އަހުރެންނަކީވެސް ސުވަރުގެ ވަންނަން ބޭނުންވާ މީހަކު ކަމަށް ބުނުމަކުން ނުފުދޭނެއެވެ. ސުވަރުގެއާއި ހަމައަށް ދެވެވެން އެބަޖެހެއެވެ. ސުވަރުގޭގެ ދޮރުކޮޅަކުން ވަންނަން އެބަޖެހެއެވެ. އެހެންވީމާ މިކަންކަމަށް ވިސްނައިލާށެވެ. ވިސްނައި ޢަމަލުކޮށްފި މީހަކު ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ
ތިމާގެ އަމިއްލަ ގެއެއް ހުރިނަމަވެސް އެގެއަކަށް ވަދެވޭނީ ދޮރުހުޅުވައިގެންނެވެ. ތަޅުލާފައިވާ ދޮރެއްނަމަ ތަޅުހުޅުވަންޖެހޭނެއެވެ. ތަޅުހުޅުވަން ތަޅުދަނޑިއެއް ބޭނުންވާނެއެވެ. އެގޮތުން ކޮންމެ ތަޅަކަށްވެސް ޚާއްޞަ ތަޅުދަނޑިއެއްވެއެވެ.
އާޚިރަތް ދުވަހަށް ބަލައިފިނަމަ ސުވަރުގެ ވަދެވޭނީ ސުވަރުގޭގެ ދޮރުކޮޅަކުންނެވެ. އެދޮރުކޮޅުން ވަދެވޭނީ އެމީހާގެ ފާފަތައް ފުއްސަވައިދެއްވަވާފައިވާނަމައެވެ. ވީމާ ސުވަރުގެ ވަނުމުގެ ވަނުމުގެ ތަޅުދަނޑިއަކީ ފާފަތައް ފުއްސަވާދެއްވަވައި ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށްވެވުމެވެ.
ވީމާ އަހަރެމެން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ފުރިހަމަގޮތުގައި އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކޮށް ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ގިނަގިނައިން ދެންނެވުމެވެ. އެކަން މަދުވެގެން ކޮންމެ ދުވަހަކު ކުރަންޖެހޭ ޢަދަދުވެސް ސުންނަތުން ފެންނަން އެބައޮތެވެ. ރަސޫލް ﷺ ކޮންމެ ދުވަހަކު މަދުވެގެން 70 – 100 ފަހަރު އަސްތްޣްފާރުކުރައްވަވާފައި ވުމުންނެވެ. އެއީ އިތުރުއެކަލޭގެފާނުގެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައިދެއްވަވާފައިވުމާއިވެސް އެކުގައެވެ. އަހަރެމެން އެކަންކުރަންޖެހޭނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ.
ވީމާ އަހަރެމެން ކޮންމެ މީހަކީވެސް މަދުވެގެން ދުވާލަކު 100 ފަހަރު ﷲ ތަޢާލާއަށް ދަންނަވަން ޖެހޭ މީހެކެވެ. ކޮންކަމަކަށް އެދިހެއްޔެވެ؟ ފާފަތައް ފުއްސަވައި ދެއްވެވުން އެދިއެވެ. އަސްތަޣްފާރުކުރުން މިކިޔަނީ ފާފަފުއްސަވައިދެއްވެވުން އެދި ދެންނެވުމަށެވެ.
ﷲ ތަޢާލާގެ ދީލަތިވަންތަކަން ނިކަން ވިސްނައިބަލާށެވެ. ރޭގަނޑު ކުރެވޭ ފާފަތަކަށް ތައުބާއަށް އެދޭ މީހާގެ ފާފަތައް ދުވާލުވުމުން ފުއްސަވައި ދެއްވަވައެވެ. ދުވާލުކުރެވޭ ފާފަތަކަށް ތައުބާވުމުން ރޭގަނޑުވުމުން އެބަ ފުއްސަވައި ދެއްވަވައެވެ. ނުވަތަ އިރާދަކުރައްވަވައިފި އަޅަކަށް ވަގުތުން ވެސް ފުއްސަވައި ދެއްވަވައެވެ.
ފާފަތައް ފުއްސަވައި ދެއްވެވުމުގައި ﷲ ތަޢާލާ މިހައިވަރަށް ދީލަތިވެވޮޑުގެންވާއިރު އަހަރެމެންގެ ޖާހިލުކަން ބޮޑުކަމުން މިއުޅެނީ 24 ގަޑިއިރުތެރޭ އެންމެ 100 ފަހަރު (އަސްތަޣްފިރުﷲ) ކިޔައި ނުލެވިގެންނެވެ. މިކަމަށް 5 މިނިޓްވެސް ނުނަގާނެއެވެ. އެވަރުންވެސް އެވަރު ވެސް ކޮށެއް ނުލެވެއެވެ. އަހަރެމެންގެ ބިޒީކަން ބޮޑުވެގެންގޮސް ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްލުމަށްޓަކައި އެވަރުގެ ވަގުތުކޮޅެއްވެސް ހުސްކޮށްލެވެން ނުއޮންނަނީއެވެ.
މީސްތަކުންނޭވެ! (އަސްތަޣްފިރުﷲ) ކިޔުން މިއަދު މިވަނީ ގެއްލިގެން ގޮސްފައެވެ. ނަމަވެސް އެއީ ރަސޫލް (ﷺ) ކޮންމެ ދުވަހަކު ކުރެއްވެވި ކަމެކެވެ. ބައެއް ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި މަދުވެގެން ދުވާލަކު 70 ފަހަރުއެވެ. އަނެއްބައި ބޭކަލުންގެ އަރިއަހުން ދުވާލަކު މަދުވެގެން 100 ފަހަރު ކަމަށްވެސް އައިސްފައި އެބަހުއްޓެވެ. އެހެންކަމުން ބަހުސް ކުރަންވީ 100 ފަހަރުތޯ ނުވަތަ 70 ފަހަރުތޯއެއް ނޫނެވެ. ކުރަންވީ ކަމަކީ ގިނަ އަދަދަށް ބުރަވެ މަދުވެގެން ދުވާލަކު 100 ފަހަރު (އަސްތަޣްފިރުﷲ) ކިޔައި ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުމަށް އެދެންވީއެވެ. ކެރިކުޅަދާނަވާނަމަ އެއަށްވުރެވެސް ގިނަކުރުމެވެ.
އަހަރެމެން ދުވާލަކު 1 މިލިއަން ފަހަރު ކިޔުމަކުން އަދި އެންމެ ފަހަރަކު ނުކިޔުމަކުން ﷲ ތަޢާލާއަށް އެއްވެސް ތަފާތުކަމެއް، އުނި އިތުރެއް ނުވެއެވެ. ގިނައިން ކިޔައި ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދުނުވަރަކުން އެކަމުގެ ފައިދާކުރާނީ ހަމަ އެކަން ކުރި މީހަކަށެވެ.
އަހަރެމެން މީހަކަށް 10 ޑޮލަރު ނުވަތަ އެމީހަކު ބޭނުން ވަރަކަށް ޞަދަޤާތް ކުރުމުން ﷲ ތަޢާލާއަށް ކުރާނެ އެއްވެސް މަންފާއެއް އޮންނާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ ﷲ ތައާލާ ވަނީ ހުރިހާ ކަމަކުން ފުދިވޮޑިގެންނެވެ. އެއްވެސް އެހެން ފަރާތަކުން އެއްވެސް ކަމަކަށް ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ. އިޚްލާޞް ސޫރަތުގެ 2 ވަނަ އާޔަތް ކިޔައިބަލާށެވެ. "ﷲއީ، އެންމެހައި ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނެގެ އެވެ." އޮތުމުން ވެސް މިކަން ޤަބޫލު ނުކުރެވެނީ ހެއްޔެވެ؟
މީސްތަކުންނޭވެ! އެމީހަކަށް ކުރެވެން އޮތްވަރަކުން ގިނަގިނައިން ޞަދަޤާތް ކުރަންވީ ހަމަ އެމީހެއްގެ އަމިއްލަ ނަފްސަށްޓަކައެވެ. އާޚިރަތް ދުވަހުން ސަލާމަތްކަން ލިބިގަތުމަށެވެ. ތިމާއަށް ކުރެވޭ ހެޔޮ އަމަލުތައް ގިނަކޮށް ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބިގަތުމަށްޓަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން