ހުކުރު ޚުޠުބާ: ޝަޢުބާން މަހުގެ މާތްކަމާ މިމަހު ކުރެވޭ ހެޔޮ ޢަމަލުތައް!

މިއަދު
ކިޔުމަށް ހޭދަވާނީ 10މ 13ސ
ހުކުރު ޚުޠުބާ: ޝަޢުބާން މަހުގެ މާތްކަމާ މިމަހު ކުރެވޭ ހެޔޮ ޢަމަލުތައް!

އަހަރެމެން ވޭތުކުރަމުން މިދާ ޝަޢުބާން މަހަކީ، މައްސަރުތަކުގެ ތެރެއިން ޚާއްޞަ މަހެކެވެ. މިއީ ރަމަޟާން މަހަށް މަރުޙަބާކިޔާން ތައްޔާރުވަމުން އަންނަ މަހެވެ. ފަހެ ތިޔަބައިމީހުން މި މަހު، ރޯދައާ ބެހޭ ޙުކުމްތައް އުނގެނި، ރަމަޟާންމަހުގެ ރޯދަހިފުމަށް ތައްޔާރުވާށެވެ! އަދި މި މަހު، ތިޔަބައިމީހުން ހެޔޮ ޢަމަލުކުރުން ގިނަކޮށް، އަޅުކަމަށް ފަރުވާބަހައްޓައި ހީވާގިވާށެވެ!

މި މަހަކީ ގިނަގުނަ ޘަވާބާއި މަތިވެރި ދަރުމަލިބުމުގެ އިތުރަށް ރަމަޟާންމަހަށް ތައްޔާރުވެ، ރޯދަހިފާން ތަމްރީނުވާ މަސްކަމުގައި ދަންނާށެވެ! أُسَامَةُ بْنُ زَيْدٍ رَضِيَ اللهُ عَنْهُمَا ގެ އަރިހުން ރިވާވެގެން ވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. (قُلْتُ: يَا رَسُوْلَ اللهِ، لَـمْ أَرَكَ تَصُوْمُ شَهْرًا مِنَ الشُّهُوْرِ مَا تَصُوْمُ مِنْ شَعْبَانَ؟ قاَلَ: ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ، وَهُوَ شَهْرٌ تُرْفَعُ فِيْهِ الْأَعْمَالُ إِلَى رَبِّ الْعَالَـمِيْنَ، فَأُحِبُّ أَنْ يُرْفَعَ عَمَلِيْ وَأَنَا صَائِمٌ)[1]

މާނައީ: "ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! ޝަޢުބާންމަހުގައި ކަލޭގެފާނު (ސުންނަތް) ރޯދަ ހިއްޕަވާ މިންވަރަށް އެހެން މަސްމަހުގައި ކަލޭގެފާނު (ސުންނަތް) ރޯދަހިއްޕަވާތީ ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ." އެ ކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެއީ ރަޖަބުމަހާއި ރަމަޟާންމަހާ ދެމެދުގައި އަންނަ، މީސްތަކުން އެ މަހަކާ މެދު ޣާފިލުވެގެންވާ މަހެކެވެ. އެއީ އެ މަހެއްގައި ޢާލަމުތަކުގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް ޢަމަލުތައް އުފުއްލެވޭ މަހެކެވެ. އެހެންވެ، ތިމަންކަލޭގެފާނު ރޯދަފުޅަށް ހުންނަވަނިކޮށް، ތިމަންކަލޭގެފާނުގެ ޢަމަލުފުޅު މާތް ﷲ ގެ ޙަޟުރަތަށް އުފުއްލެވުމަށް ތިމަންކަލޭގެފާނުގެ ލޯބިފުޅުކުރައްވަމެވެ."

ހަމަ އެ ފަދައިން أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللهُ عَنْهَا ގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. "މާތް ނަބިއްޔާ ﷺ، ޝަޢުބާންމަހަށް ވުރެ ގިނައިން (ސުންނަތް) ރޯދަހިއްޕަވާ އެހެން މައްސަރެއް ނުވެއެވެ. އެ މަހުގައި (ރޯދަފުޅުހިއްޕަވާލެއް ގިނަކަމުން) މުޅި މައްސަރުގައި ރޯދަފުޅުހިއްޕަވާ ފަދައެވެ. އަދި މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވާކަމުގައި ވިއެވެ. "ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައް ކުރާށެވެ! ފަހެ ތިޔަބައިމީހުން ހީވާގިކަމާ އެކު ހެޔޮ ޢަމަލުކުރުމުގައި ދެމިތިބިހައި ހިނދަކު، މާތް الله ތިޔަބައިމީހުންނަށް ދަރުމަދެއްވުމުގައި ދެމިވޮޑިގެންވާނެތެވެ."[2]

މާތް ނަބިއްޔާ ﷺ، ޝަޢުބާން މަހު، ހެޔޮ ޢަމަލުކުރެއްވުން ގިނަކުރެއްވިއެވެ. ސުންނަތް ރޯދަ ހިއްޕެވުމާއި، ސުންނަތް ނަމާދުކުރެއްވުމާއި އެހެނިހެން ހެޔޮ ޢަމަލުތަކެވެ. ނަމަވެސް ހެޔޮ ޢަމަލުކުރުމުގައި، ކީރިތި ރަސޫލާ ﷺ އިރުޝާދުދެއްވައިފައިވާ މިންގަނޑެއް ވެއެވެ. އެއީ މަދުން ނަމަވެސް އެ ކަމުގައި ދެމިހުރުމެވެ. ބައެއް މީހުން އެ މީހުންނަށް ދާއިމީ ގޮތެއްގައި ކުރާން ދަތިވާ މިންވަރަށް ބައެއް ހެޔޮ ޢަމަލުކުރާން ފަށައެވެ. ދުވަސްކޮޅަކުން އެ ކަން ބުރަކަމަކަށްވެ، އެ ޢަމަލުކުރުން ދޫކޮށްލައެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. ކީރިތި ރަސޫލާ ﷺއާ ސުވާލުދެންނެވުނެވެ. (أَيُّ الْأَعْمَالِ أَحَبُّ إِلَى اللهِ؟) މާތް الله ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (أَدْوَمُهَا وَإِنْ قَلَّ)[3] މާނައީ: "ކިތަންމެ މަދުން ނަމަވެސް އެ ޢަމަލެއްކުރުމުގައި ދެމިހުންނަ ޢަމަލެވެ."

މުސްލިމެއްގެ ޙަޔާތުގައި ކުރާ ހުރިހައި ޢަމަލުތަކެއް ވެސް ކީރިތި ރަސޫލާ ﷺ ގެ ސުންނަތާ އެއް ގޮތަށް ކޮށް، އެކަލޭގެފާނުގެ މަތިވެރި ސުންނަތް ދިރުވުމަކީ މުހިންމު ކަމެކެވެ. އެ ގޮތުން އެކި މަސްމަހު އެކަލޭގެފާނު ކުރެއްވި އަޅުކަން ދެނެގަނެ، ކުޅަދާނަވީ ވަރަކުން އެ ފަދައިން އަޅުކަންކޮށް، އެކަލޭގެފާނާ އިޤުތިދާވުމަކީ މުސްލިމުން އިސްކަންދޭންޖެހޭނޭ ކަމެކެވެ. އެކަލޭގެފާނަކީ މުސްލިމުންގެ ނަމޫނާއެވެ.

މުސްލިމް އަޚުންނޭވެ! ޝަޢުބާން މަހުގެ ފަނަރަ ވިލޭރޭގެ މާތްކަމާ ބެހޭ ގޮތުން ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (إِذَا كَانَ لَيْلَةَ النِّصْفِ مِنْ شَعْبَانَ اِطَّلَعَ اللهُ إِلَى خَلْقِهِ، فَيَغْفِرُ لِلْمُؤْمِنِيْنَ، وَيُـمْلِيْ لِلْكَافِرِيْنَ، وَيَدَعُ أَهْلَ الْـحِقْدِ بِـحِقْدِهِمْ حَتَّى يَدَعُوْهُ)[4] މާނައީ: "ޝަޢުބާންމަހުގެ ފަނަރަވިލޭރޭ، اللهُ تَعَالَى، ފާފަފުއްސެވުމާއިގެން އެކަލާނގެ އަޅުތަކުންނާ ކުރިމަތިލައްވާހުއްޓެވެ. ދެން މުއުމިނުންގެ ފާފަފުއްސަވައި، ކާފިރުންނަށް މުހުލަތުދެއްވާހުށްޓެވެ. އަދި މީސްތަކުންނާ މެދު ޙަސަދަވެރިވެ ހިތުގައި ނުނިޔަތްލާ މީހުން އެ ކަން ދޫކޮށްފުމަށް ދާންދެން އެ ގޮތުގައި ދޫކޮށްލައްވާހުށްޓެވެ." ނަމަވެސް އެ ރެއަށް ޚާއްޞަ ވަކި ނަމާދެއް ކުރާންޖެހޭކަމަށް، ނުވަތަ ވަކި ޚާއްޞަ ދުޢާއެއް ކުރާންޖެހޭކަމަށް ޞައްޙަ ސަނަދުން އައިސްފައިވާ އެއްވެސް ރިވާޔަތެއް ނުވެއެވެ.

ރަމަޟާންމަސް އައިސް ކުޑަތަންވުމުން ރޯދައާ ބެހޭ ޙުކުމްތައް އުނގެނި ދަސްކުރާށެވެ! ހާރުކެއުމާއި، ރޯދަވީއްލުމާއި، އެ ދެމެދުގައި ރޯދަވެރިއާ ޢަމަލުތައް ބަހައްޓާންވީ ގޮތް ދަސްކުރާށެވެ! ރޯދަ ގެއްލޭ ގޮތްތަކާއި، ގެއްލޭ ރޯދަ ޤަޟާކުރުމުގެ ޙުކުމްތަކާއި، ފިދުޔަދޭން ޖެހޭ ޙާލަތްތަކާއި އޭގެ މިންވަރުތައް ދަސްކުރާށެވެ! ބަލިމީހުންނާއި ޢުޛުރުވެރީން، ރޯދަ ދޫކޮށްލުން ހުއްދަވާ ޙާލަތްތަކާއި އެ ނޫން ޙާލަތްތައް ދެނެގަންނާށެވެ! އަދި ތިޔަބައިމީހުންގެ އަނބިދަރީންނަށް އެ ޙުކުމްތައް ދަސްކޮށްދޭށެވެ! ރޯދައަށް ތައްޔާރުވުމުގެ ގޮތުން ރޯދަމަސް ފެށޭން އެއް ދުވަސް ނުވަތަ ދެ ދުވަހަށް ވީމާ ރޯދަހިފުމެއް ނެތެވެ. ނަމަވެސް އާދަވެ ސުންނަތް ރޯދަ ހިފަމުން އަންނަ މީހަކު، ނުވަތަ ވާޖިބު ރޯދައެއްހިފާންޖެހިފައިވާ މީހަކު އެ ދުވަސްތަކުގައި ރޯދައަށް ހުރުމަކީ، ހުއްދަކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (لَا تَقَدَّمُوْا رَمَضَانَ بِصَوْمِ يَوْمٍ وَلَا يَوْمَيْنِ إِلَّا رَجُلٌ كَانَ يَصُوْمُ صَوْمَهُ فَلْيَصُمْهُ)[5]

މާނައީ: "ރަމަޟާންމަސް ފެށުމުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރީން ތިޔަބައިމީހުން ރޯދަނުހިފާހުށިކަމެވެ. ނަމަވެސް އާދަވެގެން ރޯދަހިފަމުން އަންނަ މީހާ އެ ދުވަސްތަކުގައި ރޯދަހިފާހުށިކަމެވެ." މި ބަސްފުޅުގެ މުރާދަކީ، ހޯމަ ބުރާސްފަތީގައި ރޯދަ ހިފާން އާދަވެފައިވާ މީހާ ޝަޢުބާންމަހުގެ ތިރީސްވަނަ ދުވަހާ އެއިން ދުވަހެއް ދިމާވިޔަސް އެ ދުވަހު ރޯދައަށް ހުރުކަމީ ހުއްދަކަމެކެވެ.

ޝަޢުބާންމަހަކީ ކަޢުބަތު ގެފުޅަށް މުސްލިމުންގެ ޤިބުލަ ބަދަލުވީ މަސްކަމަށް ގިނަ ޢިލްމުވެރީން ވިދާޅުވެއެވެ. އޭގެ ކުރީން މުސްލިމުންގެ ޤިބުލައަކީ އަލްމަސްޖިދުލްއަޤްޞާއެވެ. އަލްމަސްޖިދުލްޙަރާމަށް ޤިބުލަ ބަދަލުވުމަކީ، ލޮބުވެތި ރަސޫލާ ﷺ ގެ ވަރަށް ބޮޑު އުންމީދުފުޅެއްކަން އަންނިވި ވަޙީބަސްފުޅުން އެނގެއެވެ.  

މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އުޑާ ދިމާއަށް މަތި ބައްލަވައިގެން ހުންނަވައި، ކަލޭގެފާނުގެ މޫނުފުޅު އެފުށް މިފުށަށް އަނބުރުއްވާ ތަން ތިމަންރަސްކަލާނގެ ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ. ފަހެ، ކަލޭގެފާނު ރުހިވަޑައިގަންނަވާނޭ ޤިބުލައަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިމަތިކުރައްވާހުށީމެވެ. ފަހެ، ޙުރުމަތްތެރި ވެގެންވާ މިސްކިތާ (އެބަހީ: ކަޢުބަތުالله ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ! އަދި ތިޔަބައިމީހުން ތިބި ކޮންމެތަނެއްގައިމެ، އެ ފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ!"   

ވޭތުވެ ދިޔަ އަހަރުތަކުގައި ޤަޟާނުކުރެވި ހުރި ފަރުޟު ރޯދައެއް ވާ ނަމަ، އެ ރޯދަތައް ޤަޟާކުރުމަށް އަވަސްވެގަންނާށެވެ! ރަމަޟާންމަހުގެ ރޯދައާއި އަޅުކަމަށް، ވަގުތު ދެވޭ ގޮތަށް، މަސައްކަތާއި ވަގުތު ރާވައިލާށެވެ! ރަމަޟާންމަހަކީ، އިސްރާފުކުރުން ގިނަ މަހަކަށް ނުހަދާށެވެ! ވިޔަފާރިވެރީން ދީލަތިވެ، ރޯދައިގެ އިތުރަށް، ވިޔަފާރިއަކީ ވެސް ގިނަގުނަ ޘަވާބާއި ދަރުމަ ލިބޭ ވަސީލަތަކަށް ހަދާށެވެ! ރޯދަމަހު ޞަދަޤާތްކުރުމަށް މިހާރުން ފެށިގެން ނިޔަތްގަންނާށެވެ! ރޯދައިގެ ޘަވާބާއި ދަރުމަ ފުރިހަމައަށް ލިބޭނީ، ދުލާއި އެހެނިހެން ގުނަވަންތައް އުރެދުމުން ރައްކާތެރިކޮށްގެންނެވެ. ރޯދަވެރިޔާ ހުތުރު ބަހުން ވާހަކަދެއްކުމާއި، ޒުވާބުކުރުމާ ވެސް ދުރުހެލިވާން ޖެހޭނޭކަން ދަންނާށެވެ!

ރަމަޟާންމަހަކީ، ކީރިތި ޤުރުއާނުގެ މަހެވެ. އެ މަހަކީ ގިނަގިނައިން ކީރިތި ޤުރްއާން ކިޔަވާ މަހަކަށް ހަދާށެވެ! ތިބާގެ ހުރިހައި ޢަމަލުތަކެއް ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާ ﷺ ގެ ސުންނަތާ އެއް ގޮތަށް ބައްޓަންކުރާށެވެ! ރޯދަމަހަކީ ގިނަގުނަ ދީނީ ދަރުސްތައް ދެވޭ މަހެކެވެ. އެ ދަރުސްތަކަށް ވަގުތު ހުސްކުރާށެވެ! އެ ދަރުސްތައް އަޑުއަހައި، ދީނުގެ ޙުކުމްތައް އޮޅުންފިލުވާށެވެ! އެހެނީ އިންސާނުންނަކީ އަބަދާއިއަބަދު ހަނދާން އާކުރުމަށް ބޭނުންވާ ބަޔެކެވެ. 

 

މިއަދު އޮންލައިން