"އަހުރެންނަށް ބޮޑުފާފައެއް ތަކުރާރުކުރެވިއްޖެއެވެ. ނުކުރަން މަސައްކަތްކުރަނިކޮށްވެސް ކުރެވެނީއެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް ފާފަކުރެވޭއިރަށް ތައުބާވަމެވެ. ހުންނަނީވެސް ތަކުރާރުނުކުރަން ޢަޒުމްކަނޑައަޅައިގެންނެވެ. އަހުރެންގެ ފާފަ ފުއްސަވައި ދެއްވަވާނެ ހެއްޔެވެ؟ މިސުވާލުމިކުރަނީ ތަކުރާރުކޮށްވެސް ކުރެވޭތީއެވެ."
މިފަދަ ސުވާލުތައް ކޮންމެ ދުވަހަކުވެސް ލިބޭތީ އެކި ޢިބާރާތުންވެސް މިދެނީ ހަމަ އެކަމަށް ދޭން އޮތް ޖަވާބެވެ. ރަނގަޅަށް އަޑުއަހާށެވެ!
ލޮބުވެތި އެކުވެރިންނޭވެ! ފާފައެއް ތަކުރާރުކޮށް ކުރެވޭތީ ގިނަގިނައިން ތައުބާވާންޖެހުމަކީ މާޔޫސްވާންޖެހެންވީ ކަމެއް ނޫނެވެ. އެއިރުން ތައުބާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށް ބައެއް މީޙުންނަށް ވިސްނޭ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫނެވެ.
މީހަކަށް އެފަދަ ޙާލަތެއް ކުރިމަތިވެދާނެއެވެ. ފާފަ ނުކުރަން މަސައްކަތްކުރިނަމަވެސް ފާފަކުރެވިދާނެއެވެ. ކިތންމެ ގިނައިން ތަކުރާރުކުރެވުނު ނަމަވެސް ފާފަކުރެވޭއިރަށް ދެރަވެ ތައުބާވާނަމަ އެމީހަކާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވަތެވެ. އެއީ އޭނާގެ ވެރި ރައްބެއްވާކަން އޭނާ ޤަބޫލުކުރާތީއެވެ. އޭނާގެ ހުރި އުނިކަން އޭނާއަށް ޤަބޫލުކުރެވި ދެރަވެ ތައުބާވާތީއެވެ. ފާފަ ފުއްސަވައިދެއްވެވުމަށް އޭނާގެ ވެރި ރައްބުގެ ޙަޟްރަތުގައި އޭނާ އެދޭތީއެވެ.
އެފަދަ މީހުންނާއިމެދު ފަޚުރުވެރިވެވޮޑިގެން މަލާއިކަތުން ހެކިކުރައްވަވައި އޭނާގެ ފާފަތައް ފުއްސަވައިދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ކޮންމެއަކަސް އެމީހަކު ސަލާމަތުން ދުނިޔޭގައި ހުރެ އޭނާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުމަށް އިޚްލާޞްތެރިކަމާއިއެކު އެދި ދަންނަވައިފިނަމަ ފުއްސަވައި ނުދެއްވަވާނެ ފާފައެއް ނެތެވެ. ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސްމެއެވެ. ކުރެވިފައިވާ ފާފަތައް ކަނޑުގެ ލޮނުގަނޑުހައި ގިނަނަމަވެސްމެއެވެ. މުޅި ކައުނު ފުރައިލެވޭނެ ވަރަށް ފާފަކުރެވިފައިވީނަމަވެސްމެއެވެ. އިން ޝާ ﷲ
މީގެ މާނައަކީ ފާފަކުރެވޭތީ ބިރުވެތިނުވެ ފާފަކުރަމުން ގެންދިއުމެއް ނޫނެވެ. އަދި ފާފަފުއްސަވައިދެއްވަވާނެކަމަށް ވިސްނައިގެން ފާފަކުރުމެއްވެސް ނޫނެވެ. އެއީ ވިސްނައިގެންވެސްވާނެ ގޮތެއް ނޫނެވެ. ފާފަނުކުރަން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އެކަމުގައި އިޚްލާޞްތެރިވާންވެސް މަސައްކަތްކުރަންވާނެއެވެ. ފާފަފުއްސަވައިދެއްވަވާނީ އެއިރުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން