޭގައި ތިމާއަކީ ތަނަވަސް މީޙަކަށްވީނަމަވެސް ތަނަވަސްކަން ކުޑަ މީހުންނާއިވެސް ގުޅުން ބާއްވައި އެކުވެރިކަން ދަމަހައްޓާ މީހުން ހިމެނެއެވެ. ނިކަމެތިންނާއި ގުޅުން ބާއްވައި އެހީތެރިވެދިނުމަކީ އެމީހަކަށް ތަނަވަސްކަން އިތުރުކޮށް ދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން