ޢަލީ އިޙްޞާން ފިރާޤް
ޞަދަޤާތްކުރާ މީހުންގެތެރެއިން ގިނަބައަކު ހަނދާން ނުހުންނަ އެއްކަމަކީ އެކަމުން ތިމާއަށް ފައިދާކުރާނެ މަގުން ޞަދަޤާތްކުރުމެވެ. ވީމާ عبد الله بن جدعان ގެ ވާހަކަ ވިދާޅުވެލައްވާށެވެ!
عبد الله بن جدعان އަކީ ތައިމުވަންހައިގެ ބޮޑުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާއަކީ ޖާހިލިއްޔަ ޒަމާނުގައި އުޅުނު ވަރަށް ދީލަތި މީހެކެވެ. ނިކަމެތި މީހުންނަށް އަޅައިލާ ކާންދީ އުޅުނު މީހެކެވެ. ވަރަށް ބޮޑު މުއްސަންޖެކެވެ.
އަލްބިދާޔަތު ވައްނިހާޔަތުގައި އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. عبد الله بن جدعان މީސްތަކުންނަށް ކަދުރާއި، سويق އާއި ކިރު ބޯންދޭކަމުގައިވެއެވެ. މިވާހަކަ أُمَيَّة بْن أَبِي الصَّلْت އަށް އެނގިގެން އޭނާ ކީ ޅެމެއްގައިވެއެވެ.
وَلَقَدْ رَأَيْتُ الْفَاعِلِينَ وَفِعْلَهُمْ ... فَرَأَيْتُ أَكْرَمَهُمْ بَنِي الدَّيَّانِ
الْبُرُّ يُلْبَكُ بِالشِّهَادِ طَعَامُهُمْ ... لَا مَا يُعَلِّلُنَا بَنُو جُدْعَانِ
މާނައީ: [ކަންތައް ކުރާ މީހުންނާއި އެ ކަންތައް ކުރާ ގޮތް އަހަރެން ދެކެފީމެވެ. އޭގެ ތެރެއިންވެސް އަހަރެންނަށް ފެނުނު އެންމެ ދީލަތި ބަޔަކީ بَنِي الدَّيَّان ގެ މީހުންނެވެ. އެބައިމީހުންގެ ކާނާއަކީ ގޮދަނާއި މާމުޔެވެ. بَنُو جُدْعَان އަހަރެމެނަށް ދޭ ކަހަލަ ކެއުމެއް ނޫނެވެ.]
މި ޅެމުގެ އަޑު އަހައިފައި عبد الله بن جدعان ޝާމުކަރައަށް ދެހާސް ޖަމަލު ފޮނުވައިގެން ގޮދަނާއި، މާމުޔާއި، ގިތެޔޮ ގެނެސްފިއެވެ. އަދި ކޮންމެ ރެއަކު މީހަކު ފޮނުވައިގެން ކަޢުބާގެ ފުރާޅުކޮޅަށް އަރާ އެންމެހައި މީސްތަކުން އޭނާގެ ދޮލަނގުތަކުން ކެއުމަށް ދަޢުވަތުދީ ހަދައެވެ.
عبد الله بن جدعان އަކީ ކިތަންމެ ދީލަތި މީހެއްކަމުގައި ވިޔަސް ޤިޔާމަތްދުވަހު އޭގެ އެއްވެސް ޘަވާބެއް އޭނާއަކަށް ނުލިބޭނެއެވެ. އެކަން ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ. ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ދެންނެވިއެވެ. [އޭ ﷲ ގެ ރަސޫލާއެވެ. ހަމަކަށަވަރުން عبد الله بن جدعان އަކީ މީހުންނަށް ކާންދީ، މެހުމާންދާރީ އަދާކުރި މީހެކެވެ. ޤިޔާމަތްދުވަހު އޭގެ އެއްވެސް މަންފާއެއް އޭނާއަށް ކުރާނެތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [ނޫނެކެވެ. ނުކުރާނެއެވެ. އެހެނީ އޭނާ ދުވަހަކުވެސް
رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّين
(ޤިޔާމަތް ދުވަހު މިއަޅާގެ ފާފަތައް ފުއްސަވާނދޭވެ.) މިފަދައިނެއް ނުބުނެއެވެ.]
{ مسلم (ت ٢٦١)، صحيح مسلم ٢١٤ • صحيح}
މިދެންނެވި ޙަދީޘް ޝަރަޙަ ކުރެއްވި ބޭކަލުން ވިދާޅުވާގޮތުގައި އިމާންކަމާ ނުލައި މީހަކު ކިތަންމެ ހެޔޮ ޢަމަލެއް ކުރިކަމުގައިވިޔަސް އެކަމެއް ޤަބޫލެއް ނުކުރެވޭނެއެވެ. ކާފިރުން ކުރާ ހެޔޮ ޢަމަލުގެ ޘަވާބެއް ޤިޔާމަތް ދުވަހުން ނުލިބޭނެއެވެ.