ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކުރަން އޮތް އެންމެ މުހިންމުކަމަކީ ދިރިއުޅުމާއި ގުޅުންހުރި އެންމެންވެސް ގުޅިގެން ދިރިއުޅުން ކާމިޔާބުކުރަން އެއްވިސްނުމެއްގައި މަސައްކަތްކުރުމެވެ.
ކައިވެންޏަށްފަހު ފިރިމީހާއަކީ އިސްމީހާއެވެ. އެއިގެ މާނައަކީ އަނބިމީހާގެ މުހިންމުކަން ކުޑަވުމެއް ނޫނެވެ. އަނބިމީހާއަކީ އިސްމީހާއަށް މަގުދައްކައިދޭ މީހާއެވެ. ޙަޔާތުގެ މިސްރާބު ސީދާކުރެވިފަ ކާމިޔާބުކަމާއިއެކު ބާރަށް ކުރިއަށްދާނީ ދެމީހުން ގުޅިގެން މަސައްކަތްކޮށްފިނަމައެވެ.
ޔަޤީންކުރަންޖެހޭ ކަމަކީ ދެމަފިރިން ދެމަފިރިންގެ މަޤާމް އަދާނުކޮށް ދިރިއުޅުމުގައި ކުރިއަށް ނުދެވޭނެ ކަމެވެ. ކޮންމެވެސް ހިސާބަކުން ކަންކަން ގޯސްވެ ދިރިއުޅުން ބަނގުރޫޓުވެގެން ހިނގައިދާނެ ކަމެވެ.
ދެން ފާހަގަކޮށްމިލަނީ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ނަޞޭޙަތުގެ ބަސްކޮޅެކެވެ.
"އަނބިމީހާއަށް އަބަދުވެސް ޙައްޤު މަޤާމް އޮންނާނެއެވެ. ނަމަވެސް ﷲ ތައާލާ އަށާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ލޯބިކުރުމަށްފަހު ލޯބިކުރުމުގައި އެންމެ އިސްކަން ދޭން ޖެހޭނީ މަންމަ އަށެވެ.
ހަމައެފަދައިން އަނބިމީހާއަށްދޭންޖެހޭނެ ލޯތްބަކީވެސް ކުޑަލޯތްބަކަށްވެގެނެއް ނުވާނެއެވެ. އެންމެ މުހިންމު ކަމަކީ މަންމައަށް ދޭންޖެހޭ ލޯތްބާއި އަނބިމީހާއަށްދޭން ޖެހޭ ލޯބި އޮޅުވައިނުލުމެވެ. މައިވަންތަ ކަމުގެ ލޯތްބާއި ޢިޝްޤީ ލޯތްބަކީ މުޅިން ތަފާތު ދެ ލޯތްބެކެވެ. އެއީ މަސްހުނި ކުރުވޭނެ ދެ ލޯތްބެއް ނޫނެވެ.
މިޘާލަކަށް މަންމައަށް ދޭންޖެހޭ ލޯބީގައި އޮތީ މަންމައާއި އަޅާލައި ބެލެހެއްޓުމެވެ. ވެވުނުހައި ބޮޑަކަށް އެހީތެރިވުމެވެ. މިހެން ގޮސް މިފަދަ ކަންކަމެވެ. އަނބިމީހާއަށް ދޭންޖެހޭ ލޯބީގައިވެސް ހަމަ މިކަންކަންވެސް ހިމެނުނު ނަމަވެސް މުޅިންތަފާތު ބައިތަކެއް ހިމެނިގެންވާ ގޮތަށެވެ.
ޒަވާޖީ ޙަޔާތުގެ ދަތުރު ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދަން ބޭނުންނަމަ ސަމާލުކަންދޭން ޖެހޭނެ އެންމެ މުހިންމު ކަމަކީ މަންމައަށާއި އަނބިމީހާއަށްވެސް ލޯބި ދިނުމެވެ. އެދެމީޙުންނަށް ދޭންޖެހޭ ލޯބި މަސްހުނިނުކޮށް ލޯބިދިނުމެވެ. އެމީހަކަށް ދިނުން ޙައްޤު ލޯބި އެމީހަކަށް ދިނުމެވެ."
- އަލަފް / މިއަދުނޫސް