ޒަވާޖީ ޙަޔާތުގެ ކާމިޔާބީ އެންމެ ބޮޑަށް ގުޅިފައި އޮންނަނީ ދެމަފިރިން އެކަކު އަނެކަކަށް ކޮށްދޭ ޚިދުމަތްތަކުގެ އަގުވަޒަންކުރުމާއިއެވެ. މިބުނަނީ ފިރިމީހާ އަނބިމީހާއަށް ކޮށްދޭ ކަންކަމާއި އަނބިމީހާ ފިރިމީހާއަށް ކޮށްދޭ ކަންކަމުގެ ވާހަކައެވެ.
ޚާއްޞަކޮށް އަނބިން ގޭތެރޭގެ މަސައްކަތްކުރަމުން ދަރިން ބަލަމުން ދެން އުފުލާ ބުރައިގެ އަގު ވަޒަންކުރުމާއިއެވެ. އެހެނަސް އެކަމުގައި އިހްމާލުވާ ފިރިންވެސް ތިބެއެވެ. ނަތީޖާއަކަށްވަނީ ކެތް ނުކުރެވިގެން ހަށިފޮޅާލަން އަނބިންނަށް ޖެހުމެވެ.
މިހެން ބުނުމުން ބައެއް ފިރިން ހިތްހަމަނުޖެހިދާނެއެވެ. ތިމާމެން އަދާކުރާ ވަޒީފާއާއި ކުރާ މަސައްކަތުގެ އަގެއް ނެތީތޯ ސުވާލު އުފައްދާނެއެވެ. އެސުވާލުގެ ޖަވާބު އެންމެ ރަނގަޅަށް ލިބޭނީ ދަރިންބަލައި ކައްކައި ގޭގެ މަސައްކަތް ކުރަން އުފުލަންޖެހޭ ބުރަ އަމިއްލައަށް ވަޒަންކޮށްލީމައެވެ. 2،3 ދުވަހު އެމަސައްކަތްކުރަން ގޭގައި މަޑުކޮށްލީމައެވެ.
ޚާއްޞަކޮށް އަނބިންކުރާ މަސައްކަތުގެ ވާހަކަ މިބުނީ އެސަބަބަށްޓަކައެވެ. އެއްވެސް ޙާލެއްގައި އާމްދަނީ ހޯދަން ފިރިންކުރާ މަސައްކަތުގެ އަގުވަޒަންނުކުރާތީއެއް ނޫނެވެ. އެއްވެސް މަސައްކަތަކީ ލުއިމަސައްކަތެއްކަމަށް ބުނަނީއެއް ނޫނެވެ.
ދެމަފިރިންވެސް އަނެކާކުރާ މަސައްކަތުގެ އަގުވަޒަންކުރަންވާނެއެވެ. ތަޢްރީފްކުރަންވާނެއެވެ. ބައްޕައަކު އޭނާގެ އަންހެން ދަރިފުޅަށް ބުންޏެވެ. "ދަރިފުޅާއެވެ! ކޮންމެ މީހަކުނަމަވެސް ހެޔޮކަމެއް ކޮށްދީފިނަމަ އެކަމުގެ އަގުވަޒަންކުރާށެވެ! ޚާއްޞަކޮށް ކައިވެނިކުރުމަށްފަހު ފިރިމީހާ ކުރާ މަސައްކަތަށް ތަޢްރީފްކުރާށެވެ! ކޮށްދޭ ހެޔޮކަންކަމަށް ތަޢްރީފްކުރާށެވެ! އެއީ ދެމަފިރިންގެ މެދުގައި ލޯބި އިތުރުވެގެންދާނެ ކަމެކެވެ."
އަނބިމީހާ ގޭގައި އިނދެގެން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރަނީ މަދުމީހެކެވެ. ކިރިޔާ ކަމެއް އުނިވާއިރަށް ޝަކުވާކުރެވެނީ އެހެންވެގެންނެވެ. ހަމައެފަދައިން އަނބިމީހާވެސް ގެއިން ބޭރުގައި ފިރިމީހާ ކުރާ މަސައްކަތުގެ އަގުވެސް ވަޒަންކުރަންވާނެއެވެ. މަސައްކަތްބުރަވުމުގެ ސަބަބުން ކޮށްނުދެވި ހުންނަ ކަންކަމަށް ޝަކުވާނުކުރާށެވެ.
މިކަންކަމަށް ސަމާލުކަންދޭނަމަ ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން ބޮޑުތަނުން މަދުވާނެއެވެ. ދިރިއުޅުމުގައި ބަރަކާތް ލައްވަވާނެއެވެ. އެއިރުން އުފާވެރިކަން ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ
- އަލަފް / މިއަދުނޫސް