ޝަޢްބާން މަހު ވީހާ ގިނަ ދުވަހު ރޯދަހިފަންވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޝަޢްބާން މަހު ވީހާ ގިނަ ދުވަހު ރޯދަހިފަންވީ ކީއްވެ؟

ޝަޢްބާން މަހު ވީހާ ގިނަ ދުވަހު ރޯދަހިފަންވީ ކީއްވެ؟ މިއީ ގިނަ ބައަކު ކުރާ ސުވާލެކެވެ. އެހެންވެ ޙަދީޘްފުޅުގެ އަލީގައި އަހުރެންގެ ވިސްނުމުން ބަޔާންކޮށްދޭން މަސައްކަތްކުރާށނަމެވެ.  

ފުރަތަމަ ކަމަކީ ޝަޢްބާން މަހާއި ބައްދަލުވުމުން އޮތީ ހަމައެކަނި ރޯދަހިފުމެއް ނޫނެވެ. ވީހާ ގިނަ ހެޔޮ ޢަމަލުތައް ކުރުމެވެ. ހަމައެއާއިއެކު ރަމަޟާން މަސް ފިޔަވައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ރޯދަ ހިއްޕެވީ ޝަޢްބާން ބަހުގައެވެ.  

އެކަމުގެ ސަބަބުވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ކޮންމެ ދުވަހަކުވެސް އަހުރެމެންގެ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތަށް މަލާއިކަތުން އުފުއްލަވަތެވެ. އަދި ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުވެސް އުފުއްލަވަތެވެ. އަދި މަސްތަކުގެ ތެރެއިން އުފުއްލަވަނީ ޝަޢްބާން މަހުގައެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އެހައި ގިނައިން ޝަޢްބާން މަހު ރޯދަ ހިއްޕަވާ ސަބަބުކަމަށް ޙަދީޘްފުޅުކުރައްވަވާފައިވަނީ ޢަމަލުފުޅުތައް ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލެވޭއިރު ރޯދައަށް ހުންނެވުމެވެ.  

ޝަޢްބާން މަހުގެ 15 ދުވަހު ރޯދަހިފުން:  

ޝަޢްބާން މަހުގެ ދުވަހު ރޯދަހިފަންވީ ހަނދުމަހުގެ 13،14، 15 މި 3 ދުވަހު ރޯދަހިފަމުން އައި މީހުންނެވެ. ޝަޢްބާން މަހުވެސް އެ 3 ދުވަހު ރޯދަހިފުމަށްޓަކައެވެ. ޝަޢްބާން މަހުގެ 15 ދުވަސް ޚާއްޞަކޮށްގެން ރޯދަހިފުމެއް ނެތެވެ. އަދި އެދުވަހު ކުރާނެ ޚާއްޞަ ނަމާދެއްވެސް އަދި ކުރާނެ ޚާއްޞަ ދުޢާއެއްވެސް ސުންނަތުން އެނގޭކަށް ނެތެވެ.  

އަހުރެންގެ ނަޞީޙަތަކީ ޝަޢްބާން މަހު ވީހާ ގިނަ އަޅުކަންކުރުމެވެ. ރޯދަ ހިފުމެވެ.

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

 

މިއަދު އޮންލައިން