އެންމެ ދިހަ މިނިޓުން ތިބާގެ ދުނިޔެއާ އާޚިރަތް ކާމިޔާބުކުރެވިދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އެންމެ ދިހަ މިނިޓުން ތިބާގެ ދުނިޔެއާ އާޚިރަތް ކާމިޔާބުކުރެވިދާނެ! އިން ޝާ ﷲ

ޒަމާން ފަސްވަމުން އަންނަވަރަކަށް އަހުރެމެންގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލަކީ މަސައްކަތުގައި ގިނަ ވަޤުތު ހޭދަކުރަން ޖެހުމެވެ. އެކަން އެގޮތަށްވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ ގިނަފައިސާ ހޯދަންޖެހުމެވެ. 

މަސައްކަތް ބުރަކަމުން ގިނައިރު އަޅުކަންކުރާނެ ވަޤުތު ނުލިބުމަކީ މައްސަލައަކަށް ނުހަދާށެވެ. ކޮންމެ ދުވަހަކުވެސް އަދި ކޮންމެ ރެއަކުވެސް ކިތަންމެ ކުޑަ އިރުކޮޅަކު ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ހެޔޮ ޢަމަލެއް ކުރަން އާދަކުރާށެވެ. އެއީ އެންމެ 10 މިނިޓް ނަމަވެސްމެއެވެ. 

ރޭއަޅުކަންކުރުމަކީ އެންމެ ހެޔޮ ޢަމަލެވެ. ރޭއަޅުކަންކުރަން ނުހޭލެވޭ މީހާ ނިދުމުގެ ކުރިން އެންމެ 10 މިނިޓް ނަމަވެސް ޤުރްއާން ކިޔަވާށެވެ. ޛިކުރްކުރާށެވެ! ދުޢާކުރާށެވެ! 

ނިކަން ބުނެބަލާށެވެ! ތިބާ ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކު ކިހާގިނަ ވަޤުތެއް ހޭދަކުރަމުހެއްޔެވެ؟ އެއިގެ ބަދަލުގައި ނުވަތަ އެވަޤުތުން ބައެއް މިބުނި ފަދައިން އަޅުކަމުގައި ހޭދަކުރާނަމަ ކުރާނެ ފައިދާއަށް ވިސްނާނުލަނީ ކީއްވެގެން ހެއްޔެވެ؟ 

ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ކުރާ ޢަމަލުތަކުގެ ޢަދަދަކަށް ނޫނެވެ. އެކަމުގައި އިޚްލާޞްތެރިކަން ހިމެނޭ މިންވަރަކަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ އެއީ ކިތަންމެ ކުޑަ ޢަމަލެއް ނަމަވެސް އިޚްލާޞްތެރިކަމާއިއެކު އެކަމެއް ކުރުމުގައި ދެމިހުންނަ ޢަމަލެވެ. ވީމާ ކޮންމެ ދުވަހަކު އަދި ކޮންމެ ރެއަކުވެސް އެންމެ 10 މިނިޓް މިބުނި މަގުން އަޅުކަމުގައި ހޭދަކޮށްލުން ކީއްހެއްޔެވެ؟ 

އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށްވުރެ ފައިދާހުރި، ފައިދާ ބޮޑު ކަމެއް ނުވެއެވެ. ވީމާ ގަދައަޅައި މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ޢަމަލުތައް ކުރުންމަތީގައި ދެމިހުރުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން