ދުނިޔޭގެ ދިރިއުޅުން ކާމިޔާބުކުރެވުމުގެ އިތުރުން ތިމާގެ އާޚިރަތް ކާމިޔާބުވުން ގުޅިފައިވަނީ އީމާންކަމާއި ތަޤްވާވެރިކަން އިތުރުކުރެވުނު މިންވަރެއްގެ މައްޗަށެވެ. އެހެންވެ އަހުރެމެންނަށް އޮތީ އީމާންކަމާއި ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. އަދި އެމަސައްކަތުގައި ދެމހުރުމެވެ.
ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ތިބާ ކުޑަކުޑަ ގަހެއް އިންދީއެވެ. ތިބާ މަހަކު އެއްފަހަރު އެގަސްބުޑަށް ފެންބާލިދީއެއް އޮއްސައިލުމަކީ ގަހަށް ފެންދިނުން ކަމަކަށް ނުވާނެއެވެ. އެކަމުން ގަހަށް ފެންދިނުމުން ކުރާނެ ފައިދާއެއް ނުކުރާނެއެވެ. ބޮޑަށް ގާތީ އެގަސް ނުހެދި މަރުވުމެވެ. އެއިގެ ބަދަލުގައި ކޮންމެ ދުވަހަކު އެންމެ ފެންޖޯޑެއް ގަސްބުޑަށް އަޅާނަމަ އެކަމުގެ ފައިދާކުރާނެއެވެ. ގަސްހެދުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.
އީމާންކަމާއި ތަޤްވާވެރިކަން އިތުރުކުރަން ކުރާ މަސައްކަތުގައިވެސް އޮތީ ހަމަ މިގޮތެވެ. އެއީ ހިތަށް އެރި ދުވަހަކު މަސައްކަތްކޮށްގެން ކާމިޔާބު ކުރެވެން އޮތްކަމެއް ނޫނެވެ. އެކަމަށް ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަންޖެހެއެވެ.
ކުރަން އޮތް މަސައްކަތަކީ ތިމާއާއި ﷲ ތަޢާލާ އާއިދެމެދުގައި ގުޅުން ބަދަހިވެ ވަރުގަދަވާނެ ކަންކަމެވެ. ކިތަންމެ ކުޑަ ޢަމަލެއް ނަމަވެސް ޤަވާއިދުން ކޮންމެ ދުވަހަކު ކުރަމުން ގެންދާށެވެ. އެއިރުން ތިބާ ހިމެނިގެންދާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާ އަޅުންގެ ތެރެއިންނެވެ.
އެފަދަ އަޅަކަށްވެވުމުން ކުރާނެ އެންމެ ބޮޑު އެއްފައިދާއަކީ ހާސްވުމާއި ކަންބޮޑުވުންތަކުން ސަލާމްތަވެ ހުރެވުމެވެ. އެންޒައިޓީން ސަލާމަތްވެ ހުރެވުމެވެ. ވިސްނަން ނުޖެހޭ ކަންކަމަށް ވިސްނުމުން ސަލާމަތްވެވިގެން ހުރެވުމެވެ. އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ ކޮންމެ ދުވަހަކު ޤަވާޢިދުކޮށް ކުރާ އަޅުކަމުގެ ސަބަބުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން / މިއަދުނޫސް