ކޮންމެ މުސްލިމަކުވެސް ރަމަޟާން މަސް ފެށުމުން ވީހާ ގިނައިން ޤުރްއާން ކިޔަވައި ވީހާ ގިނަ ޚަޠިމްކުރަން ބޭނުންވާނެއެވެ. ޤުރްއާނާއިއެކު ވީހާ ގިނަ ވަޤުތު ހޭދަކުރަން ބޭނުންވާނެއެވެ. ނަމަވެސް އެގޮތަށް އެކަން ކުރެވެނީ މަދު ބައަކަށެވެ. ގިނަ ބައަކަށް އޮންނަނީ ޚަޠީމެއްވެސް ނުކުރެވިފައެވެ.
އެގޮތަށް އެކަން މެދުވެރިވާ އެންމެ ބޮޑު އެއްސަބަބަކީ ރަމަޟާންމަހުގެ ކުރިން ޤުރްއާނާއި ގުޅުން ނުބެހެއްޓޭތީއެވެ. ނުކިޔެވޭތީއެވެ. ކޮންމެ ދުވަހަކުވެސް ޚަޠިމް ކުރުމުގެ ބޭނުމުގައި އެކަމަށް ނިޔަތް ގަނެގެން ކޮންމެވެސް މިންވަރެއް ކިޔަވާނަމަ ރަމަޟާންމަހު ގިނައިން ކިޔަވަން ފަސޭހަވެގެންދާނެއެވެ.
ކޮންމެއަކަސް އަހަރު ފެށި މަސްތައް ފާއިތުވަމުން އައިސް މިހާރު މިވަނީ ޝަޢްބާން މަސް ފެށިފައެވެ. ރަމަޟާން މަހަށް ފަށައިގަންނަން ދެން އޮތީ މަދު ދުވަސްކޮޅެކެވެ. ދެންވެސް އަވަހަށް ހޭލުންތެރިވެ މަސައްކަތް ފަށައިގަންނާށެވެ.
ތަޤްވާވެރި މާތް ބޭކަލުން ޝަޢްބާން މަސް ފެށުމުން ޤުރްއާން ކިޔެވުން ގިނަކުރައްވައެވެ. ޝަޢްބާން މަހު ވީހާ ގިނައިން ޤުރްއާން ކިޔެވުމަށް ސަމާލުކަން ދެއްވައެވެ. އެއީ ރަމަމާން މަހު ވީހާ ގިނައިން ކިޔަވަން ތައްޔާރުވުމަށްޓަކައެވެ. ޤުރްއާން ކިޔެވުމަށް ފަރިތަވުމަށްޓަކައެވެ. އެހެންވެ ބައެއް ބޭކަލުން ޝަޢްބާން މަހަށް ޤުރްއާން ކިޔެވުމުގެ މަހުގެ ނަމުން ނަންވެސް ވަނީ ދެއްވައިފައެވެ.
މިއީ ކޮންމެ މުސްލިމަކުވެސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ވީހާ ގިނައިން ޤުރްއާން ކިޔަވަން އަވަހަށް މަސައްކަތް ފަށާށެވެ. ރަމަޟާން މަސް އައިސް ބައްދަލުކުރުމުން ގިނައިން ކިޔެވޭނީ އެއިރުންނެވެ. ރަމަޟާންމަހު މަދުވެގެން 3 ޚަޠިމް ކުރަން މަސައްކަތްކުރާށެވެ. އެކަން ކުރެވޭނީ މިހާރުންސުރެ އެކަމަށް ތައްޔާރުވެގެންނެވެ.
- މަޢުލޫމާތު: ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން / މިއަދުނޫސް