ބައިވެރިޔާ ބޭވަފާތެރިވިކަން ސަތޭކަ އަހަރުގަ އެނގުނަސް ޙަޖަމް ނުކުރެވޭނެ މީހުން ތިބޭކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ބައިވެރިޔާ ބޭވަފާތެރިވިކަން ސަތޭކަ އަހަރުގަ އެނގުނަސް ޙަޖަމް ނުކުރެވޭނެ މީހުން ތިބޭކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

ބައިވެރިޔާ ބޭވަފާތެރިވިކަން ޘާބިތުވެއްޖެއެވެ. ބޭނުމީ މާފުކުރާށެވެ! އެކަމަކު ރުޅިގަދަވެވެނީއެވެ. މިކަމުން ސަލާމަތްވެ ހިތްހަމަޖެހުން ހޯދޭނީ ކޮން ގޮތަކުންތޯ؟  

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނަމެވެ. ކުރަންޖެހޭ ފުރަތަމަ ކަމަކީ ހުއްޓާލައިފިން ކަމަށް ފިރިމީހާ ބުނާ ބުނުން އެއީ ތެދުކަން ޔަޤީން ކުރުމެވެ. އެއީ ތެދުކަން ޔަޤީންކުރެވިއްޖެނަމަ މާފުކުރާށެވެ! މާފުކުރުމަށްފަހު އެވާހަކަ އެއްގޮތަކަށްވެސް ނުދައްކާށެވެ. 

އެކަން ހިތުން ފުހެލަން އެންމެ ބޮޑަށް ފަސޭހަވާނީ ފިރިމީހާއަށް ކުރެވުނު ކުށް ހަނދާންކުރުމުގެ ބަދަލުގައި ފިރިމީހާގެ ރަނގަޅުކަން ހަނދާންކުރުމުންނެވެ. ފިރިމީހާ އޭނާ ދޫކޮށްލީ ތިމާދެކެ މާބޮޑަށް ލޯބިވާތީކަމަށް ވިސްނުމުންނެވެ.   

ކުށެއް ކުރެވުމުން އެކަން ޤަބޫލުކުރެވި އިޞްލާޙްވާ ބައެއް ބައިވެރިންގެ ފަރާތުން ކުރިއަށްވުރެ ބޮޑަށް ލޯތްބާއި އަޅައިލުން ލިބިފައިވެސް އެބަހުއްޓެވެ. އެއީ ކުށެއް ކުރެވުނީތީ ތައުބާވުމަށް ހަދިޔާޢަކަށެވެ.  

ކޮންމެއަކަސް ތިއަ ބާވަތުގެ ކަންކަން ހިނގުމުން ވަރަށް ބޮޑެތި މައްސަލަތައްވެސް ހިނގައެވެ. ތިރީގައި އެވަނީ ދުނިޔޭގެ ސަމާލުކަމަށް އައި ތިއަފަދަ ޙާދިށާއެއްގެ ވާހަކައެވެ. ވިދާޅުވެލައްވާށެވެ!  

އަނބިމީހާގެ އުމުރަކީ 95 އަހަރެވެ. ފިރިމީހާގެ އުމުރަކީ 96 އަހަރެވެ. ކައިވެންޏަށް 70 އަހަރެވެ. 5 ދަރިން ލިބި ކާފަ، މާމަ، މުނިކާފަ، މުނިމާމަ ، ހޫރުމާމަ ކިޔާ 47 ދަރިން ލިބިފައިވެއެވެ.  

ކުއްލިއަކަށް އަނބިމީހާ ޤާނޫނީ ވަކީލަކު ގެއަށް ގެނެސްފައި ބުނީ ވަރިވާން ބޭނުން ކަމަށެވެ. ވަކީލަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ. އެހެންވެ 70 އަހަރު އެކުގައި އުޅުމަށްފަހު ވަރިވާން ބޭނުންވާ ސަބަބާއިބެހޭ ގޮތުން ސުވާލުކުރުމުން ބުންޏެވެ.  

"ކައިވެނީގެ ފުރަތަމަ އަހަރު ފިރިމީހާ ބޭވަފާތެރިވިކަން މީގެ 2 ރޭކުރިން ސާބިތުވެއްޖެއެވެ. އެކަން ޔަޤީންކުރެވިއްޖެއެވެ. ވީމާ ބޭނުންވަނީ ވަރިވާށެވެ." 

އެހިސާބުން ފިރިމީހާ ބުންޏެވެ. "އެއީ ހަމަ އެންމެ ރެއަކު ހިނގިކަމެކެވެ."  

"މެޑަމްއެވެ. 70 އަހަރުގެ ތެރެއިން އެންމެ ރެއަކު ހިނގި ކަމަކާއި ގުޅިގެން މިއުމުރުގައިވަރިވާން ވެދާނެހެއްޔެވެ؟"  

ޖަވާބުގައި އަނބިމީހާ ބުންޏެވެ. "ކައިވެނީގައި ހޭދަކުރި 70 އަހަރު މިހޭދަކުރެވުނީ ދޮގުވެރިއަކާއިއެކުގައެވެ. މަކަރުވެރިއަކާއިއެކުގައެވެ. އަހަރެމެންގެ އުމުރުވެސް އެނގެއެވެ. ދާރިންނާ މާމަދަރިންނާ މުނިމާމަ ދަރިން ތިބި އަދަދުވެސް އެނގެއެވެ. އެހުރިހާ ކުދިންނަށްވެސް ދަސްކޮށްދޭން ބޭނުންވަނީ ދޮގުހަދާ މަކަރުވެރިއަކާއެކު އެންމެ ދުވަހަކުވެސް ދިރިނުއުޅުމަށެވެ."  

ކޮންމެއަކަސް ކޯޓަށް ގޮސްގެން ވަރިވީއެވެ.  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިގެނައީ ވަރަށް މުހިންމު ސަބަބުތައް ހުރުމުންނެވެ.  

ފުރަތަމަ ކަމަކީ ކައިވެނީގައި 70 އަހަރުވާއިރު ފިރިމީހާގެ ކިބައިން ކިހައި ގިނަ ހެޔޮ ކަންތައްތަކެއް ޙާޞިލްކުރެވިފައިވާނެހެއްޔެވެ؟ ކިހާ "ވޮންޑަރފުލް" މާޒީއެއް އޮންނާނެ ހެއްޔެވެ؟ ނަމަވެސް އެހުރިހާ ކަންކަން ގެއްލިގެން އެދިއަ ސަބަބެވެ. އެންމެ ދޮގެކެވެ. އެންމެ ރެއަކު ހެދި މަކަރެކެވެ.  

ދެން ނިކަން ބުނެބަލާށެވެ! ކޮންމެ ދުވަހަކު ދޮގާއި މަކަރު ހަދާ ބައިވެރިއަކާއިއެކު ކެތްތެރިވެވޭނީ ކިހިނަކުންހެއްޔެވެ؟ އެއީ ކާކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟ އަޅުގަނޑު ބޭނުންވަނީ އަންހެނުން ނުވަތަ ފިރިހެނުން ކުށްވެރިކުރާކަށް ނޫނެވެ. އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް ދޮގުހެދީމާ ވާނީ ދޮގު ހެދިކަމަށެވެ. މަކަރު ހެދީމާ ވާނީ މަކަރު ހެދިކަމަށެވެ. މައްސަލަ ޙައްލުކުރެވޭނީ އަންހެނުންވެސް އަދި ފިރިހެނުންވެސް ތެދުވެރިވެގެންނެވެ.  

މިވާހައަކީ ވަރަށް ޢިބްރަތްތެރި ވާހަކައަކަށް އަޅުގަނޑަށްވީ ދޮގާއި މަކަރުގެ ހުރި ބުރަދަން މިވާހަކައިން އެނގިގެންދާތީއެވެ. ކިޔުންތެރިން އެކަން ވަޒަންކޮށްފިނަމަ އަޅުގަނޑުގެ ބޭނުން ފުދުނީއެވެ.

 

- ޝިއުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން