ނިކަމެތި އަދި ދަތިޙާލެއްގައި އުޅެންޖެހުނަސް ކަންބޮޑުނުވާށެވެ! މީހަކު މަތިވެރިކުރައްވަވަން ބޭނުންފުޅުވެވޮޑިގެންފިނަމަ އެމީހަކަށް ދަތި އުނދަގޫ ޙާލަތު ކުރިމަތިކުރައްވަވަތެވެ. އެމީހާކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްކުރައްވަވަތެވެ. އެއީ އެފަދަ ޙާލެއްގައިވެސް އުޅެން ދަސްކޮށްދެއްވެވުމަށެވެ.
ބައެއް ފަހަރު މީހުންގެ ގާތު ކަންކަމަށް އެދުމުން ހަމައެކަކުވެސް އެކަންކޮށްނުދީފާނެއެވެ. އެޙާލަތުގައި އެމީހުންނަށް ނަފްރަތުނުކުރާށެވެ. އެޙާލަތު މިންވަރު އެކުރައްވަވަނީ ކަންކަމު އެދެންވީ މީހުންގެ ގާތުން ނޫންކަމާއި ﷲ ތަޢާލާގެ ޙަޟްރަތުންކަން ވިސްނަން ދަސްކުރުމަށެވެ.
ބައެއް ފަހަރު މީހާ ކުރިއަރައިދާފަހުން ނިކަމެތިކުރައްވަވައެވެ. އެޙާލަތުގައިވެސް ކަންބޮޑުނުވާށެވެ. ﷲ ތަޢާލާ އެދެއްވަވަނީ ބުއްދީގެ ބޭނުންކޮށްގެން އަލުން ކުރިއަރައި ދިއުމުގެ ފުރުޞަތެވެ. ވީމާ ނިކަމެތި ޙާލަތެއް ކުރިމަތިވުމުން އެހެން މީހުން ކުށްވެރިނުކުރާށެވެ!
މިފަދަ ހުރިހާ ކަމަކުންވެސް ﷲ ތަޢާލާ އެދެއްވަވަނީ އަގުހުރި ފިލާވަޅެކެވެ. އެފިލާވަޅު ލިބިގެންފި މީހަކަށް ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން