މައިންބަފައިން ދުނިޔޭގައި ތިބޭއިރު އެމީހުންނަށް ޝުކުރުވެރިވާ ދަރިންގެ ތެރޭގައިވެސް އެމީހުން މަރުވުމުން ޝުކުރުވެރިވާން ހަނދާން ނައްތައިލާ ދަރިން ތިބެއެވެ. އެއީ މަދުބައެއްވެސް ނޫނެވެ. އެހެންކަމުން މިއީ ހޭލުންތެރިކަން އިތުރުކުރަންޖެހިފައިވާ ކަމެކެވެ.
މައިންބަފައިން ދުނިޔޭގައި ތިބޭއިރު އެމީހުންނަށް ހެޔޮކޮށް ހިތުމަކީ އެމީހުންނަށް ޝުކުރުވެރިވުމުގެތެރެއިން ހިމެނޭ ކަމެކެވެ. އަދި އެމީހުން ދުނިޔެ ދޫކުރުމުންވެސް އޮތީ އެމީހުންނަށް ޝުކުރުވެރިވުމެވެ. ތިމާ ދިރިހުރިހާ ދުވަހަކު އެކަން ހުއްޓާލައިގެން ނުވާނެއެވެ.
މައިންބަފައިންނަށް ޝުކުރުވެރިވުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އެކަން ބަޔާންކުރައްވައި ޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެފައިވަނީ މިފަދައިންނެވެ.
"ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
أَنِ اشْكُرْ لِي وَلِوَالِدَيْكَ_ لقمان14
"ތިމަންއިލާހަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ."
ސުފްޔާން ބިން ޢުޔައިނާ ރަޙިމަހުﷲ ވިދާޅުވިއެވެ.
"ފަސް ވަޤުތު ނަމާދު ޤާއިމުކޮށްފި މީހަކު ﷲ އަށް ޝުކުރުކޮށްފިއެވެ.
ފަސް ވަޤުތުގެ ނަމާދުގެ ފަހުގައި އެމީހެއްގެ މައިންބަފައިންނަށް ދުޢާކޮށްފި މީހަކު، ފަހެ އޭނާގެ މައިންބަފައިންނަށް ޝުކުރުކޮށްފިއެވެ."
[تفسير القرطبي:١٦/٤٧٥]
- ޝައިޚް މުޙައްމަދު ޝާފިޢު
މައިންބަފައިން ދުނިޔޭގައި ތިބިނަމަ ދުޢާކުރުމުގެ އިތުރުން އެމީހުންނަށް ހެޔޮކޮށް ހިތަންވާނެއެވެ. އެމީހުން އުފާކޮށްދީ އެމީހުންނަށް ދޭންޖެހޭ ލޯބިދޭންޖެހޭނެއެވެ. އަޅާލައި ކަމޭހިތަންޖެހޭނެއެވެ. އެމީހުންގެ ޙާލުބަލައި އެހީތެރިވެދީ އެމީހުންގެ ބޭނުންތައް ފުއްދައިދޭން ވާނެއެވެ. މިހުރިހާ ކަންކަމަކީވެސް މައިންބަފައިންނަށް ޝުކުރުވެރިވުމުގެ ގޮތުން ކޮންމެހެން ކުރަން ޖެހޭ ކަންކަމެވެ.