ގިނަ ބައަކު އިސްތިޣްފާރުކުރެއެވެ. ނަމަވެސް މާނައަށް ވިސްނަނީ މަދު މީހެކެވެ. މިބަޔާންކުރާ ޛިކުރަކީ ހަމައެކަނި ކިޔައިލުމުގެ ބަދަލުގައި މާނައަށް ވިސްނައި ޢަމަލުކުރަންޖެހޭވެސް ޛިކުރެކެވެ.
މިއީ ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ތެރޭގައިވެސް ހިމެނޭ ދުޢާއެކެވެ. އިޤްރާރެކެވެ. ޛިކުރެކެވެ. ޙަދީޘްފުޅުގައިވަނީ ހެނދުނު ކިޔައިގެން ހުއްޓައި ހަވީރުވުމުގެ ކުރިން އެމީހަކު މަރުވެއްޖެނަމަ އަދި ހަވީރު ކިޔައިގެން ހުއްޓާ ހެނދުނުވުމުގެ ކުރިން މަރުވެއްޖެނަމަ އެމީހަކު ސުވަރުގެ ވައްދަވާނެ ކަމަށެވެ. އިން ޝާ ﷲ.
ސުވަރުގެ އެދިގެން މި ޛިކުރު (ސައްޔިދުލް އިސްތިޣްފާރު) ކިޔާމީހާ، ދުލުން ކިޔައިލުމުގެ އިތުރުން ޛިކުރުގައި ތިމާވާ އިޤްރާރަށް ޢަމަލުކުރުން މަތީގައި ހުންނަން ވާނެއެވެ. އަދި މި ދުޢާގެ މާނައަށް ޔަޤީންކުރާ ޙާލު މި ދުޢާ ކިޔުމަށް ޙަދީޘްގައި ވެއެވެ.
ޢިލްމުވެރިން ވިދާޅުވަނީ ހެނދުނަކީ ފަތިސްނަމާދުން ފެށިގެން އިރުއަރައްޖައުމާއި ދެމެދެވެ. އަދި ހަވީރަކީ ޢަޞްރު ނަމާދުން ފެށިގެން އިރުއޮއްސިއްޖައުމަށް ދާންދެނެވެ. އަދި ދިމާވާ ގޮތަކުން ފަތިހު ނުހޭލެވުނަސް ހޭލެވުނުހައި އަވަހަށް ފަތިސްނަމާދުގެ އިހުސުންނަތާއި ފަތިސްނަމާދުކޮށް ޛިކުރުތައް ކިޔަންވާނެ ކަމަށެވެ.
އެ ޛިކުރަކީ:
اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ (ޞާޙީޙުލް ބުޚާރީ)
މާނައީ: "އޭ ﷲ! އިބަ އިލާހީ މިއަޅާގެ ރައްބެވެ! އިބަ އިލާހު ފިޔަވާ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. މިއަޅާ ހެއްދެވީ އިބަ އިލާހެވެ. އަދި މިއަޅާއަކީ އިބަ އިލާހުގެ އަޅަކީމެވެ. އަދި މިއަޅާއަށް ކުޅަދާނަވީ މިންވަރަކުން މިއަޅާ މިހުރީ އިބަ އިލާހުގެ ޢަހުދުގެ މަތީގައެވެ. އަދި އިބަ އިލާހުގެ ވަޢުދުގެ މަތީގައެވެ. މިއަޅާއަށް ކުރެވިފައިވާ ކަންތައްތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް، މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން އެދިދަންނަވަމެވެ. މިއަޅާގެ މައްޗަށްވާ އިބަ އިލާހުގެ ނިޢުމަތަށް މިއަޅާ އިޢުތިރާފުވަމެވެ. އަދި މިއަޅާގެ ފާފަތަކަށްވެސް މިއަޅާ އިޢުތިރާފުވަމެވެ. ފަހެ މިއަޅާއަށް ފާފަފުއްސަވާނދޭވެ! އެހެނީ ހަމަކަށަވަރުން އިބަ އިލާހު ފިޔަވާ ފާފަފުއްސަވައިދެވޭނެ އެހެން ފަރާތެއް ނުވެއެވެ."