ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޝަހާދަތުގެ މާނަކަމުގައި ގިނަބައަކަށް ވިސްނިފައި އޮންނަނީ އެއީ ﷲ ތަޢާލާ ފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނެތުން އެކަނި ކަމަށެވެ. އެހެންވެ ސިކުނޑީގައި ހަރުލާފައި ހުންނަނީ ހަމައެކަނި އެކަމެވެ.
އަހުރެންވެސް އެއްބަހެވެ. ލަފްޒީ މާނައަކީ އެއީއެވެ. ނަމަވެސް ޙަޤީޤީ މާނަ މާބޮޑަށް ފުޅައުވެގެންދެއެވެ. އެއިގެ ތެރޭގައި ތިމާއަށް ހުރިހާ ނިޢުމަތްތަކެއް މިންވަރުކުރައްވަވާ އަދި ރިޒުޤް ދެއްވަވާ ރަސްކަލާނގެކަންވެސް ހިމެނެއެވެ. ހުރިހާ ނިޢުމަތްތަކުގެ ތެރޭގައި ކުރަންއުޅޭ ކަންކަން ކާމިޔާބުވުމާއި ބަލިތަކަށް ޝިފާލިބުންވެސް ހިމެނެއެވެ. މިހެންގޮސް ހުރިހާ ކަމެކެވެ.
ހަމައެއާއިއެކު ފުރާނަ އެޅުއްވެވި ފަދައިން އަނބުރާ ގެންދަވާނެކަމާއި ﷲ ތަޢާލާގެ ޙަޟްރަތަށް ޙާޒިރުވާންޖެހޭނެކަންވެސް ހިމެނެއެވެ. ޙިސާބު ބައްލަވައި ސުވަރުގެ ޙައްޤުވެއްޖެނަމަ ސުވަރުގެ ވައްދަވާނެކަންވެސް ހިމެނެއެވެ.
ގިނަ ބައަކަށް ތަޤްވާވެރިނުވެވޭ، އަޅުކަން ނުކުރެވޭ، ނަމާދުވެސް ނުކުރެވޭ އަދި ފާފަތައް ކުރެވޭވެސް ސަބަބަކީ ޝަހާދަތުގެ މާނަ މިފަދައިން ނުކުރެވުމެވެ. ހަމައެކަނި ލަފުޒުގެ މާނައަށް ވިސްނައިލެވޭ ކަމެވެ. ވީމާ އަހުރެން މިކިޔައިދިން ފަދައިން މާނައަށް ވިސްނައި ޢަމަލުކުރާށެވެ! އެމީހަކީ ދުނިޔެއާއި އާޚިރަތްވެސް ކާމިޔާބުކުރެވޭނެ މީހެކެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޔާސްމީން މުޤާހިދުގެ ދަރުސަކުން