އަހަރެމެންގެ ބޭނުންތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީވެސް ﷲ ތަޢާލާއެވެ. އެކަމެއް ފުއްދަވައި ދެއްވެވުން އެންމެ ރަނގަޅު ވަގުތުވެސް ދެނެވޮޑިގެންވަނީވެސް ހަމަ ﷲ ތަޢާލާއެވެ. އެކަމަށް ﷲ ތަޢާލާއަށް އިތުބާރުކުރާ މީހާ މާޔޫސްވާކަށް ދުވަހަކުވެސް ނުޖެހޭނެއެވެ. އިން ޝާ ﷲ
ކޮންމެ މުސްލިމަކުވެސް ހިތުގެ އެންމެ އަޑިން ޤަބޫލުކުރާށެވެ! އިޚްލާސްތެރި އަޅަކު އިޚްލާޞްތެރިކަމާއިއެކު ދުޢާކުރުމުން ދުޢާ ޢިޖާބަކުރެއްވެވުން ލަސްވާ ކޮންމެ ލަސްވުމެއްގެ ފަހަތުގައި ވަނީ އިތުރު ކާމިޔާބީއެވެ. ހެޔޮ ގޮތްތަކެވެ. ހެޔޮ ގޮތެއް މިންވަރު ކުރައްވަވަން މެނުވީ އިޚްލާޞްތެރި މުސްލިމުންގެ ދުޢާ ﷲ ތަޢާލާ ލަހެއް ނުކުރައްވަވާނެތެވެ.
ކަމަކަށް ބޭނުންވެއްޖެ ނަމަ އެކަމެއް ވީހައި އަވަހަކަށް ޙާޞިލުވުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެކަމަށް އެދޭނެއެވެ. އެދެވޭނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ބޭނުންވާ ކަންކަން އަވަހަށް ޙާޞިލްވުމަށް އެދެވުމަކީ އިންސާނުންގެ ޠަބީޢަތުގައިވާ ކަމެކެވެ. އެހެންކަމުން އެދޭ ބޭނުން ޙާޞިލު ނުވެ ލަސްވާ ކޮންމެ ހިނދުކޮޅަކީ ކަންބޮޑުވުން އިތުރުވާ ވަގުތުކޮޅެކެވެ.
ޔަޤީންކުރާށެވެ! އިޚްލާޞްތެރިކަމާއިއެކު ކުރާ ކޮންމެ ދުޢާއެއް ﷲ ތަޢާލާ ވަގުތުން އައްސަވައިވޮޑިގެންވެއެވެ. އަދި އެއްވެސް މީހަކު ކުރާ އެއްވެސް ދުޢާއެއް ﷲ ތަޢާލާ ހަނދުމަފުޅުނެތި ނުކުރައްވަވާނެތެވެ. އެމީހާގެ ބޭނުން ފުއްދަވައިދެއްވަވާނެތެވެ. ނަމަވެސް ޤަބޫލުކޮށް ކެތްތެރިވާންޖެހެނީ ކޮންމެ ކަމަކީ ވަގުތުން ހިްމަވައިދެއްވަވާނެ ކަންކަން ކަމުގައި ނުވާތީއެވެ. ބައެއް ކަންކަން އާޚިރަތުގައިވެސް ހިންމަވައި ދެއްވަވަތެވެ. ޙަޤީޤަތުގައި އެންމެ ފައިދާބޮޑު ގޮތަކީވެސް އެއީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން