އަޅުގަނޑުގެ އަނބިމީހާއަށް އަބަދުހެން އުޅެންޖެހެނީ ބަލިވެއެވެ. ގިނަފަހަރަށް ވަނީ ގޮތްނުއެނގޭ އުނދަގޫތަކެކެވެ. ޑޮކްޓަރުންނަކަށް ބައްޔެއް ނުއެނގެއެވެ. ދޭބޭހަކުން ފައިދާއެއް ނުކުރެއެވެ. ޙައްލަކީ ކޮބައިތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއައީ ވަރަށް ގިނައިން މެދުވެރިވާ ޙާލަތެއް ކަމަށެވެ. އެހެންކަމުން އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ.
މިހާރަކަށް އައިސް ގޮތް ނުއެނގޭ އުނދަގޫތައް ކުރިމަތިވާ އަންހެނުން ގިނަވާކަން ފާހަގަކުރެވެއެވެ. ޓެސްޓްތައް ހެދިނަމަވެސް އެމީހުންގެ ބަލި ޑޮކްޓަރުންނަށް އެނގޭކަމަކަށް ނުވެއެވެ. އެހެންވެ ނިކަން ފަސޭހައިން ނަފްސާނީ ބަލީގެ ބޭސްކާންދެއެވެ. ބޭސް ބޭނުންކުރި ނަމަވެސް ކުރާ ފައިދާއެއް އޮންނަ ކަމަކަށް ނުވެއެވެ.
މިޙާލަތުގައި ރުޤްޔާކުރުމުން ގިނަބައަކަށް ޝިފާލިބެއެވެ. މިއުޅެނީ މިފަދަ ކަންކަން ކޮންމެ މީހަކަށް މެދުވެރިވަނީ ޖިންނިގެ ފަރާތުން ކަމަށް ބުނާކަށް ނޫނެވެ. ނަމަވެސް އެއީވެސް އޮތް މައްސަލައެއްކަން ފާހަގަކުރަން ބޭނުންވެއެވެ.
ޖިންނީގެ ނުރައްކާ އެންމެންނަށްވެސް އެބަ އޮތެވެ. ނަމަވެސް އަންހެނުންނަށް އެ ނުރައްކާ ބޮޑުވެގެންދެއެވެ. ވީމާ އެނގިހުރި މިންވަރުން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ޤަބޫލު ނުކުރި ނަމަވެސް އަހަރެމެންގެ ތެރޭގައި ޖިންނި ހަމަ އަހަރެމެން ފަދައިން އެބަ އުޅެއެވެ. ބައެއް މީހުންނަށް ޖިންނީގެ ކިބައިން ރަނގަޅުކަންތައްތައް ވެސް މެދުވެރިވެފައި އެބަހުއްޓެވެ. ނަމަވެސް ގިނަ މީހުންނަށް ކުރިމަތިވެފައިވަނީ މުޞީބާތްތަކެވެ. ޚާއްޞަކޮށް އަންހެނުންނަށެވެ. އަންހެނުންނަށް ގިނައިން މުޞީބާތްތައް ކުރިމަތިވަނީ ޖިންނިންނަށް އަންހެނާ ފެނިގެން ޖިންނި އެއަންހެނަކު ދެކެ ލޯބިވުމުންނެވެ.
މިއީ ހިނގަމުންދާ ކަމެކެވެ. ހަމަ މިހާރުވެސް މިފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ. ޖިންނިއަކު އަންހެންކު ދެކެ ލޯބިވެއްޖެނަމަ ނިކަން ފަސޭހައިން ހިތް ދަމައިގަންނާނެއެވެ. ސަބަބަކީ ފެންނާނީ އަންހެން މީހާ އެންމެ ރުހޭ، ބޭނުންވާ ސިފައިގައި ކަމެވެ. އިންސާނުންގެ ހިތުގައިވާ ކަންކަން ނުވަތަ ބޭނުންވާ ކަންކަން ދެނެގަތުމުގެ ބާރު ޖިންނިއަށް ލިބިގެންވެއެވެ. އެހެންކަމުން އަންހެން މީހާއަށް ބޭނުންވާ އެންމެ ފިރިހަމަ ސިފަ ދެނެގަނެއެވެ. އަދި ސިފަ ބަދަލުކުރުމުގެ ބާރު ﷲ ތަޢާލާ ޖިންނިންނަށް ދެއްވަވާފައިވުމުން އެ ސިފައެއްގައި ހުރުމުގެ ކުޅަދާނަކަން ޖިންނިންނަށް ލިބިގެންވެއެވެ.
ގިނަ ފަހަރު ލޯބިވެގެން މިއުޅެވެނީ އިންސާނަކާއި ނޫންކަން އެނގެނީ އެތައް ދުވަހެއް ފާއިތުވާފަހުންނެވެ. އެއިރު ލޯބީގެ ގުޅުން އޮންނަނީ އިންތިހާއަށް ބަދަހިވެފައެވެ. އެމީހަކު ބޭނުންވާ ހުރިހާ ސިފަތަކެއް ހުރި މީހަކު ދެކެ ލޯބިވެވިއްޖެނަމަ އެމީހަކާއި ދުރުވުމަކީ އެހައި ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން އެއީ ޖިންނިއެއް ނަމަވެސް ވަކިވާން އޮންނަނީ ބޭނުން ނުވެވިފައެވެ. އެހާލަތުގައި ރުޤްޔާކޮށްގެންވެސް ކަންކަން ޙައްލުކުރުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ.
އަދިވެސް އެއް ކަންތައް ފާހަގަކޮށްލާނަމެވެ. އެއީ މިހާރަކަށް އައިސް އެއްވެސް ބިރެއްނެތި ހާމަ ތަންތަނުގައި އަންހެނުންނާއި ފިރިހެނުން ޝަހުވާނީ ޢަމަލުތައް އެބަކުރެއެވެ. ކިތަންމެ ފިލައިތިބެގެން އެކަންކުރިނަމަވެސް ޖިންނިއަށް އެމަންޒަރު ފެނެއެވެ. އަންހެނާގެ އައުރަ ފެނުމުން އޭނާ އާއި ބެހިގަންނަން ޖިންނި ދަހިވެތިވެއެވެ. އަދި ޖުނުބުވެރި ޙާލަތުގައި ހުންނައިރު އަތުލައިގަންނަން ފަސޭހަވެސްވެއެވެ. ވީމާ މިއީވެސް ވަރަށް ބޮޑަސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.
ލޮބުވެތި ކަނބަލުންނޭވެ.! މިހާލަތުން ސަލާމަތްވާން އަންހެނުން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ގެއިން ނުކުންނައިރު އާއި ގެއިން ބޭރުގައި އުޅޭއިރު ކިޔަން ޖެހޭ ޛިކްރްތައް ކިޔުމެވެ. ޚާއްޞަކޮށް އިސްލާމް ދީނުގައި އަންހެނުން ފޭރާންލާން އަންގަވާފައިވާ ގޮތަށް ފޭރާން ލުމެވެ. ނިވާކުރަންޖެހޭ މިންވަރަށް ނިވާކޮށްގެން އުޅުމެވެ.
- ޝައިޚް އަބޫ އިބްރާހީމް ޙުސައިންގެ ދަރުސަކުން