އެންމެ ބޮޑު މައްސަލައަކީ ކާމިޔާބީ މާނަކުރެވޭ ގޮތެވެ. ކާމިޔާބީއަކީ ތިމާ އެދޭ ގޮތަށް ވަޤުތުން އެކަމެއް ޙާޞިލުވުން ކަމަށް ވިސްނޭތީއެވެ. މުސްލިމުންނަށް ކާމިޔާބީގެ މާނައަކީ އެއީއެއް ނޫނެވެ. ﷲ ތަޢާލާ ދެއްވަވާ ކޮންމެ ނިޢުމަތަކީ ކާމިޔާބީއަކަށްވާފަދައިން ކުރިމަތިކުރައްވަވާ ކޮންމެ ޙާލަތަކީވެސް ކާމިޔާބީއެކެވެ. ހިތްދަތި ނުވަތަ ކަންބޮޑުވާންޖެހޭ ކޮންމެ ޙާލަތަކާއި ގުޅިގެންވެސް ރަހްމަތް ލައްވަވާތީއެވެ.
ކޮންމެ މުސްލިމަކުވެސް ޔަޤީންކުރަންޖެހޭ އެއްކަމަކީ ﷲ ތަޢާލާ ހަމަ އެންމެ މުސްލިމަކުވެސް ނިކަމެތި ނުކުރައްވަވާނެކަމެވެ. ޔަޤީން ނުކުރެވޭނީ ހަމަ އެންމެ ކަމެކެވެ. އެއީ އެދޭ ކަންތައް ނުވަތަ ކާމިޔާބީ މިންވަރުކުރައްވަވާނެ ވަޤުތާއި މިންވަރުކުރައްވަވާނެ ގޮތެވެ.
އެދޭ ކަންކަން ކާމިޔާބުވުން ލަސްވެގެން އުޅެނީ މިއަދުގެ މުސްލިމުން އެކަންޏެއް ނޫނެވެ. އެއީ ބައެއް ޞަޙާބީންވެސް ކުރެއްވެވި ސުވާލެކެވެ. ކާމިޔާބީ އަހުރެމެންނާއި ހަމައަށް އަންނާނީ ކޮންއިރަކުތޯއެވެ؟ އެއީ އެއިރު އެބޭކަލުންނަށް ކަންކަން ރަނގަޅަށް އެނގިވަޑައިނުގަންނަވާތީއެވެ.
ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އިތުބާރުކޮށްގެން ހުންނަ ހަމައެކަކަށްވެސް ކާމިޔާބީ ނުލިބިއެއް ނުދާނެއެވެ. ތަކުރާރުކޮސްލާނަމެވެ! އަހުރެމެންނަށް ނުއެނގޭނީ ކާމިޔާބީ އަންނާނެ ގޮތަކާއި އަންނާނެ ވަޤުތެވެ.
ދެން އޮތީ ބައެއް މީހުން އުފައްދާ ސުވާލެކެވެ. އެއީ ކެންސަރު ފަދަ ބޮޑު ބައްޔަކުން ޝިފާ ނުލިބި ބަލީގައި ގިނަ ދުވަސްތަކެއްވަންދެން އުޅެންޖެހި ބަލިން ޝިފާ ނުލިބި މަރުވުމަކީ ކާމިޔާބީއެއް ހެއްޔެވެ؟
އަހުރެންގެ ޖަވާބަކީ އެއީވެސް ކާމިޔާބީއެކެވެ. އެހެނީ ބަލީގައި އޭނާ ކެތްތެރިވެ، ﷲ ތަޢާލާގެ ޙަޟްރަތުން ވާގިދެއްވެވުން އެދިގެން ހުރުމަކީވެސް އެތައް ބައިވަރު ޘަވާބު ދެއްވަވާ ކަމެކެވެ. އަދި ބައްޔެއްގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ވޭނެއްގައި އުޅެންޖެހުމަކީ އެކަމަށް ކެތްތެރިވުމުން ފާފަތައް ފުއްސަވައި ދެއްވަވާ ކަމެކެވެ. އެޙާލަތުގައި އެކަންކަން ވެގެންދަނީ ލައްވަވާ ބޮޑު ރަޙްމަތަކަށެވެ. ވީއިރު ބައްޔެއްގައި އުޅެންޖެހުމާއި ބަލީގައި މަރުވުމަކީ ކާމިޔާބީއަކަށް ނުވާނީ ކީއްވެގެން ހެއްޔެވެ؟
މީސްތަކުންނޭވެ! ކުރިމަތިވާ ކަމެއްގެ ގޮތުން ދެރަވެ މާޔޫސްވާންވެސް ޖެހިދާނެއެވެ. އެއީ އިންސާނުން ކަމުގައިވާތީއެވެ. އެޙާލަތުގައިވެސް ﷲ ތަޢާލާއަށް ވަކީލްކޮށްގެން ހުރެވިއްޖެނަމަ އެމީހަކަށް ދެއްވަވާ ބަދަލު މާބޮޑަށް އުފާވެރިވެގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން