ފަށްކުރުމެއް!: އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 4- ރިސާލަތުފަތުރުއްވަވަން ކުރެއްވެވި މަސައްކަތްޕުޅު-

ކިޔުމަށް ހޭދަވާނީ 13މ 18ސ
ފަށްކުރުމެއް!: އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 4- ރިސާލަތުފަތުރުއްވަވަން ކުރެއްވެވި މަސައްކަތްޕުޅު-

ޢަލީ އިޙްޞާން ފިރާޤް

ރިސާލަތު: 

މި މަޒުމޫނުގެ ފެށުމުގައި ދަންނަވާފައިވާނޭ ފަދައިން، نوح عليه السّلام ގެ ޤައުމުގެ ބައެއް މީހުންނަށް، ޝައިޠާނާ ޝިރުކު ކުރުމަށް މަގުދެއްކިއެވެ. އެބައިމީހުން ޝައިޠާނާގެ ބަހަށް ހެއްލި ބުދަށް އަޅުކަންކުރަންފެށިއެވެ.  

نوح عليه السّلام ރަސޫލުކަމައިގެން ފޮނުއްވުމުން، އެކަލޭގެފާނު މާތްالله سبحانه وتعالى ގެ ތައުޙީދު މީސްތަކުންނަށް ބަޔާންކޮށްދެވިއެވެ. އަޅުކަން ކުރުން އެންމެ ޙައްޤު ފަރާތަކީ މާތް ކަމަށް ބަޔާންކޮށްދެއްވިއެވެ. މިކަން، ބަޔާންކުރަށްވައި ކީރިތި ޤުރްއާނުގެ އަލް އަޢުރާފް ސޫރަތުގެ 59ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ ﴿٥٩

މާނައީ: [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب ތިޔަބައިމީހުންނަށް ލިބިދާނެކަމަށް އަހުރެން ބިރުގަނެއެވެ.] 

نوح عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް އަޅުކަމުގައި އިޚްލާޞްތެރިވުމަށާއި އެއްކައުވަންތަ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަން ނުކުރުމަށް ގޮވައިލެއްވިއެވެ. މާތްالله سبحانه وتعالى އަކީ އެންމެހައި ތަކެއްޗެއް ނެތުމުގެ ތެރެއިން އުފައްދެވި އެތަކެތީގެ ވެރިރަސްކަލާނގެކަން ބަޔާންކޮށްދެއްވިއެވެ. އެކަލޭގެފާނު ދަރިފަސްކޮޅުން ވަޑައިގެންނެވި އެހެން ނަބީބޭކަލުންނާއި ރަސޫލުބޭކަލުން އެންގެވި ފަދައިންނެވެ. މިކަން ބަޔާން ކުރައްވާ މާތްކީރިތި ޤުރްއާނުގެ އަލް ޙަދީދު ސޫރަތުގެ 26 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

وَلَقَدْ أَرْسَلْنَا نُوحًا وَإِبْرَاهِيمَ وَجَعَلْنَا فِي ذُرِّيَّتِهِمَا النُّبُوَّةَ وَالْكِتَابَ ۖ فَمِنْهُم مُّهْتَدٍ ۖ وَكَثِيرٌ مِّنْهُمْ فَاسِقُونَ ﴿٢٦

މާނައީ: "އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނާއި إبراهيم ގެފާނު رسول ކަމާއިގެން ފޮނުއްވީމެވެ. އަދި އެ ދެ رسول ންގެ ދަރިކޮޅުގައި ނަބީކަމާއި (ބާވައިލެއްވި) ފޮތްތައް ލެއްވީމެވެ. ފަހެ، އެއުރެންގެ ތެރެއިން ތެދުމަގު ލިބިގެންވާ މީހުންވެއެވެ. އަދި އެއުރެންގެ ތެރެއިން ގިނަމީހުންނީ، فاسق ންނެވެ." 

މިއާޔަތުން ދޭހަވާ ގޮތުގައި މާތްالله سبحانه وتعالى ފޮނުއްވި ހުރިހާ ރަސޫލު ބޭކަލުންނާއި ނަބީބޭކަލުން ފޮނުއްވީ نوح عليه السّلام ގެ ނަސަބުފުޅުންނެވެ. އެހެންމެހައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންވެސް ގޮވައިލެއްވީ މައިގަނޑުގޮތެއްގައި އެއް އަސާސަކަށެވެ. އެއީ، މާތްالله سبحانه وتعالى އަށް އަޅުކަން ކުރުމަށާއި އެކަލާނގެއާއި އެހެން އެއްވެސް އެއްޗެއް ޝަރީކުނުކުރުމަށެވެ. މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރުއާނުގެ ނަޙްލު ސޫރަތުގެ 36 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވާފައިވެއެވެ.

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ 

މާނައީ: [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްމެ رسول އަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ.]  

ކޮންމެއަކަސް، نوح عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ތަކުރާކޮށް ނަޞޭހަތް ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު ޤައުމުގެ މީސްތަކުންނަށް ހަމައެކަނި މާތްއަށް އަޅުކަންކުރަން އަމުރު ކުރެއްވުމުގެ އިތުރުން، އަށް ތަޤްވާވެރިވެ ބިރުވެތިވުމަށްވެސް އަމުރު ކުރެއްވިއެވެ. ނަމަވެސް، އެބައިމީހުން އެކަލޭގެފާނުގެ ބަސްފުޅުތައް ދޮގުކުރަމުން ގެންދިޔައެވެ. އެކަލޭގެފާނުގެ ބަސްފުޅުތައް އަޑު ނޭހުމުގެ ގޮތުން، އެބައިމީހުންގެ އިނގިލިތައް ކަންފަތަށް ލަމުންގެންދިޔައެވެ. ރަސޫލާ صلّى اللّـه عليه وسلّم ގެ  ބަސްފުޅު އަޑުނޭހުމަށް މުޝްރިކުން އަމަލުކުރަމުން ގެންދިޔަފަދައިންނެވެ. މިކަމަށް އިޝާރާތްކުރައްވައި، ކީރިތި ޤުރްއާނުގެ ނޫޙު ސޫރަތުގެ ދެވަނަ އާޔަތުން ސާދަވަނަ އާޔަތުގެ ނިޔަލަށް މާތްالله سبحانه وتعالى ވަޙީ ކުރައްވައިފައިވެއެވެ. 

قَالَ يَا قَوْمِ إِنِّي لَكُمْ نَذِيرٌ مُّبِينٌ ﴿٢﴾ أَنِ اعْبُدُوا اللَّـهَ وَاتَّقُوهُ وَأَطِيعُونِ ﴿٣﴾ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰ أَجَلٍ مُّسَمًّى ۚ إِنَّ أَجَلَ اللَّـهِ إِذَا جَاءَ لَا يُؤَخَّرُ ۖ لَوْ كُنتُمْ تَعْلَمُونَ ﴿٤﴾ قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا ﴿٥﴾فَلَمْ يَزِدْهُمْ دُعَائِي إِلَّا فِرَارًا ﴿٦﴾ وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوا أَصَابِعَهُمْ فِي آذَانِهِمْ وَاسْتَغْشَوْا ثِيَابَهُمْ وَأَصَرُّوا وَاسْتَكْبَرُوا اسْتِكْبَارًا ﴿٧﴾ ثُمَّ إِنِّي دَعَوْتُهُمْ جِهَارًا ﴿٨﴾ ثُمَّ إِنِّي أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا ﴿٩﴾ فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴿١٠﴾ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ﴿١٢﴾ مَّا لَكُمْ لَا تَرْجُونَ لِلَّـهِ وَقَارًا ﴿١٣﴾ وَقَدْ خَلَقَكُمْ أَطْوَارًا ﴿١٤ 

މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އޭ، އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންނަށް ބަޔާންވެގެންހުރި إنذار ކުރާ މީހަކީމެވެ. (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންވާށެވެ! (އޭރުން) އެކަލާނގެ، ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށްޓަކައި ފުއްސަވައިދެއްވާނެތެވެ. އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރައްވާނެތެވެ. ހަމަކަށަވަރުން، اللَّه ކަނޑައަޅުއްވާފައިވާ أجل އަތުވެއްޖެނަމަ، ލަހެއް ނުކުރައްވާނެތެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭކަމުގައި ވާނަމައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ قوم ގެމީހުންނަށް (إيمان ވުމަށް) ރެއާއި، ދުވާލު ތިމަންކަލޭގެފާނު ގޮވައިލެއްވީމެވެ. ފަހެ، ތިމަންކަލޭގެފާނުގެ ގޮވައިލެއްވުން، ފިލާންދިޔުން ނޫންކަމެއް އެއުރެންނަކަށް އިތުރެއް ނުކުރިއެވެ. (އެބަހީ: އެކަލޭގެފާނު ތެދުމަގަށް ގޮވައިލެއްވިވަރަކަށް، އެއުރެންދަނީ، އެކަލޭގެފާނުގެ دعوة އާ ދުރަށެވެ.) އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެންގެ ފާފަފުއްސެވުމަށްޓަކައި، ތިމަންކަލޭގެފާނު އެއުރެންނަށް (إيمان ވުމަށް) ގޮވައިލައްވާ ކޮންމެ ފަހަރަކު، އެއުރެންގެ އިނގިލިތައް، އެއުރެންގެ ކަންފަތްތަކުގައި އަޅަތެވެ. އަދި އެއުރެންގެ ފޭރާމުން، އެއުރެން ނިވާވެގަނެތެވެ. އަދި އެއުރެން (كفر ވެރިކަންމަތީ) ދެމިތިބެތެވެ. އަދި ނުހަނު ބޮޑާވެގަނެތެވެ. ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ހަރުއަޑުން ގޮވައިލެއްވީމެވެ. ދެން ހަމަކަށަވަރުން، ތިމަންކަލޭގެފާނު އެއުރެންނަށް ފާޅުގައި ގޮވައިލެއްވީމެވެ. އަދި ތިމަންކަލޭގެފާނު ވަންހަނާކޮށް ސިއްރުކުރައްވައި، އެއުރެންނަށް ގޮވައިލެއްވީމެވެ. ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. ތިޔަބައިމީހުން اللَّه ގެ عظمة ތެރިކަމަށް اعتقاد ނުކުރަނީ ކީއްވެގެންހެއްޔެވެ؟ ހަމަކަށަވަރުން، އެކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ތަފާތު مرحلة ތަކަކުންނެވެ."

 

އަދި ނުނިމޭ

 

 

__________________________________________

މިއަދު އޮންލައިން