މުއުމިނުންގެ ކިބައިގަ ހުންނަންޖެހޭ ސިފަތައް- ބަޤަރާ ސޫރަތުން

ކިޔުމަށް ހޭދަވާނީ 3މ 51ސ
މުއުމިނުންގެ ކިބައިގަ ހުންނަންޖެހޭ ސިފަތައް- ބަޤަރާ ސޫރަތުން

ޢާއިޝަތުރަފާޙް ޢަލީ

 

 

· ތަޤްވާވެރިކަން:  

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴿٢﴾‏

މާނައީ: "މިއީ އެ ފޮތެވެ. އެ ފޮތާމެދަކު شك އެއް ނެތެވެ. (މިފޮތަކީ) تقوى ވެރިންނަށްހުރި هداية އެކެވެ. (2)" 

މިއާޔަތުގައި މިވާ ތަޤްވާވެރިކަމުގެ ވާހަކަ އަކީ މުއުމިނުންނަށް ނިސްބަތް ކުރައްވާފައިވާ ސިފައެކެވެ. އެގޮތުން އެބައިމީހުން ﷲ ތަޢާލާއަށް ތަޤްވާވެރިވެ، ނަރަކައަށް ބިރުވެތިވެ، ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވެއެވެ. އަދި ﷲ ތަޢާލާއަށް އީމާންވެ އިޚްލާސްތެރިކަމާއެކީގައި ހެޔޮ ޢަމަލުކުރުން މަތީގައި ދެމިހުރެއެވެ.  

· ޣައިބަށް އީމާންވެ ނަމާދު ޤާއިމްކުރުމާއި ހޭދަކުރުން :

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 3 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣﴾‏

މާނައީ: "އެއުރެންނީ، غيب އަށް إيمان ވާ، އަދި ނަމާދު قائم ކުރާ، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ. (3)" 

ޣައިބުގެ ވާހަކަތަކުގެ ތެރެއިން ކުރީގެ އުއްމަތްތަކުގެ ވާހަކައާއި މުސްތަޤްބަލުގެ ވާހަކަ އާއި ރަސޫލު ބޭކަލުންގެ ވާހަކައާއި، ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގެ ވާހަކަ އާއި ޤިޔާމަތް ދުވަހުގެ ވާހަކަ އާއި އަލުން ދިރުއްވާ މަޙްޝަރު ކުރެއްވޭނެ ވާހަކަ އާއި، މިހުރިހާ ކަމެއްގެ ވާހަަކަ ﷲ ތަޢާލާ ކީރިތި ޤުރްއާނާއި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަަސައްލަމް ގެ ސުންނަތުގައި އަންގަވާފައިވާކަން މުއުމިނުން ޤަބޫލުކުރެއެވެ. އަދި މިކަން الَّذِينَ يُؤْمِنُونَ بِالْغَيْبِ މި ބަހުގެ ތަފްސީރުގައި ހިމެނިފައިވެއެވެ.  

ދެވަނަ ކަމަކަށް މިއާޔަތުގައި އަންގަވާފައިވަނީ وَيُقِيمُونَ الصَّلَاةَ (ނަމާދު ޤާއިމް) ކުރުމެވެ. ނަމާދު ކުރުމެއް ނޫނެވެ. އަދި ﷲ ތަޢާލާ މާޤޫން ސޫރަތުގެ 4 އަދި 5 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ. فَوَيْلٌ لِّلْمُصَلِّينَ ﴿٤﴾‏ الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴿٥﴾‏ މާނައީ: "ފަހެ، އެއުރެންގެ ނަމާދާމެދު غافل ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. (4–5)" އެގޮތުން ﷲ ތަޢާލާ އާއި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި ގޮތަށް އިކްލާޞްތެރިކަމާއެކު، ތެދުވެރިކަމާއެކު، ލޯތްބާއެކު، އަހައްމިއްޔަތުކަން ދިނުމާއެކު، އޭގެ ވަގުތުގައި ޚުޝޫޢަތްތެރިވެ އެ ނަމާދުތައް ކޮށްފިނަމަ އެއީ ނަމާދު ޤާއިމް ކުރުމެވެ. 

ތިންވަނަ ކަމަކަށް އަންގަވާފައިވަނީ وَمِمَّا رَزَقْنَاهُمْ يُنفِقُونَ (ﷲ ތަޢާލާ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުން) އެގޮތުން ﷲ ތަޢާލާ އެމީހުންނަށް ދެއްވާ މުދަލުން އެމީހުން ހޭދަކުރެއެވެ. އޭގެތެރޭގައި ޒަކާތް ދިނުމާއި، ކައްފާރާތަކާއި، ދަރިންނާއި އަނބިންނަށް ޚަރަދު ކުރުމާއި، ގާތްތިމާގެ މީހުންނަށް ޚަރަދު ކުރުންވެސް ހިމެނެއެވެ.

 

މިއަދު އޮންލައިން