ޒަވާޖީ ހަޔާތް ކާމިޔާބުކުރުމަށް އޮތް އެންމެ މުހިންމުކަމަކީ ދެމަފިރިންނަކީ އެންމެ ގާތް ދެ އެކުވެރިން ކަމަށްވެސް ވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ޒަވާޖީ ހަޔާތް ކާމިޔާބުކުރުމަށް އޮތް އެންމެ މުހިންމުކަމަކީ ދެމަފިރިންނަކީ އެންމެ ގާތް ދެ އެކުވެރިން ކަމަށްވެސް ވުން!

މިވާހަކަކޮޅު ބުނެލަން މިޖެހެނީ ދެމަފިރިންގެ ދެމެދަށް "ބެސްޓް ފްރެންޑް" ވަދެގަންނަ މައްސަލަ ގިނަވާތީއެވެ. ގިނަބައަކު ބުނާގޮތަށް ނަމަ ޖަހައި ނުގަތަސް އެންމެ ގާތް އެކުވެރިޔާގެ ސަބަބުން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން ގިންވާތީއެވެ. އެހެންވެ މިބުނެދެނީ އެކަމަށް އޮތް ޙައްލެވެ. 

ކަންކަމުގައި އެކި މީހުން ވިސްނާނީ އެކި ގޮތަށެވެ. ވީމާ އެއްވެސް ކަމެއްގައި ދެމީހަކު ދެގޮތަކަށް ވިސްނުމަކީ މައްސަލައެއް ކަމަށް ދެކެގެން ނުވާނެއެވެ. ކަންކަމުގައި ޤަބޫލުކުރަންވީ ހަމައެކަނި ތިމާއަށް ފައިދާކުރާނެ ގޮތެއް ނޫނެވެ. އެކަމަކުން ގިނަ ބައަކަށް އެންމެ ފައިދާކުރާ ގޮތެކެވެ. ގިނަ ބައަކަށް ފައިދާކުރާނީ ރަނގަޅުގޮތް ކަމަށްވުމުން ކަމަށް ޤަބޫލުކުރަންވާނެއެވެ.  

އެގޮތުން ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ކައިވެނިކުރުމަށްފަހު ޒަވާޖީ ހަޔާތުގެ ދެބައިވެރިންގެ ގޮތަށް އެކުގައި އުޅުމާއިއެކު އެންމެ ގާތް ދެ ރަޙްމަތްތެރިންގެ ގޮތުގައި އުޅުމުން ކުރާނެ ފައިދާއެވެ.  

މިހައިތަނަށް ކުރެވިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި އެންމެ އުފަލުގައި ދިރިއުޅެވެނީ ކައިވެނިކުރުމަށްފަހު ޒަވާޖީ ހަޔާތުގެ ދެބައިވެރިންގެ ގޮތަށް އެކުގައި އުޅުމާއިއެކު އެންމެ ގާތް ދެ ރަޙްމަތްތެރިންގެ ގޮތުގައިވެސް އުޅުމުންނެވެ.  

އެއިރުން ކުރާ ފައިދާތަކުގެ ތެރޭގައި ދައްކަން ބޭނުންވާ ކޮންމެ ވާހަކައެއްވެސް ދައްކަން ޖެހިލުން ނުވުމާއި ކަންކަމުގައި ޚިޔާލު ހޯދަން މަޝްވަރާކުރަން ޖެހިލުންވާން ނުޖެހުން ހިމެނެއެވެ. ދެމަފިރިންގެ މެދުގައި މިދެކަންތައް މިގޮތަށް އޮވެއްޖެނަމަ މައްސަލަ ޖެހުން ވަރަށް މަދުވާނެއެވެ.  

ޙަޤީޤަތުގައި ގިނަ މައްސަލަތައް ޖެހެނީ ކުރަން ބޭނުންވާ ކަންކަމާއި އަދި ކުރެވޭ ކަންކަމާއި ގުޅިގެންވެސް ދެމީހުންގެ މެދުގައި މަޝްވަރާ ނުކުރެވޭތީއެވެ. މަޝްވަރާކުރަން ވާހަކަދައްކައިފިނަމަ ބައިވެރިޔާ ހިތްހަމަނުޖެހިދާނެކަމަށް ބަލައި ކަންކަން ހިތުގައި ބާއްވައިގެން އުޅެންޖެހޭތީއެވެ.  

ކުރެވޭ ޝައްކުތަކާއި ތުހުމަތުތަކާއިމެދު ސުވާލުކުރެވޭނަމަ، ދެމީހުންގެ މެދުގައި ވާހަކަދެއްކޭނަމަ ވަރަށް ގިނަ ކަންކަން މައްސަލައަކަށްނުވެ ޙައްލުކުރެވޭނެއެވެ. މިފަދަ ހުރިހާ ސަބަބުތަކަށްޓަކައިވެސް ދެމަފިރިންނަކީ އެންމެ ގާތް ދެއެކުވެރިން ކަމުގައިވެސް ވާން އެބަޖެހެއެވެ.  

ހަމައެއާއިއެކު އެންމެ ގާތް އެކުވެރިޔާ ދައްކާ ވާހަކަތަކުން ދެމަފިރިންގެ ގުޅުމަށް ހުރަސް ނުއެޅޭނީވެސް ދެމަފިރިންނަކީ އެންމެ ގާތް އެކުވެރިންކަމުގައިވެގެންނެވެ. އެއިރުން އެހެން މީހަކު ދައްކާ ވާހަކައަކަށް ސަމާލުކަންދޭކަށް ނުޖެހޭނެއެވެ. ތިމާއަށް އަނެކާގެ ހުރިހާ ކަންކަންވެސް ދާނީ އެނގެމުންނެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން